ޕޮޗެޓީނޯ ދެއްކި ވާހަކަތަކެއްގެ ސަބަބުން ރެއާލް ރަތަށް

ލަންޑަން (މެއި 25) - ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ކުރިން ރެއާލް މެޑްރިޑްގެ ޓްރެއިނިން ސެންޓަރު ބޭނުންކުރުމާ ބެހޭގޮތުން ޓޮޓެންހަމްގެ ކޯޗު މައުރީސީއޯ ޕޮޗެޓީނޯ ދެއްކި ވާހަކަތަކެއްގެ ސަބަބުން ރެއާލުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.


ދާދިފަހުން ސްޕެއިނުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ސަމާސާ ކުރަމުން ޕޮޗެޓީނޯ ބުނީ ފައިނަލުގެ ކުރިން ޓޮޓެންހަމް ފަރިތަކުރާނީ މެޑްރިޑުގެ ޓްރެއިނިން ސެންޓަރެއް ކަަމަށްވާ ވަލްޑެބޭބަސްގައި ކަމަށާއި އެކޮމޮޑޭޝަން ހަމަޖެހިފައިހުރީ އެތަނުގެ ކައިރީގައި ހުންނަ ހޮޓަލެއްގައި ކަމަށެވެ.

"އަހަރެމެން އެދުނިން ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ގާތުގައި އަހަރެމެން ނިދާލަން ރެއާލުގެ ޓްރެއިނިން ސެންޓަރު ދޭން. އެކަމަކު ޕެރޭޒް ބުނީ އަހަންނަށް އެތަނުގައި ނިދޭނީ ރެއާލުގެ ކޯޗަކަށްވީ ދުވަހަކުން ކަމަށް،" ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯގެ މި ވާހަކަތަކާ ގުޅިގެން ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަގީގަތާ ހިލާފު އެފަދަ ވާހަކަތަކެއް ޕްރޮފެޝަނަލް ކޯޗެއްގެ ފަރާތުން އިވުމަކީ ލިބިގެންދިޔަ ހައިރާންކަމެއް ކަމަށެވެ.

"ރެއާލް މެޑްރިޑުން ފުޓްބޯޅައިގެ ހުރިހާ ފަރާތްތަކަށް ސާފުކޮށްދޭން ބޭނުން. ޔުއެފާ އާއި ލިވަޕޫލް އަދި ޓޮޓެންހަމުން އެދުނު ހުރިހާ ކަމެއް މި ކްލަބުން މި އަންނަނީ ފުރިހަމަކޮށްދެމުން. އެގޮތުން ރެއާލުގެ ޓްރެއިނިން ސެންޓަރާއި ޗޭންޖިން ރޫމްތައް ވާނީ ލިވަޕޫލާއި ޓޮޓެންހަމްގެ ފަރިތަކުރުންތަކަށް ދޫކުރަން ނިންމާފައި. އަދި އެ މުއްދަތުގައި ރެއާލުގެ ޓްރެއިނިން ސެންޓަރުގެ ހުރިހާ ހިދުމަތެއް ލިބޭނެ،" ރެއާލުން ނެރުނު ބަޔާނުގައިވެ އެވެ.

ރެއާލްގެ އޮފިޝަލަކު ސްޕެއިނުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޕޮޗެޓީނޯ ފަދަ ޕްރޮފެޝަނަލް ކޯޗެއްގެ ފަރާތުން ފެނިގެންދިޔައީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އޭނާ މަސައްކަތްކުރީ މީހުންގެ ހިތުގައި ރެއާލަށް ނަފްރަތު އިތުރުވާގޮތަކަށް ކަމުން އެއީ ފުޓްބޯޅައިގެ އުސޫލުތަކާ ހިލާފުކަމެއް ކަމަށެވެ.

ޓްރެއިނިން ފެސިލިޓީސްތަކާ ބެހޭގޮތުން ވާހަކަ ދައްކާނަމަ ޓޮޓެންހަމަކީ ދުނިޔޭގެ އެއް ވަނަ ކްލަބް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ ޕޮޗެޓީނޯ އަންނަ ސީޒަނުގައި ޓޮޓެންހަމުން ނުފެނުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ވަނީ ބުނެފަ އެވެ. ޕޮޗެޓީނޯ ގެންދަން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

އަންނަ ހޮނިހިރު ދުވަހު އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތައްޔާރުވުމަށް ޓޮޓެންހަމުން ރެއާލުގެ ޓްރެއިނިން ސެންޓަރު ބޭނުންކުރާނީ މި މަހު 30 ވަނަ ދުވަހާއި 31 ވަނަ ދުވަހު އެވެ. ލިވަޕޫލުން ބޭނުންކުރާނީ މެޗު ކުޅޭ ދުވަހުގެ ހެނދުނު ބާއްވާ ފަރިތަކުރުންތަކަށެވެ.