ޑި ލީޓް ގަންނަން ޔުނައިޓެޑުން މަޝްވަރާކުރަނީ

މެންޗެސްޓާ (މެއި 25) - ޔޫރަޕުގެ ވަރަށް ގިނަ ކްލަބްތަކަކުން ފާރަލަމުން އަންނަ އަޔަކްސްގެ އުއްމީދީ ޑިފެންޑަރު މެތިއަސް ޑި ލީޓް ގަންނަން މެންޗެސްޓާ ޔުނައިޓެޑުން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ޑި ލީޓް ވަނީ މީގެ ކުރިން އިންގްލެންޑްގެ ކްލަބް ލިވަޕޫލާ ވެސް ބައްދަލުކޮށްފަ އެވެ. އެކަމަކު އޭރު ޑި ލީޓްގެ ވިސްނުން ހުރީ ބާސެލޯނާ އަށް ބަދަލުވުމަށެވެ. އެކަމަކު ޑި ލީޓްގެ އޭޖެންޓް މިނޯ ރައިއޯލާގެ ބައެއް ހުށަހެޅުންތަކާ މެދު ބާސެލޯނާ އިން އެއްބަސްވުމުގައި ލަސްކުރަމުން އަންނާތީ އެ ފުރުސަތުގެ ބޭނުންހިފައި ޔުނައިޓެޑުން ވަނީ ޑި ލީޓާ ވާހަކަ ދައްކަން ފަށައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑާއި ރައިއޯލާ ވަނީ ބުރާސްފަތި ދުވަހު ލަންޑަންގައި ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމަކީ ރައިއޯލާ އޭޖެންޓްކަން ކުރަމުން އަންނަ ޔުނައިޓެޑްގެ ޕައުލް ޕޮގްބާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ތާވަލްކުރި ބައްދަލުވުމެކެވެ. އެކަަމަކު އެ ބައްދަލުވުމުގައި ވުޑްވާޑް ވަނީ ޔުނައިޓެޑުން ޑި ލީޓް ގަންނަން ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ.

އުމުރުން 19 އަހަރުގެ ޑި ލީޓް ހޯދަން ޔުނައިޓެޑުން މަސައްކަތް ފަށާފައިވާއިރު، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އަންނަނީ ޔުނައިޓެޑާ ގުޅުން ހުރި ޕޯސްޓްތަކަށް ލައިކްކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޑި ލީޓް ގަންނަން ޔުނައިޓެޑުން ކުރާ މަސައްކަތުގެ ތެރޭގައި އާޖެންޓީނާގެ ޑިފެންޑަރު މާކޯސް ރޯހޯ ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަދަލުތަކެއް ޔުނައިޓެޑްގެ ޓީމަށް ގެންނަން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ނިންމައިފަ އެވެ. އެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑުން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ލިޔޯނުގެ ފޯވާޑް މުސާ ޑެމްބެލޭ އާއި ސްވަންސީ އަށް ކުޅޭ ވޭލްސްގެ ވިންގް ޑެނިއަލް ޖޭމްސް ހިމެނެ އެވެ.