ޖަރުމަން ކަޕް ކާމިޔާބުކޮށް ކޮވަޗް މަގާމު ޔަގީންކޮށްފި

ބާލިން (މެއި 26) - ޖަރުމަނު ކަޕްގެ ފައިނަލުގައި އާރްބީ ލިޕްޒިގުގެ މައްޗަށް 3-0 އިން ކުރިހޯދައި ޖަރުމަނުގެ ފުޓްބޯޅަ ސީޒަނުގެ ދެ މުބާރާތް ކާމިޔާބުކޮށް ބާޔަން މިއުނިކްގެ ކޯޗު ނިކޯ ކޮވަޗް މަގާމުގައި ދެމިހުރުމުގެ ޔަގީންކަން ހޯދައިފި އެވެ.


މި ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ކޮވަޗް އަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވުނުއިރު އެ ޓީމަށް ލީގު ގެއްލޭނެ ކަމަށް ބެލެވުނެވެ. އެކަމަކު އަލުން ފޯމަކަށް އައިސް ބަޔާނުން ވަނީ މިދިޔަ ހަފްތާގައި ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފަ އެވެ. އަދި ރޭ ޖަރުމަނު ކަޕް ކާމިޔާބުކުރިއިރު، މިއީ ޖަރުމަނުގެ ދެ މުބާރާތުގެ ތަށްޓާ އެކު ބަޔާނުން ސީޒަން ނިންމާލި 12 ވަނަ ފަހަރެވެ.

ރޭގެ މެޗަށް ފަހު ކޮވަޗް ބުނީ ފާޑުކިޔުންތައް އަމާޒުވިއިރު ވެސް އޭނާ އަށް އަމިއްލަ ނަފްސާ މެދު ޔަގީންކަން އޮތް ކަމަށެވެ.

"އަހަރެން ހުރީ ހަމަޖެހިގެން. އަހަންނަށް އެނގޭ މިއީ ކިހާ އުނދަގޫ ވަޒީފާއެއް ކަން. އެކަމަކު ކޮންމެ ޓީމެއްގެ ވެސް ކޯޗެއްގެ މަގާމުގައި ދެމިހުންނަށް އެންމެ މުހިއްމުވާނީ ތަށި ހޯދުން. އެކަން ކުރެވިއްޖެ،" ކުރިން ބަޔާނަށް ކުޅުނު ކޮވަޗް ބުންޏެވެ.

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލިޕްޒިގުން ވަރުގަދަކޮށް ފެށި މި މެޗުގެ ކުރީކޮޅުގައި އެ ޓީމުން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެގޮތުން ޑެންމާކުގެ ފޯވާޑް ޔޫސުފް ޕޫލްސަން ބޮލުން ފޮނުވާލި ބާރު ބޯޅަ ބަޔާނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 29 ވަނަ މިނިޓްގައި ބަޔާނުން ލީޑުނެގީ ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ ޑޭވިޑް އަލަބާ ނަގައިިދިން ހުރަހަކުން ބޮލުންނެވެ.

ބަޔާނުން އަނެއް ދެ ގޯލު ކާމިޔާބުކުރީ މެޗުގެ ފަހު 12 މިނިޓް ތެެރޭގަ އެވެ. އެ ގޮތުން މެޗުގެ 78 ވަނަ މިނިޓްގައި ފްރާންސްގެ ޒުވާން މިޑްފީލްޑަރު ކިންގްސްލީ ކޯމަން ބަޔާނަށް ލީޑުފުޅާކޮށްދިންއިރު، އޭގެ ހަ މިނިޓް ފަހު ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ.

މިދިޔަ އަހަރުގެ ކަޕް ފައިނަލުގައި ބަޔާންގެ މައްޗަށް ކުރިހޯދީ އެއިންޓްރަކްޓް ފްރޭންކްފާޓް އެވެ. އޭރު ފްރޭންކްފާޓްގެ ކޯޗަކަށް ހުރީ ބަޔާނުގެ މިހާރުގެ ކޯޗު ކޮވަޗް އެވެ. ރޭގެ މެޗަށް ފަހު ބަޔާނުގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގާ ވަނީ ކޮވަޗްގެ މުސްތަގުބަލާ ބެހޭގޮތުން ވާހަަކަ ދައްކަަވައިފަ އެވެ.

"ކޮވަޗް އަންނަ ސީޒަނުގައި ބަޔާނުގައި ހުންނާނެތޯ އަހަރެމެން ސުވާލެއް ނުއުފައްދަން. އެކަމަކު ކާމިޔާބު ނުހޯދޭނަމަ ބަޔާނުގައި ސަޕޯޓަރުންގެ ޕްރެޝަރު އޮންނާނެ. ހުރިހާ ކަމެއް ނިމޭއިރު އެންމެ މުހިއްމީ ތަށި ހޯދުން. ކޮވަޗް އެ އޮތީ އެކަން ސާބިތުކޮށްދީފައި،" ރުމެނިގާ ވިދާޅުވި އެވެ.

އަންނަ ސީޒަނުގައި ބަޔާންގެ އަމާޒަކީ ޔޫރަޕްގައި ކާމިޔާބެއް ހޯދުން ކަމަށާއި އެކަމަށް ޓީމަށް ގެންނަން ޖެހޭ ބަދަލުތަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރުމެނިގާ ވިދާޅުވި އެވެ.