ޕްރިމިއާ ލީގަށް ބަދަލުވީ މޮރީނިއޯ އެދުމުން: އިބްރަހިމޮވިޗް

މެންޗެސްޓާ (ސެޕްޓެމްބަރު 5) - ޕްރިމިއާ ލީގަށް ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެދުމުން ކަމަށް އެ ޓީމާ މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ގުޅުނު ސްވިޑަންގެ ތަޖުރިބާކާރު ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.


އުމުރުން 34 އަހަރުގެ އިބްރަހިމޮވިޗް ވަނީ މީގެ ކުރިން ޔޫރަޕްގެ އެންމެ މަޝްހޫރު ލީގުތަކުގައި ކުޅެފަ އެވެ. އޭނާ ޔުނައިޓެޑާ ގުޅުނީ ޕީއެސްޖީ އަށް ހަތަރު އަހަރު ކުޅުމަށް ފަހު އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްފާއެއްގަ އެވެ.

އިބްރަހިމޮވިޗް ބުނީ ޔުނައިޓެޑާ ގުޅުނު އެންމެ ބޮޑު ސަބަބަކީ މޮރީނިއޯ ކަމަށެވެ.

"މޮރީނިއޯ އަކީ އެންމެ މޮޅު އެއް ކޯޗު. ވިސްނުމަށް ބަލާއިރު މުޅިން ތަފާތު ކޯޗެއް. އޭނާ އަށް އެނގޭ މޮޅުވާން ކުރަން ޖެހޭ ކަންތައްތައް. އެ ނިންމުންތައް ނިންމަން އޭނާ ފަހެއް ނުޖެހޭ. ޔުނައިޓެޑާ ގުޅެން ބޭނުންވި އެންމެ ބޮޑު އެއް ސަބަބަކީ މޮރީނިއޯއާ އެކު މަސައްކަތް ކުރަން ބޭނުންވުން،" އިބްރަހިމޮވިޗް ބުންޏެވެ.

މޮރީނިއޯއާ އެކު އިބްރަހިމޮވިޗް ވަނީ މީގެ ކުރިން އެކުގައި އިންޓަގައި މަސައްކަތްކޮށްފަ އެވެ. އިބްރަހިމޮވިޗް ބުނީ މީގެ ކުރިން ދެ ފަހަރަކު ޕްރިމިއާ ލީގަށް އައުމާ ގާތަށް ދިޔަ ކަމަށެވެ.

"ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގަށް އައުމާ ގާތަށް ދިޔަ. އާސެނަލާއި މެންޗެސްޓާ ސިޓީއާ އަހަރެން ވާހަކަ ދެއްކި. އެކަމަކު އެ ވަގުތު އަހަރެން ޕްރިމިއާ ލީގުގައި ކުޅެން ބޭނުމެއް ނުވީ،" އިބްރަހިމޮވިޗް ބުންޏެވެ.

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އިބްރަހިމޮވިޗް މިހާތަނަށް ވަނީ އެ ޓީމަށް ހަތަރު ލަނޑު ޖަހައިދީފަ އެވެ.