ހާއްސަ ކާމިޔާބީ އަށް ފަހު ކްލޮޕް ދިނީ ޔަގީންކަން

މެޑްރިޑް (ޖޫން 2) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ލިބުމަކީ ޕްރޮފެޝަނަލް ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތު ކަމަށާއި ބޭނުންވަނީ މި ފިޔަވަޅުމަތީގައި ލިވަޕޫލް ގޮވައިގެން ކުރިއަށް އޮތްތަނުގައި ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


ރޭގެ މެޗުގެ ކުރިން ކްލޮޕް އެންމެ ފަހުން ނުކުތް ހަ ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލް ގޮވައިގެން 2016 ވަނަ އަހަރުގެ ލީގު ކަޕާއި އެ އަހަރުގެ ޔޫރޮޕާ ލީގާއި މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ހިމެނެ އެވެ. ބަދުނަސީބު ފައިނަލުތަކުގެ ސިލްސިލާ ނިމުނީ ރޭ ކުޅުނު މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޓޮޓެންހަމް އަތުން 2-0 އިން މޮޅުވުމުންނެވެ.

"އެއްވެސް ހަކަތައެއް ނެތި ކުޅުންތެރިން ދެއްކި ހިތްވަރު ފެނިއްޖެ. މި ކުޅުންތެރިންނަށްޓަަކައި ވެސް އަހަރެން ވަރަށް ފަހުރުވެރިވަން. މިއީ ވަރަށް އާދަޔާހިލާފު ގޮތަކަށް ދިޔަ ސީޒަނެއް. މި ސީޒަން މި ނިމުނީ އަހަރެން އުއްމީދުކުރި ގޮތަށް ވުރެ ފުރިހަމަކޮށް،" ރޭގެ މެޗަށް ފަހު ކްލޮޕް ބުންޏެވެ. "އެންމެ ފަހުން ހަ ފަހަރު އަހަރެން ޗުއްޓީ އަށް ދިޔައީ ރިހި މެޑަލް ހިފައިގެން މި ފަހަރު އެކަން ބަދަލުކުރެވުމުން އަހަރެމެން އެންމެ ފުރިހަމަ އަށް އުފާފާޅުކުރާނަން."

ކްލޮޕް ބުނީ މިއީ ހަމައެކަނި އޭނާގެ ހަޔާތަށް ބަލާކަމުގައިވާނަމަ އެންމެ އުފާވެރި ވަގުތުތަށް ކަމަށެވެ. އަދި އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ވަރުގަދަ ސީޒަނަކަށް ފަހު ސަޕޯޓަރުންނަށް އުފާވެރިކަމެއް ގެނެސްދެވުން ކަމަށް ބުންޏެވެ.

މިއީ 2015 ވަނަ އަހަރު ލިވަޕޫލާ ހަވާލުވުމަށް ފަހު އެ ޓީމާ އެކު ކްލޮޕް ހޯދި ފުރަތަމަ ކާމިޔާބީ އެވެ. އޭނާ ބުނީ މިއީ ފެށުމެއް ކަމަށެވެ.

"މިއީ ފެށުމެއް. މި ޓީމުގައި ތިބި ކުޅުންތެރިންނަކީ ދިގު މުއްދަތުގެ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިން. އަހަރެމެން އަންނަ އަހަރު ވެސް އަންނާނީ ވާދަކުރަން. މި ޓީމަކީ ކޮންމެ ކާމިޔާބީ އެއް ހޯދަން ވެސް ވާދަކުރަން ޖެހޭނެ ޓީމެއް،" ކްލޮޕް ބުންޏެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގައި 97 ޕޮއިންޓް ހޯދި ނަމަވެސް ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގު ނުލިބެ އެވެ. ލިވަޕޫލަށް އެންމެ ފަހުން ލީގު ލިބުނީ މީގެ 29 އަހަރު ކުރިންނެވެ. ކްލޮޕް ބުނީ އަންނަ ސީޒަނުގައި ވެސް ލިވަޕޫލުން ނުކުންނާނީ ކުރިއަށް ވުރެން ވަރުގަދަކޮށް ކަމަށެވެ.

"އަބަދުވެސް އަހަރެމެންގެ ކާމިޔާބީއެއްގެ ބޮޑު ވާހަކަ އަށް ވާނީ މިހާރު އޮތްގޮތުން ޕްރިމިއާ ލީގު. އެއީ ލިވަޕޫލުން އަބަދުވެސް މަސައްކަތްކުރާނެ ކަމެއް،" ކުރިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ އެކު ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ލީގު ކާމިޔާބުކުރި ކްލޮޕް ބުންޏެވެ.

ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ޓޮޓެންހަމް ރޭގެ މެޗުން ބަލިވި ނަމަވެސް މިއީ އެ ޓީމަށް ނާކާމިޔާބި ސީޒަނެއްގެ ގޮތުގައި ނުދެކޭ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

"މިކަަހަލަ ކަންތައްތައް ތަޖުރިބާކުރަންޖެހޭނެ. އަހަރެމެންނަށް މިއީ ނާކާމިޔާބު ސީޒަނެއް ނޫން. ގިނަ އުނދަގޫތަކެއް ކުރިމަތިވި ސީޒަނެއްގައި ވޯލްޑް ކަޕް ފައިނަލް ނަގާފައި އެންމެ ބޮޑު މެޗު ކުޅެލުމަކީ ވެސް ޝަރަފެއް. އެކަމަކު މި ހިސާބުން މަަސައްކަތެއް ނުނިމޭ. ބޭނުންވަނީ އަލުން މި ހިސާބަށް އަންނަން،" ކުރިން ސައުތެމްޓަނާއި އެސްޕަންޔޯލަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިއްޖެނަމަ ޓޮޓެންހަމް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް މީގެ ކުރިން ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ. ރޭގެ މެޗަށް ފަހު މުސްތަގުބަލާ ބެހޭގޮތުން ޕޮޗެޓީނޯ ބުނީ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީއާ އެކު މަޝްވަރާކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އަންނަ ސީޒަނުގައި ވެސް ޓޮޓެންހަމުން އޭނާ ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ.