ވުލްވްސް ވަރުގަދަ ކުރުމަށް ބޮޑު ޕްލޭނެއް

އިނގިރޭސި ޗެމްޕިއަންކަން 1950 ގެ އަހަރުތެރޭގައި ތިން ފަހަރެއްގެ މަތިން ހޯދި ވުލްވަހެމްޓަން ވެންޑާސް (ވުލްވްސް) އަށް އިނގިރޭސި ޕްރިމިއާ ލީގުން ގެއްލުނީ 2012 ވަނަ އަހަރު ރެލިގޭޓްވުމުންނެވެ. އެކަމަކު މީގެ ދެ އަހަރު ކުރިން ޗައިނާގެ ވަރުގަދަ އިންވެސްޓްމަންޓް ކުންފުނި ފޮސުން ގްރޫޕުން ވުލްވްސް ގަނެ، އެ ޓީމު ކުރިއަށްގެންދާނެ މަގުޗާޓެއް އެކުލަވާލައިގެން ހޯދި ކުރިއެރުމުގެ ނަތީޖާ އަކީ މިދިޔަ އަހަރު ޕްރިމިއާ ލީގަށް އަލުން ޕްރޯމޯޓްވެ، ޕޯޗުގަލްގެ ނޫނޯ އެސްޕިރީޓޯ ސަންޓޯގެ ކޯޗުކަމުގައި ދެއްކި ތަފާތެވެ.


ވުލްވްސް ވަނީ ޕްރިމިއާ ލީގުގެ ހަތް ވަނައިގައި ނިންމައި 1980 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވެފަ އެވެ. އަންނަ އަހަރު އެ ޓީމު ޔޫރޮޕާ ލީގުގައި ކުޅޭނެ އެވެ.

ފޮސުން ގްރޫޕުން 2016 ވަނަ އަހަރު ވުލްވްސް ގަތްއިރު އެ ޓީމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ. ފުރަތަމަ ވެސް ފޮސުންގެ މަސައްކަތަކަށްވީ އެ ކްލަބްގެ ދަރަނިތައް ދައްކާ ހަލާސްކުރުމެވެ. އެކަން ފުރަތަމަ އަހަރު ތެރޭގައި ނިންމާލުމަށް ފަހު އަމާޒު ހިފީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު ކަމަށް ގިނަ ބަޔަކު އެއްބަސްވާ އިނގިރޭސި ޕްރިމިއާ ލީގުގައި ފައިތިލަ ސާބިތުކުރާށެވެ. އެ މަސައްކަތުގެ ފެށުމެއްގެ ގޮތުން 2017 ވަނަ އަހަރު މާޗް މަހު ޕޯޗުގަލްގެ ގަދަބާރު ޕޯޓޯގައި ހުރި ކޯޗު ނޫނޯ ގެނަ އެވެ. އެ އަށް ފަހު ވަރުގަދަ ޕްލޭނަކާ އެކު ޓީމެއް ބިނާކުރުމުގެ މަސައްކަތް ފެށި އެވެ.

ވުލްވްސް ކުރިއަށްގެންދިއުމަށާއި އެ ކްލަބް އޭޝިއާ އާއި ޔޫރަޕްގައި ބްރޭންޑަކަށް ހެދުމުގެ ގޮތުން ފޮސުން ގްރޫޕުން 10 އަހަރުގެ ޕްލޭނެއް އެކުލަވާލީ އެމެރިކަން ފުޓްބޯލް (އެންއެފްއެލް) އާއި އެންބީއޭގައި ވާދަކުރާ ވަރުގަދަ ބާސްކެޓްބޯޅަ ޓީމުތަކުގެ އެޑްވަޓައިސިން ޕާޓްނަރުންނާ މަޝްވަރާތަކެއް ކުރުމަށް ފަހު އެކަމަށް ހާއްސަ ކޮންސަލްޓަންޓުންތަކެއް ނަގައިގެންނެވެ. އެ މަސައްކަތުގެ އެންމެ ބޮޑުބައެއް ބަރޯސާވެފައި އޮތީ ޓީމު ނެރޭ ނަތީޖާތަކެއްގެ މައްޗަށް ކަމަށްވުމުން ފޮސުން ގްރޫޕުން ވަނީ ތަފާތު އުކުޅެއް ބޭނުންކޮށްފަ އެވެ. އެއީ މަޝްހޫރު ފުޓްބޯޅަ އޭޖެންޓް ޖޯޖް މެންޑޭސްގެ އެހީތެރިކަން ހޯދުމެވެ.

ފޮސުން ގްރޫޕްގެ ބައެއް މެމްބަރުންނާ އެކު ޖޯޖް މެންޑޭސް (ކ) ވުލްވްސްގެ މެޗެއް ބަލަނީ.

މެންޑޭސް، ވުލްވްސްގެ ބޮޑު އެހީތެރިޔާ

މަޝްހޫރު ގިނަ ކުޅުންތެރިންނާއި ކޯޗުންގެ އޭޖެންޓްކަން ކުރަމުން އަންނަ ގެސްޓިފިއުޓް ކުންފުނީގެ ވެރިޔާ މެންޑޭސް އަށް 2017 ވަނަ އަހަރު ފޮސުން ކުންފުނިން ވަނީ ހާއްސަ އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. އެ ގޮތުން ފޮސުން ގްރޫޕްގެ ބައެއް ކުންފުނިތަކުގެ ހިއްސާ ވެސް ދިނެވެ. ބަދަލެއްގެ ގޮތުން ފޮސުން ގްރޫޕުން އެންމެ ބޮޑަށް އެދުނު ކަމަކަށްވީ ވުލްވްސް ޓީމު ބިނާކުރުމަށް މެންޑޭސް އެހީތެރިވުމެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ތަރިންގެ އޭޖެންޓްކަން ކުރަމުން އަންނަ ސުޕަ އޭޖެންޓްގެ ނަމުން ވެސް މަޝްހޫރުވެފައިވާ މެންޑޭސްގެ އެހީތެރިކަމާ އެކު ވުލްވްސް އިން ވަނީ މިހާރުގެ ޓްރާންސްފާ މާކެޓްގެ އަގުތަކަށް ބަލާއިރު ނިސްބަތުން ކުޑަ އަގެއްގައި ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ހޯދައިފަ އެވެ. ޕޯޗުގަލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޔާއޯ މުޓީނިއޯ އާއި އަރަމުން އަންނަ ތަރި ރުބެން ނެވޭސްގެ އިތުރުން މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒް ފަދަ ތަރިންގެ ސޮއި ވުލްވްސް އިން ހޯދީ ޔޫރަޕްގެ ނަން މަޝްހޫރު އަދި ޗެމްޕިއަންސް ލީގުގައި ވެސް ކުޅޭ ޓީމުތަކުން ފާރަލަމުން އަންނަނިކޮށެވެ. ވުލްވްސްގައި މިހާރު އޮތް ޓީމުގައި ޕޯޗުގަލްގެ ފެންވަރު ރަނގަޅު ކުޅުންތެރިން ގިނަވީ މެންޑޭސްގެ ނުފޫޒުންނެވެ.

މެންޑޭސްގެ އެހީއާ އެކު ވުލްވްސް އިން ވަރުގަދަ ޓީމެއް ބިނާކުރަނީ ނުހައްގު ނުފޫޒު ބޭނުންކޮށްގެން ކަމަށް ބުނެ އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ގިނަ ކްލަބްތަކުން މީގެ ކުރިން މައްސަލަ ވެސް ޖެއްސި އެވެ. އެކަމަކު އީއެފްއެލް އާއި އެފްއޭ އިން އެ ކަންތައްތައް ބެލުމަށް ފަހު ނިންމީ އެ ކަމުގައި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. އެ މައްސަލައިގައި މެންޑޭސް އާއި ގެސްޓިފިއުޓުން ވެސް އެއްވެސް ވަރަކަށް މީޑިއާގައި ވާހަކަ ދައްކާފައިނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ވުލްވްސްގައި މިހާރު ތިބި ޕޯޗުގަލް ކުޅުންތެރިންގެ ނިސްބަތަށް ބަލާއިރު ޕޯޗުގަލް ފުރަތަމަ ޑިވިޝަނުގެ ހަތަރު ކްލަބަކަށް ވުރެން އެ ޓީމުގައި އެ ގައުމަށް ނިސްބަތްވާ ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕޯޗުގަލްގެ ގަދަ ދެ ބާރު ކަމަށްވާ ޕޯޓޯ އާއި ބެންފީކާގެ އެކެޑަމީން ތަމްރީންވެ، އެ ކްލަބްތަކުގެ ސީނިއާ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިންނެވެ.

ޕޯޗުގަލްގެ ރުބެން ނެވޭސް: އޭނާ ވުލްވްސް އަށް ސޮއިކުރީ ގިނަ ކްލަބްތަކަށް ނޫނެކޭ ބުނެފައި.

ވުލްވްސް އާއި މެންޑޭސް އެކުގައި މަސައްކަތްކުރާތާ ދެ އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ވުލްވްސް އިން ހޯދި ކާމިޔާބީގެ ސަބަބުން މުސްތަގުބަލުގައި އެ ޓީމަށް އިތުރު ކުރިއެރުން ހޯދުމުގެ ދޮރުވަނީ ހުޅުވިފަ އެވެ. އަދި ފޮސުން ގްރޫޕުގެ ވިސްނުމަކީ މެންޑޭސް ހޯދައިދޭ ފުރުސަތުތަކުގެ ތެރެއިން އިތުރަށް ޓީމު ވަރުގަދަކޮށް އިނގިރޭސި ވަރުގަދަ ޓީމުތަކުގެ ތެރެއަށް ވަނުމެވެ. އޭގެ އެންމެ މުހިއްމު ރޯލެއް އޮތީ ކޯޗު ނޫނޯ އަށެވެ. އޭނާ ދިގު މުއްދަތަކަށް ބަހައްޓަން ފޮސުން ގްރޫޕުން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މި ފަހަރު އިނގިރޭސި ގަދަބާރުތަކުގެ މައްޗަށް ވުލްވްސް އިން ހޯދި ބޮޑެތި ނަތީޖާތަކެވެ. ސިޓީއާ އެއްވަރުކުރިއިރު ލީގުގެ ގަދަ ހައެއްގައި ހިމެނޭ އަނެއް ފަސް ޓީމު ވެސް ބަލިކުރި އެވެ. ލިވަޕޫލްގެ މައްޗަށް ކުރިހޯދީ އެފްއޭ ކަޕްގަ އެވެ.

ޓްރެއިނިންގައި ނޫނޯގެ ތަފާތު ވިސްނުމެއް

ފުޓްބޯޅަ ކެރިއަރުގައި ގޯލްކީޕަރަކަށް ކުޅުނު މިހާރު އުމުރުން 45 އަހަރުގެ ނޫނޯ، 2012 ވަނަ އަހަރު ރިއޯ އޭވް އިން ކޯޗިން ކެރިއަރު ފަށައި ހޯދި ކުރިއެރުމުގެ ނަތީޖާ އަކަށްވީ ސްޕެއިނުގެ ގަދަބާރު ވެލެންސިއާގެ ކޯޗުކަން ލިބުމެވެ. އެ ޓީމުގައި ވެސް އެއް އަހަރު ހޭދަކުރުމަށް ފަހު އޭގެ ފަހުން ވަނީ ޕޯޓޯ އަށް ބަދަލުވެފަ އެވެ. ތަފާތު ދެ ގައުމެއްގައި ކޯޗިންގައި ކުރެވުނު ތަޖުރިބާއިންނާއި ކުޅުންތެރިޔެއްގެ ގޮތުގައި އެކި ކޯޗުންނާ އެކު މަސައްކަތްކުރިއިރު ސަންޓޯ އަށް ގިނަ ކަންތައްތަކެއް ދަސްވި އެވެ. އެކަމަކު އޭނާ އެންމެ ބޮޑަށް ސަމާލުކަން ދެނީ ކުޅުންތެރިންގެ ކެއުމަށެވެ. ރަނގަޅު ނިއުޓްރިޝަން ޕްލޭނެއް ހުރިހާ ކުޅުންތެރިން ގެންނަން ނޫނޯ ވަރަށް ބާރު އަޅަ އެވެ.

ރަނގަޅު ނިއުޓްރިޝަން ޕްލޭނެއް އެކުލަވާލުމަށް ނޫނޯ ވަނީ އެ ކްލަބްގެ ހެޑް އޮފް ނިއުޓްރިޝަން ޑރ. މަޔޫރް ރަންޗޯޑަސްއާ ބައްދަލުކޮށްފަ އެވެ. އަދި ނޫނޯ އަށް ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި އެކި ކަންތައްތައް ހިއްސާކޮށް ރަނގަޅު ޕްލޭނެއް ހެދި އެވެ. އަދި އަހަރުން އަހަރަށް ބޭނުންވާ ބަދަލުތައް ގެނެސް ކުރިއަށްދާނެ ގޮތް ކަނޑައެޅި އެވެ.

އެ ގޮތުން ކުޅުންތެރިންގެ ހެނދުނުގެ ނާސްތާ ހަމަޖެހިފައި އޮންނަނީ ޓްރެއިނިން ދަނޑުގަ އެވެ. އަދި ޓްރެއިނިން ނިންމާފައިދާއިރު 50 އިންސައްތަ އަށް ވުރެން ގިނަ ކުޅުންތެރިން ކާއެއްޗެހި ގެއަށް ގެންދާނެ އެވެ. ކާއެއްޗެހި ގެއަށް ގެންދާނީ ޓްރެއިނިންގައި އެ ކުޅުންތެރިންގެ ހަކަތަ އާއި އެކި ކަންތައްތައް ޓެސްޓް ކުރުމަށް ފަހު އިތުރުކުރަން ބޭނުންވާ ކުޅުންތެރިންނެވެ. ރަނގަޅު ވަގުތުގައި ކުޅުންތެރިން ނިދިތޯ ޗެކް ކުރުމަށް އެކި ޓެސްޓްތައް ކޮންމެ ޓްރެއިނިންގައި ހަދަ އެވެ. އަދި ކުޅުންތެރިން ކާނާ ބޭނުންކުރާ ގޮތް ބެލުމުގެ ގޮތުން ސްވެޓް ޓެސްޓާއި އެކި ކަހަލަ ޓެސްޓްތައް ގަވައިދުން ހަދަ އެވެ. މިއީ ނޫނޯ ގަވާއިދުން އެންމެ ބޮޑަށް ސަމާލުވެގެން ކުރާ ކަންތައް ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޑރ. މަޔޫރް ވެސް ވަނީ ބުނެފަ އެވެ.

ޕްލޭން އިތުރަށް ދައްމާލުމުގެ ވިސްނުން ފޮސުން ގްރޫޕްގެ އެބަހުރި

ފޮސުން ގްރޫޕުން ވުލްވްސް ކުރިއަށްގެންދަން އެންމެ ފުރަތަމަ ކަނޑައެޅީ 10 އަހަރުގެ ޕްލޭނެކެވެ. އެއީ ޕްރިމިއާ ލީގުގެ ގަދަ ބާރަކަށް އެ ޓީމު ހެދުމަށެވެ. އެކަމަކު އެ ޓާގެޓް އެ އަށް ވުރެން ކުރިއަށް ޖައްސަން ފޮސުން ގްރޫޕުން މަޝްވަރާކުރަމުން އަންނަ ކަމަށް ވުލްވްސްގެ އެކްޒެކްޓިވް ޗެއާމަން ޖެފް ޝީ ވަނީ ވިދާޅުވެފަ އެވެ.

ވުލްވްސްގެ ކޯޗު ނޫނޯ: އޭނާ ހޯދަން ގިނަ ޓީމުތަކުން މަސައްކަތްކުރޭ.

"އަހަރެން ދާދި ފަހުން ފޮސުންގެ ޗެއާމަން ގުއާއާ ބައްދަލުކުރިއިރު އޭނާ ގާތުގައި އެހިން ވުލްވްސް އަށް ދުނިޔޭގެ ފުޓްބޯޅައިގައި ލިބޭނެ ހުރިހާ ކާމިޔާބެއް ލިބުނީމަ މި ޓީމު ދޫކޮށްލާނަންތޯ. އެކަމަކު ގުއޯ ދިނީ އަހަރެން ހައިރާންވާވަރުގެ ޖަވާބެއް. އޭނާ ބުނީ ފޮސުން އިން ދުވަހަކު ވެސް ވުލްވްސް ނުވިއްކާނެ ކަމަށް،" ޝީ ވިދާޅުވި އެވެ.

ފޮސުންގެ ދައުރުގައި ކުރިމަތިލި ފުރަތަމަ ޕްރިމިއާ ލީގު ސީޒަނުގައި ހޯދި ނަތީޖާތަކުގެ ސަބަބުން އަންނަ އަހަރު ޔޫރަޕްގައި ކުޅެވުމަކީ ވުލްްވްސް ކުރިއަށްދާ ކަމުގެ އެންމެ ބޮޑު ހެކި ކަމަށާއި އެކަމަކު ވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަކަން ޝީ ފާހަގަކުރެއްވި އެވެ.

"އަހަރެމެން ފުރަތަމަ 10 އަހަރުގެ ޕްލޭން ހެދިއިރު ވިސްނީ ފަސް އަހަރުން ޔޫރަޕްގައި ކުޅެވޭނެ ކަމަށް. އެކަމަކު އެ އަށް ވުރެން އަވަހަށް އެކަން މިވީ. އެކަމަކު ވުލްވްސްގެ ވިސްނުމެއް ނެތް ގަވާއިދުން ބޭރުން އެއްވެސް ކަމެއް ކުރަން. ފައިނޭންޝިއަލް ފެއާ ޕްލޭ އަށް އިހުތިރާމްކުރާނަން. މިސްރާބުގައި ދާއިރު ބައެއް މަންޒިލް އަވަސް ވިޔަސް އަހަރެމެން ތިބޭނީ ހަމަބިމުގައި،" ޝީ ވިދާޅުވި އެވެ.

މިހާރު އެންމެ ބޮޑަށް ކުރެވޭ ކަމަކީ ވުލްވްސް ވަރުގަދަ ބްރޭންޑަކަށް ހެދުމުގެ މަސައްކަތް ކަމަށާއި ކުރިއަށް އޮތްތަނުގައި ވުލްވްސް އިން ތަފާތު ޓްރެއިނިން ކޭމްޕްތައް ކުރިއަށްގެންދާއިރު އެކަމަށް ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.

ވުލްވްސް އަށް މި ވަގުތަށް ބަލާއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ކޯޗު ނޫނޯ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބޭތީ އޭނާގެ މުސްތަގުބަލާ މެދު އުފެދޭ ސުވާލުތަކެވެ. ޝީ ވިދާޅުވީ ވުލްވްސް ކުރިއަށްގެންދިއުމުގައި ނޫނޯގެ ދައުރު ބޮޑުކަަމަށާއި އޭނާ އެ މަގާމުގައި ބަހައްޓަން ކްލަބަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި މިހާރު ވުލްވްސްގައި ތިބި ބައެއް ކުޅުންތެރިންނަކީ އެއްވެސް އަގެއްގައި ނުވިއްކާނެ ކުޅުންތެރިން ކަމަށް ޝީ ވިދާޅުވި އެވެ.