ސަލާހާ އެކު މުސްލިމުންނާ ދެކޮޅު ނަފުރަތުގެ ކުށްތައް މަދުވެއްޖެ

ލިވަޕޫލުގެ މުސްލިމް ކުޅުންތެރިޔާ މުހައްމަދު ސަލާހުގެ ސަބަބުން، އެ ކްލަބް ނިސްބަތްވާ މާސީސައިޑް ކައުންޓީގައި، މުސްލިމުންނާ ދެކޮޅު ހަރަކާތްތައް މަދުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.


އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީން ކުރި ދިރާސާ އިން ދައްކާ ގޮތުގައި އެ ސަރަހައްދުގައި މުސްލިމުންނަށް އަމާޒުކޮށް ހިންގާ ނަފުރަތުގެ ކުށްތައް 18.9 އިން ސައްތަ ދަށްވެފައިވާ ކަމަށެވެ. އެ މުއްދަތުގައި، އެހެން ބާވަތްތަކުގެ ކުށް ކުރުން މަދުވެފައި ނުވެ އެވެ. މީގެ އިތުރުން ލިވަޕޫލުގެ ސަޕޯޓަރުން މުސްލިމުންނާ ދެކޮޅު ޓްވީޓްތައް ކުރުން ދެބައިކުޅަ އެއްބައި މަދުވެފައިވާ ކަމަށް ވެސް ދިރާސާ އިން ދެއްކި އެވެ. އެއީ އިނގިރޭސި އެހެން ކްލަބްތަކުގެ ސަޕޯޓަރުންނާ ބަލާއިރު 7.2 އިންސައްތަ އިން 2.4 އިންސައްތަ ދަށްވުމެކެވެ.

މި ދިރާސާ ހެދުމުގައި ނަފުރަތުގެ ކުށްތަކުގެ 936 މައްސަލަ އާއި އިނގިރޭސި ފުޓްބޯޅަ ސަޕޯޓަރުންކޮށްފައިވާ 15 މިލިއަން ޓްވީޓްތައް ބެލުމުގެ އިތުރުން ލިވަޕޫލުގެ 8060 ސަޕޯޓަރުން ހިމެނޭ ދިރާސާއެއް ބޭނުންކުރި އެވެ.

މި ދިރާސާގެ ބޭނުމަކީ މަޝްހޫރު މީހުން ނުވަތަ ރޯލްމޮޑެލުންގެ ސަބަބުން މުޖުތަމައުތަކުގައި ނަފްރަތު އުފެދުން ހުއްޓުވިދާނެތޯ ބެލުމެވެ. ސަލާހު ލިވަޕޫލާ ގުޅުމާ އެކު، ނަފްރަތާއި ރުޅިވެރިކަމުގެ އަމަލުތައް، 1.8 މީހުން ދިރިއުޅޭ އެ ސަރަހައްދުން މަދުވި ކަމަށް ނިންމާފައިވާ ނިންމުމަށް މި ދިރާސާގެ ނަތީޖާ އިން ބާރުދެ އެވެ.

ސަލާހުގެ އިތުރުން ލިވަޕޫލުގައި މުސްލިމް އެހެން ތިން ކުޅުންތެރިޔަކު ކުޅެ އެވެ. އެއީ ސެނެގޯލްގެ ސަޑިއޯ މާނޭ އާއި ސްވިޒަލެންޑުގެ ޒެރްދާން ޝަގީރީ އަދި ގިނީގެ ނަބީ ކެއިޓާ އެވެ. އެކަމަކު ހުރިހާ ގޮތަކުން ވެސް އެންމެ މަގުބޫލީ ސަލާހެވެ. ލިވަޕޫލުން މި ދެ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށް ޕްރިމިއާ ލީގަށް ވާދަކޮށް އަދި މި ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގައި ސަލާހުގެ ގޯލްތައް މުހިއްމު ދައުރެއް އަދާކުރި އެވެ. ދަނޑު މަތީގައި އަދި ދަނޑު ބޭރުގައި ވެސް ސަލާހުގެ އަހުލާގުގެ ސަބަބުން އޭނާ އަށް ދުނިޔޭގެ އެތައް ބަޔެއްގެ ލޯބި ލިބިފައިވެ އެވެ. އޭނާ ލަނޑު ޖެހުމަށް ފަހު ޝުކުރުގެ ސަޖިދައެއް އާއްމުކޮށް ޖަހަ އެވެ. އަދި ގަވާއިދުން ހުކުރު ނަމާދަށް ގޮސް ސަޕޯޓަރުންނާ ވެސް ބައްދަލުކުރެ އެވެ.