އިންގްލެންޑުން ބަންގްލަދޭޝް ބަލިކޮށްފި

ކާޑިފް (ޖޫން 9) – ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ބަންގްލަދޭޝް އަތުން 106 ލަނޑުން މޮޅުވެ، ޕާކިސްތާން އަތުން ބަލިވި ބަލިވުމުގެ ހިތްދަތިލަން އިންގްލެންޑުން ފިލުވާލައިފި އެވެ.


މި މޮޅާ އެކު އިންްގްލެންޑް އޮތީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ތިން މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު ނިއު ޒީލެންޑެވެ. އެ ޓީމުން ވަނީ އިއްޔެ އަފްގާނިސްތާން އަތުން ހަތް ވިކެޓުން މޮޅުވެފަ އެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން މޮޅުވެ ހަތަރު ޕޮއިންޓާ އެކު، ނެޓް ރަން ރޭޓުގެ ތަފާތުން އޮސްޓްރޭލިއާ އެވެ. ހަތަރު ވަނައިގައި އޮތީ ތިން މެޗުން ހޯދި ތިން ޕޮއިންޓާ އެކު ސްރީ ލަންކާ އެވެ.

އިއްޔެ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 386 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 153 ލަނޑު ހެދި ޖޭސަން ރޯއީ އެވެ. ބަންގްލަދޭޝް ކުޅެން އަރައި 48.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެެގެން ފައިބަން ޖެހުނުއިރު ހެދިފައި އޮތީ 280 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 121 ލަނޑު ހެދި ޝަކީބް އަލް ހަސަނެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފައިނަލް މެޗު އޮންނާނީ ލަންޑަނުގެ ލޯޑްސްގައި ޖުލައި 14 ވަނަ ދުވަހު އެވެ.