ޔުއެފާ ނޭޝަންސް ލީގު ޕޯޗުގަލް ކާމިޔާބުކޮށްފި

ޕޯޓޯ (ޖޫން 10) – ނެދަލެންޑްސް 1-0 އިން ބަލިކޮށް ޕޯޗުގަލުން، ފުރަތަމަ ފަހަރަށް ބޭއްވި ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.


މިއީ ޕޯޗުގަލްގެ ފުޓްބޯޅަ ތާރީހުގައި ކާމިޔާބުކުރި ބައިނަލްއަގްވާމީ ދެ ވަނަ މުބާރާތެެވެ. އަނެއް މުބާރާތަކީ 2016 ވަނަ އަހަރުގެ ޔޫރޯ އެވެ. ދެ ފަހަރު ވެސް ކެޕްޓަންގެ ގޮތުގައި ތަށި އުފުލާލަދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަނެއްކޮޅުން އަމިއްލަ ގައުމުގައި ރޭ ހޯދި ކާމިޔާބީ އަކީ 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ފައިނަލުން ގްރީސް އަތުން ޕޯޗުގަލް ބަލިވި ބަލިވުމުގެ ހިތްދަތިކަން ފިލާނެ ކާމިޔާބެކެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވާޑް ރޮނާލްޑޯ އާއި އެންމެ މޮޅު އެއް ޑިފެންޑަރު ނެދަލެންޑްސްގެ ވާޖިލް ވެން ޑައިކުގެ ކުރިމަތިލުމެއްގެ ގޮތުގައި ފެނިގެން ދިޔަ މި މެޗުގައި ވެން ޑައިކް ވަނީ ރޮނާލްޑޯ ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ. އެކަމަކު 60 ވަނަ މިނެޓުގައި ގޮންކާލޯ ގުއެޑެސްގެ ޖެހި ގޯލުން ޕޯޗުގަލް ވަނީ ނަތީޖާ ނެރެފަ އެވެ.

"ފަސޭހަ ކަމެއްގެ ގޮތުގައި ފެނިދާނެ އެކަމަކު މިއީ ވަރަށް އުނދަގޫ ކަމެއް. އަހަރެން ދެކޭ ގޮތުގައި މި ކުޅުންތެރިންނަށް މަރުހަބާ ކިޔުން ހައްގު،" ރޮނާލްޑޯ ބުންޏެވެ. "މިދިޔަ އަހަރުތަކުގައި ގައުމީ ޓީމަށް ކަންކަން ރަނގަޅަށް ގޮސްފައިވާތީ އަހަރެން ޝުކުރުވެރިވަން. ޕޯޗުގަލުން މިވަނީ މުހިއްމު މުބާރާތްތަކެއް ކާމިޔާބުކޮށްފައި."

ފައިނަލުން ބަލިވި ނަމަވެސް ނެދަލެންޑްސް އަށް މި މުބާރާތް ނިސްބަތުން ކާމިޔާބެވެ. މިދިޔަ ވޯލްޑް ކަޕާއި ޔޫރޯ އިން ވެސް ޖާގަ ލިބުނު ޓީމު އަލުން އާރާސްތުކުރުމަށް ކޯޗު ރޮނާލްޑް ކޫމަން ކުރަމުން އަންނަ މަސައްކަތުގެ ކުރިއެރުން މި މުބާރާތުން ފެނިގެންދިޔަ އެވެ.

"އަހަރެމެން ވަރަށް ބޮޑު ކުރިއެރުންތައް ހޯދައިފިން. އަހަރެމެން ފަހުރުވެރިވާން ޖެހޭ. މިވަގުތު މާޔޫސްވެފައި ތިބި ނަމަވެސް އިސްއުފުލާލަން ޖެހޭ،" ވެން ޑައިކް ބުންޏެވެ.

މި މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި އިއްޔެ ސްވިޒަލެންޑް އަތުން ޕެނަލްޓީ ޖަހައިގެން 6-5 އިން މޮޅުވެ އިންގްލެންޑް ވަނީ ތިން ވަނަ ހޯދައިފަ އެވެ. މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ.

ޔުއެފާ ނޭޝަންސް ލީގަކީ ބައިނަލްއަގްވާމީ ވާދަވެރި މެޗުތަކެއް ގިނަ ގައުމުތަކަށް ހޯދައިދިނުމަށާއި ބޮޑު މުބާރާތެއް ނޯންނަ އަހަރެއްގައި ފުޓްބޯޅައިގެ ވާދަވެރިކަން ފެންނަ މުބާރާތެއް ބޭއްވުމަށް ޔުއެފާ އިން މިދިޔަ އަހަރު ފެށި މުބާރާތެކެވެ. ލީގު އޭ ގައި ހިމެނޭ ހަތަރު ގްރޫޕުގެ އެއް ވަނަ ޓީމުތައް ސެމީ ފައިނަލަށް ހޮވުނުއިރު، ފުލަށް ދިޔަ ޓީމުތައް ލީގު ބީ އަށް ވަނީ ރެލިގޭޓްވެފަ އެވެ. ލީގު ސީ އަދި ލީގު ޑީ ވެސް އޮންނާނީ ޕްރޮމޯޝަން އަދި ރެލިގެޝަން އުސޫލުންނެވެ. ސެމީ ފައިނަލުން ފުރުސަތު އޮންނާނީ އަބަދުވެސް ލީގު އޭ ގައި ހިމެނޭ ޓީމުތަކަށެވެ.