އިންޑިއާ އިން ޗެމްޕިއަން އޮސްޓްރޭލިއާ ބަލިކޮށްފި

ލަންޑަން (ޖޫން 10) – ކްރިކެޓް ވޯލްޑް ކަޕުގައި ރޭ ޗެމްޕިއަން އޮސްޓްރޭލިއާ އަތުން 36 ލަނޑުން މޮޅުވެ އިންޑިއާ އިން އެ ޓީމަށް ފޭވަރިޓުންގެ ޓެގްލައިން ހައްގުކަން ސާބިތުކޮށްދީފި އެވެ.


ފުރަތަމަ މެޗުގައި ދެކުނު އެފްރިކާ އަތުން މޮޅުވި މެޗުގައި ބޯލަރުންގެ ކުޅަދާކަން އިންޑިއާ އިން ދައްކާލިއިރު އިއްޔެ ލަންޑަނުގެ ދި އޯވަލްގައި ކުޅުނު މެޗުގައި ތަފާތު ދެއްކީ ބެޓްސްމަނުންނެވެ.

ޓޮސް ދިމާވުމުން ކުޅެން އަރައި އިންޑިއާ އިން 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 352 ލަނޑު ހެދި އެވެ. އެންމެ މޮޅަށް ކުޅުނީ، ފުރަތަމަ މެޗުގެ ކުރީކޮޅު ނުބައިވި ޝިކާރު ދަވަން އެވެ. އޭނާ ވަނީ 117 ލަނޑު ހަދައި ވޯލްޑް ކަޕުގައި އޭނާގެ ތިން ވަނަ ސައްތަ ހަމަކޮށްފަ އެވެ. ކުރީ މެޗުގައި ސައްތައެއް ހެދި ރޯހިތު ޝަރްމާ 57 ލަނޑު ހަދާފައިވަނިކޮށް ނުބައިވި ނަމަވެސް، ބަދަލުގައި އެރި ކެޕްޓަން ވިރާތު ކޯލީ ވަނީ 82 ލަނޑު ހަދައި އޭނާ ނެތްތަން ފޫބައްދައިފަ އެވެ. ކޯލީ ނުބައިވީ 49 ވަނަ އޯވަރުގެ ތެރޭގަ އެވެ. މީގެ އިތުރުން ފަހުން އެރި ހަރްދީޕް ޕަންޑަޔާ ވަނީ 27 ބޯޅައިން 48 ލަނޑު ހަދައި ތަފާތު ދައްކުވައިދީފަ އެވެ.

އޮސްޓްރޭލިއާ އިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހެދުނީ 316 ލަނޑެވެ. އެ ޓީމަށް އިނިންގްސްގެ ކުރީކޮޅު ރަނގަޅަށް ސްކޯނުކުރެވުނު ނަމަވެސް ކުރިއަށް ދިޔަވަރަކަށް ސްކޯރިން ރޭޓް ރަނގަޅުކުރި އެވެ. މައްސަލައަކަށް ދިމާވީ ކެޕްޓަން އާރޮން ފިންޗް 36 ލަނޑު ހަދާފައިވަނިކޮށް އިންޑިއާ އިން ރަން-އައުޓްކޮށްލުމުންނެވެ. އޭގެ ފަހުން ވެސް ރަނގަޅު ސްކޯއެއް ހަދަމުން ދަނިކޮށް މުހިއްމު ކުޅުންތެރިންތަކެއް އަނެއްކާ ނުބައިވެ އޮސްޓްރޭލިއާ އަށް ލަނޑު ހަމަކުރެވޭ ގޮތެއް ނުވި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 70 ބޯޅައިން 69 ލަނޑު ހެދި ސްޓީވަން ސްމިތާއި 84 ބޯޅައިން 56 ލަނޑު ހެދި ޑޭވިޑް ވޯނާ އެވެ.

ތާވަލުގެ އެއް ވަނައިގައި އޮތީ ތިން މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު ނިއު ޒީލެންޑެވެ. އިންގްލެންޑް ދެ ވަނައިގައި، އިންޑިއާ ތިން ވަނައިގައި އޮތްއިރު އޮސްޓްރޭލިއާ އޮތީ ހަތަރު ވަނައިގަ އެވެ. ތިން ޓީމަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފަރަގަކޮށްފައިވަނީ ނެޓް ރަން ރޭޓުންނެވެ. ޖުމްލަ 10 ޓީމު ވާދަކުރާ މުބާރާތުގެ ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.