އޮލިމްޕިކްސްގައި ކުޅެން ބުފޮން ބޭނުންވޭ

ރޯމް (ޖޫން 10) – އަންނަ އަހަރުގެ އޮލިމްޕިކްސްގައި އިޓަލީގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅުމަށް ފަހު، ރިޓަޔާކުރަން ޖިއަންލުއިޖީ ބުފޮން އުއްމީދުކުރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އުމުރުން 41 އަހަރުގެ ބުފޮން ވަނީ މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެކަމަކު އަދިވެސް ކްލަބް ކެރިއަރު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ފްރާންސްގެ ޕީއެސްޖީ އަށް ކުޅުމަށް ފަހު އަންނަ ސީޒަނުގައި އޭނާ އަނެއްކާ ވެސް ފެންނާނީ އިޓާލިއަން ލީގުގެ ކްލަބަކުންނެވެ.

އިޓަލީގެ އެންމެ މަޝްހޫރު ކުޅިވަރު ނޫސް ގަޒެއްޓާ ޑެއްލޯ ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި 23 އަހަރުން ދަށުގެ ޓީމަށް ނަގާ ސީނިއާ ތިން ކުޅުންތެރިންގެ ތެރޭ ހިމެނެން ބުފޮން ބޭނުންވާ ކަމަށެވެ. މާނައަކީ، 2006 ވަނަ އަހަރު އިޓަލީއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ، ރަން މެޑެއްޔަކާ އެކު ކެރިއަރު ނިންމާލަން ބޭނުންވުމެވެ. އޭނާ އަކީ 1996 ވަނަ އަހަރުގެ އޮލިމްޕިކްސްގައި އިޓަލީ ޓީމުގެ ރިޒާވް ކީޕަރެވެ. އެ ފަހަރު އިޓަލީ ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

އިޓަލީގެ ގައުމީ ޓީމުން އަލުން ފުރުސަތު ހޯދުމަށްޓަކައި އަންނަ ސީޒަނުގައި އޭނާ ގަވާއިދުން ކުޅެން ޖެހޭނެ އެވެ. އޭނާ އަންނަ ސީޒަނުގައި ފެނުން ގާތީ، ކެރިއަރު ފެށި ކްލަބް ކަމަށްވާ ޕާމާ ނުވަތަ އެޓަލާންޓާ އިން ކަމަށް ބެލެވެ އެވެ. ހާއްސަކޮށް އެޓަލާންޓާ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައިވާތީ ޔޫރަޕުގެ ތަޖުރިބާކާރު ގޯލްކީޕަރެއް އެ ޓީމަށް ބޭނުންވާނެ އެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން ވަނީ އެ ޓީމާ އެކު އިޓާލިއަން ކަޕާއި ޔުއެފާ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ ދުނިޔޭގެ ރެކޯޑް އަގެއްގައި 2001 ގައި ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު އިޓާލިއަން ލީގު ނުވަ ފަހަރު ކާމިޔާބުކުރި އެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް 1997-2018 އަށް 176 މެޗު ކުޅެދީފަ އެވެ.