ޔުނައިޓެޑަށް ރޫނީގެ ލަފައެއް

މެންޗެސްޓާ (ޖޫން 10) – ބޮޑުއަގުގައި މަޝްހޫރު ކުޅުންތެރިން ގަތުމުގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑުން ރަނގަޅު ޓީމެއް ބިނާކުރަން އެ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ގޮވާލައިފި އެވެ.


އެލެކްސް ފާގަސަން އަށް ފަހު ޔުނައިޓެޑް އަދި ވެސް ހަމަޔަކަށް ނޭޅެ އެވެ. ކުރީގެ ކުޅުންތެރިޔާ އޮލެ ގުނަ ސޯލްޝެއާ މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ހަވާލުވެ ނަތީޖާތައް ރަނގަޅުކުރި ނަމަވެސް އަނެއްކާ ވެސް އަޑިއަޅާލައި ޗެމްޕިއަންސް ލީގުން ވެސް ފުރުސަތެއް ނުލިބުނެވެ. އެހެންވެ އަންނަ ސީޒަނަށް ނަން މަޝްހޫރު ބައެއް ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކުރަން ވަނީ ވިސްނައިފަ އެވެ. އެކަމަކު ރޫނީގެ ވިސްނުން ތަފާތެވެ.

އެގޮތުން ރޫނީ ބުނީ 120 މިލިއަން ނުވަތަ 130 މިލިއަން ހަރަދުކޮށްގެން ނަޝް މަޝްހޫރު ކުޅުންތެރިން ގެނައުމުގައި ބަދަލުގައި 30 މިލިއަން ނުވަތަ 40 މިލިއަން ހަރަދުކޮށްގެން ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނަށް ވާނެ ފަދަ ހަޔެއްކަ ކުޅުންތެރިން ގެނެސް ޓީމު ބިނާކުރުން މާ ރަނގަޅުވާނެ ކަމަށެވެ. އޭރުން ގިނަ ދުވަސްތަކެއް ވަންދެއް ދެމި އޮންނާނެ ވަރުގަދަ ޓީމެއް އެ ކުޅުންތެރިން ވަށައިގެން ބިނާކުރެވޭނެ ކަމަށް އޭނާ ބުންޏެެވެ.

"މިސާލަކަށް ބުނަންޏާ ގެނެވިދާނެ ރޮނާލްޑޯ، ސާޖިއޯ ރާމޯސް އަދި ލިއޮނަލް މެސީ ނުވަތަ ގަރެތު ބޭލް ވެސް. އޭރުން 300 ނުވަތަ 350 މިލިއަން ހަރަދުވާނެ. ރޮނާލްޑޯއާ އެކު ދެ އަހަރު ލިބިދާނެ. ރާމޯސްއާ އެކު ވެސް އަހަރުތަކެއް ލިބިދާނެ. އެކަމަކު ދެން އެ ހިސާބުން އެ ފައިސާގެ ބޭނުން ދިޔައީ. ކްލަބް އެބަޖެހޭ ޒުވާން ކުޅުންތެރިންނާ އެކު އަލުން ބިނާކުރަން. އެކަމަކު އެ ކުޅުންތެރިން ވެސް ވާން ޖެހޭނެ ރަނގަޅު ފެންވަރުގެ ކުޅުންތެރިންނަށް،" މިހާރު އެމެރިކާގެ މޭޖާ ލީގުގެ ޑީ.ސީ ޔުނައިޓެޑަށް ކުޅޭ ރޫނީ ބުންޏެވެ.