ފީފާ އިން ލަންކާ އާއި މަކާއޫގެ މެޗު ކެންސަލްކޮށްފި

މިރޭ ސްރީ ލަންކާގައި ކުޅެން ހަމަޖެހިފައި އޮތް ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ މެޗަށް ސަލާމަތީ ސަބަބުތަކާ ހުރެ މަކާއު ޓީމުން އަންނަން ދެކޮޅު ހަދާފައިވަނިކޮށް ފީފާ އިން އެ މެޗު ކެންސަލްކޮށްފި އެވެ.


ބުރާސްފަތި ދުވަހުގެ ރޭ މަކާއުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އެ ޓީމު ވަނީ 1-0 އިން މޮޅުވެފަ އެވެ. ލަންކާގެ ސުގަތަދާސާ ސްޓޭޑިއަމްގައި މިރޭ ކުޅެން ހަމަޖެހިފައި އޮތް މެޗަށް އެ ގައުމަށް އަންނަން މަކާއު އިން ދެކޮޅު ހެދީ މިދިޔަ އޭޕްރީލް މަހު 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު އެ ގައުމަށް ނުދިއުމަށް ގިނަ ގައުމުތަކުން އަންގާފައިވާތީ އެވެ.

މަކާއުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ލަންކާގައި ދެ ވަނަ ލެގު ނުކުޅެ އެ މެޗު ނިއުޓްރަލް ވެނިއުއެއްގައި ކުޅުމަށް އެދިފަ އެވެ. އެއީ ލަންކާގައި އެ މެޗު ކުޅެވޭނެ މިންވަރަށް ސަލާމަތީ ކަންތައްތައް ރަނގަޅުކުރެވިފައިނުވާ ކަމަށް ބުނުމަށް ފަހު އެވެ.

އެކަމަކު މަކާއުގެ އެ އެދުމާ ދެކޮޅަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗު ކުޅެވޭ ވަރަށް ލަންކާގެ ސަލާމަތީ ކަންތައްތައް ރަނގަޅުކުރެވިފައިވާ ކަމަށާއި މިއީ ލަންކާގެ ހާލަތު ރަނގަޅުވެފައިވާ ކަމުގެ ހެކި މުޅި ދުނިޔެ އަށް ދައްކާލަން އެ ގައުމަށް ލިބޭނެ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ލަންކާ ފެޑެރޭޝަނުން އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަކާއޫ އިން ލަންކާ އަށް ދަތުރުކުރަން ދެކޮޅު ހެދުމުން ފީފާ އިން މިހާރު ވަނީ އެ މެޗު ކެންސަލްކުރަން ނިންމާފައި ކަމަށެވެ. އަދި މެޗު ކުޅޭނެ ވަކި ތާރީހެއް އަދި އަންގާފައިނުވާ ކަމަށެވެ.

ރާއްޖޭގެ ކްލަބް އީގަލްސް އަށް ކުޅޭ ގޯލްކީޕަރު ސުޖަން ޕެރޭރާ އަކީ ލަންކާގެ ކެޕްޓަނެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ޒިންމާ ނަގާފައިވާ ލަންކާގެ ޓެރަރިޒަމް ހަމަލާތަކުގައި 250 އަށް ވުރެން ގިނަ މީހުން މަރުވިއިރު، އޭގެ ތެރޭގައި އެހެން ގައުމުތަކުގެ 42 މީހުން ހިމެނެ އެވެ. ލަންކާ އަށް ދިން މި ހަމަލާއާ ގުޅިގެން ގިނަ ގައުމުތަކުން އެ ދުވަސްވަރު ވަނީ ލަންކާ އަށް ދަތުރުނުކުރަން ލަފާދީފަ އެވެ. އެކަމަކު ފަހަކަށް އައިސް ގިނަ ގައުމުތަކުން ލަންކާ އަށް ދަތުރުނުކުރަން ދިން ލަފާ ވަނީ އަނބުރާ ގެންގޮސްފަ އެވެ.