ބަޓިސްޓޫޓާ އެނބުރި ފިއޮރެންޓީނާ އަށް؟

ފްލޮރެންސް (ޖޫން 12) – އިޓަލީގެ ބިލިއަނަރު ރޮކޯ ކޮމިޝޯ ފިއޮރެންޓީނާ ބައްލަވައިގަނެ އެ ކްލަބް އަލުން ވަރުގަދަ ކުރުމަށްޓަކައި، ޑިރެކްޓަރެއްގެ ރޯލަށް ކްލަބުގެ ލެޖެންޑް އާޖެންޓީނާގެ ގެބްރިއަސް ބަޓިސްޓޫޓާ ގެންނަން މަސައްކަތް ފަށްޓަވައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ފިއޮރެންޓީނާ އިން ވަނީ ޑިރެކްޓަރު ޕަންޓަލެއޯ ކޮވީނޯ މަގާމުން ވަކިކޮށްފަ އެވެ. އެ މަގާމަށް ބަޓިސްޓޫޓާ ގެންނަން ވާހަކަތައް ބާއްވައިފައިވީ ނަމަވެސް އޭނާ އަދާކުރާނެ ޒިންމާތައް އަދި މުޅިން ސާފެއް ނޫނެވެ.

މިދިޔަ ސީޒަނުގައި ރެލިގޭޝަނުން ކިރިޔާ ސަލާމަތްވި ފިއޮރެންޓީނާ އަލުން ބާރަކަށް ހެދުމަށް ކޮމިޝޯ ބޮޑު ހޭދައެއް ކުރައްވާނެ އެވެ. އަދި ކޯޗަކަށް އޭސީ މިލާނުގެ ކުރީގެ ކޯޗު އަދި ކުޅުންތެރިޔާ ޖެނާރޫ ގަޓޫސޯ ގެންނަން މަސައްކަތްކުރާކަމަށްވެ އެވެ. އިޓަލީގެ ގަދަ ޓީމުތަކުން ސަފުން ފަހަކަށް އައިސް ފިއޮރެންޓީނާ ވަނީ ގެއްލިފަ އެވެ.

ބަޓިސްޓޫޓާ ވަނީ 1991-2000 އަށް ފިއޮރެންޓީނާ އަށް 333 މެޗު ކުޅެދީ 207 ގޯލް ޖަހައިދީފަ އެވެ. އެ ޓީމާ އެކު 1993 ވަނަ އަހަރު އިޓަލީ ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް އަދި 1996 ވަނަ އަހަރު އިޓާލިއަން ކަޕް ކާމިޔާބުކުރި އެވެ.