ޕޮގްބާ ހޯދުމުގެ މަސައްކަތް ރެއާލުން ވަރުގަދަކުރަނީ

މެޑްރިޑް (ޖޫން 13) - ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ވަރުގަދަކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީގެ އެޑެން ހަޒާޑް، ފްރޭންކްފާޓްގެ ލޫކަ ޔޯވިޗް، ޕޯޓޯގެ އެޑާ މިލިޓާއޯ، ލިޔޯނުގެ ފޭލަންޑް މެންޑީ އަދި ބްރެޒިލްގެ އުއްމީދީ ކުޅުންތެރިޔާ ރޮޑްރީގޯގެ ސޮއި ހޯދަން 300 މިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ. އަދި އިތުރު ކުޅުންތެރިންނަށް ވެސް ރެއާލުން އަންނަނީ ފާރަލަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުން ދެން ބޭނުންވަނީ ޕޮގްބާ އެވެ. ރެއާލުގެ ކޯޗުކަމާ ޒިނެދިން ޒިދާން އަލުން ހަވާލުވުމުން ޕޮގްބާ އެ ޓީމާ ގުޅޭނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ޒިދާން ވެސް ވަނީ ޕޮގްބާ ގެނައުމުގެ ޝައުގުވެރިކަން ހުރިކަމަށް މީގެ ކުރިން ބުނެފަ އެވެ.

ހޯސޭ މޮރީނިއޯ ޔުނައިޓެޑުގެ ކޯޗުކަމުގައި ހުރިއިރު ޕޮގްބާއާ މައްސަލަ ޖެހި އޭނާ ދެންމެ ދެންމެ ކްލަބް ދޫކޮށްލަފާނެހެން ހީވި އެވެ. އެކަމަކު އާ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ އެކު ނަތީޖާތައް ރަނގަޅުވެ އަދި ކޯޗާ ވެސް ގުޅުން ރަނގަޅުވުމުން ބެލެވުނީ އޭނާ ވެސް މަޑުކުރާނެ ކަމަށެވެ. އެކަމަކު ސީޒަނުގެ ފަހު ކޮޅުގައި ޕޮގްބާގެ ކުޅުން ދަށްވިއިރު އަލުން އޭނާ ކްލަބް ބަދަލުކުރަން ބޭނުންވި އެވެ.

ރެއާލުން މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުމާ އެކު ޕޮގްބާ ހޯދުމަށް މަޝްވަރާކުރަން ފެށި އެވެ. އެކަމަކު އޭރު ޔުނައިޓެޑުން ޕޮގްބާ ދޫކޮށްލަން ކީ އަގު ބޮޑުވުމުން އެ ޑީލް ކުރިއަށްގެންދަން ރެއާލުން ބޭނުންނުވި އެވެ. ޔުނައިޓެޑުން އޭރު ބޭނުންވީ ޕޮގްބާ 180 މިލިއަން ޔޫރޯ އަށް ވިއްކާލާށެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އަންނަނީ ރެއާލަށް ކުޅޭ ވޭލްސްގެ ވިންގް ގަރެތު ބޭލް ހޯދަން މަސައްކަތްކުރަމުންނެވެ. ޒިދާނުގެ ޕްލޭނުގައި ބޭލް އަށް ފުރުސަތެއް ނެތް ކަމަށް ބުނެފައިވީ ނަމަވެސް ބޭލް ވަނީ އެ ޓީމުގައި މަޑުކުރާނެކަމަށް ބުނެފަ އެވެ. އެކަމަކު ރެއާލުން ޕޮގްބާ ހޯދަން ކުރާ މަސައްކަތުގެ ތެރެއިން ބޭލް ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ. އަދި އިތުރު ކުޅުންތެރިއަކު ވެސް ލޯން އުސޫލުން ޔުނައިޓެޑަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު ކްރޮއޭޝިއާގެ މަޓެއޯ ކޮވަސިޗް އެވެ.

ޕޮގްބާ ހޯދަން ކުރާ މަސައްކަތް ކާމިޔާބުނުވެއްޖެނަމަ ރެއާލުން ދެން މަސައްކަތްކުރާނީ ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން ހޯދާށެވެ. އެރިކްސަން ވަނީ ރެއާލުގެ ހުށަހެޅުމެއްގެ އިންތިޒާރުގައި ހުރި ކަމަށް ބުނެފަ އެވެ. ރެއާލުން އެރިކްސަން ހޯދަން ކުރާ މަސައްކަތުގެ ތެރެއިން ވެސް ބޭލް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕޮގްބާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ އަށް އެންމެ ރަނގަަޅަށް ނުކުޅެވެނީ އިންސާފުވެރި ނޫން ގޮތަކަށް ފާޑުކިޔުންތައް އަމާޒުވާތީ ކަމަށެވެ.

ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ އަށް އެ ޓީމުން އެކަށީގެންވާ ފުރުސަތެއް ނުލިބޭތީ 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ބަދަލުވި އެވެ. ޔުނައިޓެޑުން އޭނާ އަލުން ގެނައީ 2016 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 95 މިލިއަން ޔޫރޯ އަށެވެ.