ބްރެޒިލް ތިން ކުޅުންތެރިޔަކު ޗައިނާ ގައުމީ ޓީމަށް

ޝަންހާއީ، ޗައިނާ (ޖޫން 14) - ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޗައިނާ އިން ކުރާ މަސައްކަތުގެ ތެރެއިން، ޗައިނީސް ސުޕަ ލީގުގައި ކުޅޭ ބްރެޒިލްގެ ތިން ކުޅުންތެރިއަކަށް ޗައިނާގެ ރަށްވެހިކަން ދިނުމަށް ފަހު އެ ކުޅުންތެރިން ގައުމީ ޓީމަށް ކުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އިންގްލެންޑަށް އުފަން އާސެނަލް ޔޫތު ޓީމުގެ މިޑްފީލްޑަރު ނިކޯ ޔެނަރިސް ވަނީ ޗައިނާގެ ރަށްވެހިކަން ހޯދައި، މި މަހު ހަތް ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ޗައިނާ ކުޅުނު މެޗުގައި އެ ޓީމަށް ކުޅެފަ އެވެ. އިންގްލެންޑްގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުނު ޔެނަރިސް އަކީ ރަށްވެހިކަން ހޯދައިގެން ޗައިނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ. ޗައިނާގެ ބެއިޖިން ގުއޯން އަށް ކުޅެމުން އަންނަ ޔެނަރިސް އަށް ޗައިނާގެ ރަށްވެހިކަން ލިބުން ފަސޭހަވީ އޭނާގެ މަންމަ އަކީ ޗައިނާގެ ރައްޔިތަކަށްވުމުންނެވެ.

ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޔެނަރިސް ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ޗައިނާގެ އެފްއޭއާ ވާހަކަ ދެއްކުމަށް ފަހު ޗައިނާގެ ކޯޗު އިޓަލީގެ ތަޖުރިބާކާރު ކޯޗު މާސެލޯ ލިއްޕީ މިހާރު ނިންމާފައިވަނީ ބްރެޒިލްގެ ތިން ކުޅުންތެރިއަކަށް ވެސް ޗައިނާ އިން ފުރުސަތު ދޭށެވެ. އެއީ ޗައިނާ ލީގުގައި ކުޅެމުން އަންނަ ބްރެޒިލްގެ އެލްކެސަން، ރިކާޑޯ ގޫލާޓް އަދި ފެނާންޑޯ އެވެ.

އޭގެތެރެއިން ޝަންހާއީ އެސްއައިޕީޖީ އަށް ކުޅޭ އުމުރުން 29 އަހަރުގެ އެޓޭކިން މިޑްފީލްޑަރު އެލްކެސަން އަށް ޗައިނާގެ ރަށްވެހިކަން ދިނުމުގެ ހުރިހާ ކަމެއް ވަނީ ނިމިފަ އެވެ. އަދި ސެޕްޓެމްބަރު މަހުގެ ވޯލްޑް ކަޕް ކޮލިފައިންގައި އޭނާ އަށް ކުޅެވޭނެ ކަމުގެ ފުރުސަތު ބޮޑެވެ.

އެހެން ނަމަވެސް ގޫލާޓާއި ފެނާންޑޯ އަށް ރަށްވެހިކަން ލިބުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ އެ ދެ ކުޅުންތެރިންނަށް ކޮލިފައިންގައި ކުޅެވޭނީ ފަހުންނެވެ. އެކަމަކު ޗައިނާ އިން އުއްމީދުކުރަނީ ލަސްވެގެން ކޮލިފައިންގެ ތިން ވަނަ މެޗުން ފެށިގެން ތިން ކުޅުންތެރިން ވެސް ބޭނުންކުރުމަށެވެ.

އިޓަލީގެ ކޯޗު ލިއްޕީ އަލުން ޗައިނާ ޓީމާ ހަވާލުވީ މިދިޔަ މަހު. -- ފޮޓޯ: އޭއެފްޕީ

އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލިއްޕީ ދެ ވަނަ ފަަހަރަށް ޗައިނާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ މަހު އެވެ. އެއީ މަގާމު ދޫކޮށްލިތާ ހަތަރު މަސް ފަހުންނެވެ. ލިއްޕީ އަށް ފަހު ޗައިނާގެ ކޯޗަކަށް އިޓަލީގެ ޑިފެންޑަރު ފަބިއޯ ކަނަވާރޯ ވެސް މަސައްކަތްކުރި އެވެ. ލިއްޕީ އެނބުރި ޗައިނާ ޓީމަށް އަލުން އައިއިރު ޝަރުތުކުރި އެއް ކަމަކީ އެހެން ގައުމުތަކުގެ ކުޅުންތެރިންނަށް ޗައިނާ އަށް ކުޅުމުގެ ހުއްދަ ދިނުމަށެވެ. އޭނާ ގެނައީ އެކަމަށް އެއްބަސްވެގެންނެވެ. ލިއްޕީ އަލުން ހަވާލުވި ފަހުން ޗައިނާ ކުޅުނު ދެ މެޗުން ވަނީ މޮޅުވެފަ އެވެ.

ޔޫއޭއީގައި އޮތް މި ފަހަރުގެ އޭޝިއަން ކަޕް ކާމިޔާބުކުރި ގަތަރު ޓީމުގައި ވެސް އެފްރިކާ އާއި ދެކުނު އެމެރިކާ އަށް އުފަން ގިނަ ކުޅުންތެރިން ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ގަތަރުން 2022 ވަނަ އަހަރު އެ ގައުމުގައި އޮންނަ ވޯލްޑް ކަޕަށް ނުކުންނަ ޓީމުގެ ބޮޑު އިންސައްތަ އެއް ހިއްސާކުރާނީ އެހެން ގައުމުތަކަށް އުފަން ގަތަރަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ކުޅުންތެރިންނެވެ.