ސިއްހީ ހާލަތު ގޯސްވުމުން މަރަޑޯނާ ޓީމު ދޫކޮށްލައިފި

މެކްސިކޯ ސިޓީ (ޖޫން 14) – ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން، އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ކޯޗުކޮށްދެމުން އައި މެކްސިކޯގެ ދެ ވަނަ ޑިވިޝަން ކްލަބް ޑޮރަޑޮސް ޑި ސިނަލޯގެ މަގާމުން އިސްތިއުފާދީފި އެވެ.


މަޝްހޫރު ފުޓްބޯޅަ ކޯޗު ޕެޕް ގާޑިއޯލާ ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ފަހުން ފެނުނު ކްލަބް ކަމަށްވާ ޑޮރަޑޮސްއާ މަރަޑޯނާ ހަވާލުވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ޓީމު މެކްސިކޯ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދޭން އަމާޒުހިފި މަރަޑޯނާ އަށް އެކަން ކާމިޔާބުނުވީ މިދިޔަ މަހު ކުރީކޮޅުގައި ކުޅުނު ޕްލޭއޮފް މެޗުން ބަލިވުމުންނެވެ. ޑޮރަޑަސް ފުރަތަމަ ޑިވިޝަނަށް ނުގެންގޮސްދެވުމުން ފުން ހިތާމައެއް ކުރިމަތިވެފައިވާ ކަމަށް މަރަޑޯނާ އޭރު ވަނީ ބުނެފަ އެވެ.

އުމުރުން 58 އަހަރުގެ މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޑޮރަޑޮސްގެ ކޯޗުކަމުން މަރަޑޯނާ ވަކިވާން ނިންމާފައިވާ ކަމަށާއި އެއީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން ނިންމި ނިންމުމެއް ކަމަށެވެ. އަދި ސިއްހީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މަރަޑޯނާގެ ކޮނޑާއި ކަކުލުގެ އޮޕަރޭޝަންތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ ޔޫއޭއީގެ އަލް ފުޖައިރާ އިން މިދިޔަ އަހަރު އޭޕްރިލް މަހު ވަކިވީ ވެސް އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްނުދެވުމުންނެވެ. މީގެ ކުރިން ޔޫއޭއީގެ އަލް ވަސްލް އަށް ވެސް ކޯޗުކޮށްދިން މަރަޑޯނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. އޭނާ އަށް އާޖެންޓީނާގެ ގައުމީ ކޯޗުކަން 2008 އިން 2010 އަށް ލިބުނު ނަމަވެސް، މާބޮޑު ކަމެއް ނުކުރެވުނެވެ. އެގޮތުން ލިއޮނަލް މެސީ ފަދަ ކުޅުންތެރިންނާ އެކު ފޭވަރިޓުންގެ ގޮތުގައި ނުކުމެ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ކެޓީ އެވެ.

މިދިޔަ މަހު މަރަޑޯނާ ވަނީ މި ސީޒަނަށް ފަހު އޭނާ ޑޮރަޑޮސް ދޫކޮށްލަފާނެ ކަމަށް ބުނެފަ އެވެ. އެއީ ބައެއް ރެފްރީން އޭނާއާ ޒާތީ ގޮތުން ބައެއް ނިންމުންތައް އެ ޓީމާ ދެކޮޅަށް ނިންމާ ކަމަށް ތުހުމަތުކުރުމަށް ފަހު އެވެ.

ދާދި ފަހުން ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މަރަޑޯނާ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް އަލުން ގަދަބާރަކަށް ހަދައި އެ ޓީމަށް ކާމިޔާބު ހޯދައިދެވޭނެ ކޯޗަަކަށް ހުރީ އޭނާ ކަމަށާއި އެ ޒިންމާ ހަވާލުކޮށްފިނަމަ ބަލައިގަންނަން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.