މިލިއަން ޑޮލަރުގެ ތަރި ސޭމް ކާ ތަފާތު ދައްކަނީ

އޮސްޓްރޭލިއާގެ ސީނިއާ އަންހެން ފުޓްބޯޅަ ޓީމަށް 2009 ވަނަ އަހަރު އޭރު އުމުރުން އެންމެ 15 އަހަރުގައި ސަމަންތާ ކާ (ސޭމް ކާ) މެޗެއް ކުޅެދީ ގިނަ ބަޔެއްގެ ސަމާލުކަން ހޯދީ އޭނާ ރަސްމީކޮށް ފުޓްބޯޅަ ކުޅެން ފެށިތާ ތިން އަހަރު ފަހުންނެވެ. ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެދިންތާ ދިހަ އަހަރު ފަހުން އޮސްޓްރޭލިއާ ކެޕްޓަން ބޭންޑް އަޅައިގެން މިހާރު ފްރާންސްގައި ކުރިއަށްދާ އަންހެން ވޯލްޑް ކަޕްގައި ސޭމް ކާ ކުޅެމުން އަންނައިރު، އޭނާ އަކީ އަންހެން ފުޓްބޯޅައިގައި އޮސްޓްރޭލިއާ އިން އެންމެ ފުރަތަމަ އަހަރެއްގެ ތެރޭގައި އެއް މިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ކުޅުންތެރިޔާ އެވެ.


އެމެރިކާގެ ޝިކާގޯ ރެޑް ސްޓާ އަށް ކުޅެމުން އަންނަ ސޭމް ކާ އަކީ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ނައިކީން މުޅި ދުނިޔެ އަށް ކަނޑައެޅި އަންހެން އެމްބެސަޑަރެވެ. އެ ހަފްލާގައި ސޭމް ކާ ބައިވެރިވިއިރު، އޭނާއާ އެކު ދެން ހުއްޓިގެން ހުރީ ފްރާންސާ އެކު މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކިލިއަން އެމްބާޕޭ އާއި ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހާސިލްކޮށްފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އާއި އެމްބާޕޭއާ އެއް ސްޓޭޖަކުން ނައިކީގެ މިލިއަން ޑޮލަރުގެ އިސްތިހާރު ޕްރޮޖެކްޓެއްގެ ތެރެއިން ސޭމް ކާ ފެނުމުން ގިނަ ބަޔެއްގެ ލޯ އޭނާ އަށް އަމާޒުވި އެވެ.

އުމުރުން 25 އަހަރުގެ ސޭމް ކާގެ ބައްޕަ އަކީ އިންޑިއާ އަށް އުފަން މީހެކެވެ. އޭނާ އޮސްޓްރޭލިއާގައި އުޅެ ބޮޑުވިއިރު، އޭނާގެ މަންމަ އަކީ އެ ގައުމުގެ މީހެކެވެ. ޒުވާން އުމުރުގައި ދަތިތަކާ އެކު ވެސް ގައުމީ ޓީމުން ފުރުސަތު ލިބުމުން ސޭމް ކާ ބޭނުންވީ އެ އަޒުމުގައި ކުރިއަށްދާށެވެ. ގޭގައި ކަރުދާހުން ހަދާފައި އޮތް ބޯޅައަކުން ކުޅެގެން ފުޓްބޯޅަ އަށް ޝައުގުވެރިކަން އުފެދުނު ސޭމް ކާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާ އަށް ކުޅުނީ 2011 ވަނަ އަހަރު އެވެ.

ލަނޑު ޖެހުމަށް ފަހު ސޭމް ކާ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޕާތު ގްލޯރީން 2008 ވަނަ އަހަރު ފުޓްބޯޅަ ކުޅެން ފެށި ސޭމް ކާ ވަނީ 2012 ވަނަ އަހަރު ސިޑްނީ އެފްސީ އަށް ބަދަލުވެފަ އެވެ. އޭގެ ފަހުން އެމެރިކާގެ ވެސްޓާން ނިއުޔޯކް ފްލެޝް އަށް ކުޅުމަށް ފަހު އަލުން ޕާތު ގޯލްރީ އަށް ބަދަލުވި އެވެ. އޭގެ ފަހުން ސަކައިބްލޫ އެފްސީ އަށް ކުޅުމަށް ފަހު މިހާރު ކުޅެމުން އަންނަ ޝިކާގޯ ޓީމަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

މިދިޔަ އަހަރު ޔަންގް އޮސްޓްރޭލިއަންގެ މަގާމު ހޯދި ސޭމް ކާ އަކީ 2017 ވަަނަ އަހަރު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި އީއެސްޕީވައިގެ މިދިޔަ އަހަރު ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ވެސް ސޭމް ކާ އެވެ.

ފްރާންސްގައި މިހާރު ކުރިއަށްދާ އަންހެން ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ ސޭމް ކާގެ ގޯލުން ލީޑުނަގާފައިވަނިކޮށް އިޓަލީ އަތުން 2-1 އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު އޮސްޓްރޭލިއާ ޓީމަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް ބުރާސްފަތި ދުވަހު ކުޅުނު ދެ ވަނަ މެޗުން ވަނީ ފަަހަތުން އަރައި ބްރެޒިލް އަތުން 3-2 އިން މޮޅުވެފަ އެވެ. އަންގާރަ ދުވަހު ޖެމެއިކާ އަތުން މޮޅުވެއްޖެނަމަ އޮސްޓްރޭލިއާ އަށް އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ.

"ނަފުރަތުގެ މެސެޖުތައް އަހަރެމެން އަޑެއް ނާހާނަން. ބޭނުންވަނީ މި އަޒުމާ އެކު ކުރިއަށްދާން. މި ޓީމަށް އަހަރެންގެ އިތުބާރު އެބައޮތް،" ބްރެޒިލް މެޗަށް ފަހު ސޭމް ކާ ބުންޏެވެ.

މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 78 މެޗުން ސޭމް ކާ ވަނީ 32 ގޯލު ޖަހައިފަ އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފީފާ އިން ހޮވާ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވި ސޭމް ކާ ހުރީ މި ފަަހަރު އޮސްޓްރޭލިއާ އަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގެ އަޒުމުގަ އެވެ. އޭނާ އަކީ އެމެރިކާގެ އަންހެން ލީގުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

އަންހެން ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ފުރުސަތު ޔަގީންކޮށްފައިވާ ޓީމުތަކަކީ މުބާރާތް ބާއްވާ ފްރާންސްގެ އިތުރުން ޖަރުމަނު، އިޓަލީ އަދި ޖަޕާން އެވެ. ކެނަޑާގައި 2015 ވަނަ އަހަރު އޮތް މުބާރާތުގެ ތަށި އުފުލާލީ އެމެރިކާ އިންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އެމެރިކާ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ތައިލެންޑް އަތުން 13-0 އިން މޮޅުވެފަ އެވެ.