އިންޑިއާ-ޕާކިސްތާނުގެ ކުރިމަތިލުން: ކުޅިވަރުގެ ބޮޑު ދުވަހެއް!

މެންޗެސްޓާ (ޖޫން 16) – މިއަދަކީ ދުނިޔޭގެ ކުޅިވަރުގެ ވަރަށް ބޮޑު ދުވަހެކެވެ. ސިޔާސީ ގޮތުން ދެ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާ އާއި ޕާކިސްތާނުން ކްރިކެޓް ވޯލްޑް ކަޕުގައި ވާދަކުރާ ދުވަހެވެ. އިނގިރޭސި ވިލާތުގެ ފިނި މާހައުލުގައި މިއަދު ފެނިގެންދާނީ ކުޅިވަރުގެ ވާދައިގެ ހޫނާއި އުދާސްތައް އިހުސާސްކުރެވޭނެ މެޗެކެވެ.


ރާއްޖެ ގަޑިން މިއަދު މެންދުރުފަހު 2:30 ގައި އޮންނަ މި މެޗާ ކުރިމަތިލާއިރު ހުރިހާ ގޮތުން ވެސް މިވަގުތު ކުރީގައި އޮތީ އިންޑިއާ އެވެ. އެ ޓީމު އޮތީ ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ޕާކިސްތާން އޮތީ ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ފުލުން ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ފަސް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އޮސްޓްރޭލިއާ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

އިންޑިއާ ވަނީ ދެކުނު އެފްރިކާގެ އިތުރުން ކްރިކެޓުގެ ގަދަބާރު އޮސްޓްރޭލިއާ ބަލިކޮށްފަ އެވެ. އެ ޓީމުން ނިއު ޒީލެންޑާ ދެކޮޅަށް ކުޅެން އޮތް މެޗު ވިއްސާރައިގެ ސަބަބުން ކެންސަލްކުރީ އެވެ. އިންޑިއާ އަށް ދިމާވެފައިވާ މައްސަލައަކީ އޯޕަނިން ބެޓްސްމަން ޝިކާރު ދަވަން އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. އޮސްޓްރޭލިއާ މެޗުގައި ސައްތައެއް ހެދި ދަވަންގެ އަތަށް ލިބުނު ހާނިއްކައިގެ ސަބަބުން ތިން މެޗެއް ވަރު ގެއްލޭނެ ކަމަށް ބެލެވެ އެވެ.

ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުން ވެސްޓް އިންޑީޒް އަތުން އާދައިގެ ނަތީޖާ އަކުން ބަލިވި ނަމަވެސް ދެ ވަނަ މެޗުން އިންގްލެންޑް ބަލިކޮށް ފެންވަރު ދައްކާލި އެވެ. އޭގެ ސްރީ ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗު ވިއްސާރައިގެ ސަބަބުން ކެންސަލްކުރިއިރު، އެންމެ ފަހުން ކުޅުނު މެޗުން އޮސްޓްރޭލިއާ އަތުން ވަނީ ބަލިވެފަ އެވެ.

ތާރީހަށް ބަލާއިރު އިންޑިއާ އިން ވަނީ ވޯލްޑް ކަޕުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އަދި އިންޑިއާ އިން ވަނީ މި ދެ ގައުމު އެންމެ ފަހުން ބައްދަލުކުރި މެޗުގައި، މިދިޔަ އަހަރުގެ އޭޝިއާ ކަޕުގައި މޮޅުވެފަ އެވެ.

އެކަމަކު ޕާކިސްތާނަށް ހިތްވަރު ހޯދިދާނެ ނަތީޖާއެއް ކައިރި މާޒީން ފެންނަން އެބައޮތެވެ. އެއީ އިންޑިއާގެ މައްޗަށް 180 ލަނޑުން ކުރި ހޯދައި 2017 ވަނަ އަހަރުގެ އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް ކާމިޔާބުކުރި މެޗެވެ. ކްރިކެޓް ވޯލްޑް ކަޕް ނަގާފައި ދުނިޔޭގައި ބާއްވާ ދެ ވަނަ އަށް އެންމެ ބޮޑު ކްރިކެޓް މުބާރާތް ޕާކިސްތާނުން ކާމިޔާބުކުރީ ދުނިޔޭގެ ކްރިކެޓް ފައިނަލެއްގައި ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާއާ އެކު އެވެ.

މިއަދުގެ މެޗަކީ ހަގީގަތުގައި ނުކުޅެވިދާނެ ކަމަށް ބެލެވުނު މެޗެކެވެ. އެގޮތުން ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލްކުރާ ސަރަހައްދުގައި ފެބްރުއަރީ މަހު ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ޕާކިސްތާނުގެ އަތެއް ވާކަމަށް ތުހުމަތުކޮށް، އިންޑިއާ އިން މެޗު ބޮއިކޮޓްކުރަން ޖެހޭ ކަމަށް އިންޑިއާގެ ކުރީގެ ތަރި ހަރްބަޖަން ސިންގް ވަނީ ބުނެފަ އެވެ.

"ޕާކިސްތާނާ އެއްވެސް ގުޅުމެއް ބާއްވަން ނުޖެހޭ. ޖޫން 16 ވަނަ ދުވަހު ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާނާ ދެކޮޅަށް ނުކުޅެން ގޮވާލަން. އެންމެ ފުރަތަމަ އިސްކުރަންވީ ގައުމު. ގައުމުގެ ދިފާއުގައި އަހަރެމެން ތިބެން ޖެހޭ،" އުމުރުން 38 އަހަރުގެ ހަރްބަޖަން ބުނެފައިވެ އެވެ.

އެކަމަކު އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ޗީފް އެގްޒެކްޓިވް ޑޭވިޑް ރިޗާޑްސަން އޭރު ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާން ކުޅޭ މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ވަރުގަދަވާނެ އެއް މެޗު ކަމަށާއި ކަޝްމީރުގައި މި ހިނގާދިޔަ ހާދިސާ އަށް ފަހު ވެސް އެ މެޗު ޝެޑިއުލާ އެއްގޮތަށް ކުރިއަށްގެންދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މިއަދުގެ މެޗު އެތައް ބިލިއަން ބަޔަކު ޓީވީން ބަލާނެ އިރު މެޗު ހަމަ ލޮލުން ދެކިލަން ވެސް އެތައް ބަޔަކު ބޭނުންވި އެވެ. މެންޗެސްޓާގެ އޯލްޑް ޓްރެފޯޑް ކްރިކެޓް ދަނޑުގެ 26،000 ޖާގަ އަށް 800،000 އެއްހާ މީހުން ޓިކެޓް ގަންނަން ހުށަހެޅި އެވެ. އެހެންވެ މިއަދުގެ މެޗުގެ މާހައުލު ފޯރިގަދަވާނެ ވަރު އިހުސާސްކުރެވެ އެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ވެސް އިނގިރޭސި ވިލާތުގައި ދިރިއުޅޭ އިންޑިއާ އަދި ޕާކިސްތާނުގެ ރައްޔިތުން ވަނީ ފުރިހަމަ ސަޕޯޓެއް ދީފަ އެވެ.

"އިންޑިއާ އާއި ޕާކިސްތާނުގެ މެޗަކީ އަބަދުވެސް ބޮޑު މެޗެއް. މިއީ ފައިނަލުގެ ކުރިން ކުޅޭ ފައިނަލެއް ފަދަ މެޗެއް،" ޕާކިސްތާނުގެ ސިލެކްޝަން ޗީފް އަދި 1992 ވަނަ އަހަރުގެ ވޯލްޑް ކަޕް ޕާކިސްތާނާ އެކު ކާމިޔާބުކުރި އިންޒަމަމުލް ހައްގު ބުންޏެވެ. "މި މެޗު މުޅި ދުނިޔޭގައި ބަލާނެ އަދި މޮޅުވާ ބަޔަކު ބޮޑު އުފާފާޅުކުރުމެއް ބާއްވާނެ."

ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ވަސީމް އަކްރަމް ބުނީ މި މެޗަކީ ހަނގުރާމައެއްގެ ގޮތުގައި ދެކޭ މީހުންނަކީ ކްރިކެޓުގެ ހަގީގީ ސަޕޯޓަރުން ނޫން ކަމަށެވެ.

"އެއް ޓީމު މޮޅުވާނެ. އެއް ޓީމު ބަލިވާނެ. އެހެންވެ ހަމަޖެހިލައިގެން ތިބެންވީ. މި މެޗު ހަނގުރާމައެއްގެ ގޮތުގައި ނަގާނެ ކަމެއް ނެތް،" ވަސީމް އަކްރަމް ބުންޏެވެ.

އިންޑިއާގެ ކުރީގެ ކެޕްޓަން ބިޝަން ސިންގް ބޭދީ ބުނީ އޭޝިއާގެ ބިޔަ ދެ ގައުމު ކްރިކެޓުގެ ދަނޑުގައި ކުޅޭއިރު، ސުލްހަ އާއި ހަމަޖެހުން އޮންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"ކްރިކެޓުގެ ރީތިކަން ގެއްލުވާނުލައި، މޮޅަށް ކުޅޭ ޓީމު މޮޅުވާނެ ކަމަށް އުއްމީދުކުރަން،" ބިޝަން ބުންޏެވެ.

އިންޑިއާގެ ކެޕްޓަން އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ބެޓްސްމަން ވިރާތު ކޯލީ ބުނީ މާބޮޑަށް ޖަޒުބާތުގައި ޖެހެވޭނެ ފުރުސަތެއް ނޯންނާނެ ކަމަށާއި ނިންމުންތައް ނިންމަން ލިބޭނީ ސިކުންތެއްގެ ބައިކުޅަބައި ކަމަށް ވުމުން މެޗަށް ދޭ ސަމާލުކަން ވަރަށް ރަނގަޅުވާން ޖެހޭނެ ކަމަށެވެ.

"ވަކި ގޮތަކަށް މެޗާ ދޭތެރޭ ދެކެން އަހަންނަށް ސަޕޯޓަރުން ގާތު ނުބުނެވޭނެ. ސަޕޯޓަރުން ޖެހޭނެ މެޗުގެ މާހައުލުން ހިތްހަމަޖެހުން ހޯދަން. އަހަރުތަކެއް ވަންދެއް މިފަދަ މެޗުތަކުން ސަޕޯޓަރުން ހިތްހަމަޖެހުން ހޯދާ ގޮތަށް އަދި ސަޕޯޓަރުން ބޭނުންވާ ގޮތަކަށް މި މެޗުގެ އުފާވެރިކަން ސަޕޯޓަރުން ހޯދަން ޖެހޭނެ،" ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ބުންޏެވެ.