ޖަޕާނުގެ މެސީ އުފަލުން ފޮޅިފައި

ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 16) - ޖަޕާން ގައުމީ ޓީމާ އެކު ކޮޕާ އެމެރިކާގައި ކުޅުމުގެ ފުރުސަތު ލިބުމުން މިހާރު ގުނަމުންދަނީ އޭނާގެ ހަޔާތުން މިހާތަނަށް އައި އެންމެ އުފާވެރި ދުވަސްތައް ކަމަށް ޖަޕާނުގެ މެސީގެ ނަމުން މަޝްހޫރުވެފައިވާ ޓަކެފޫސާ ކޫބޯ ބުނެފި އެވެ.


ބާސެލޯނާގެ ޔޫތު ޓީމަށް 2011 އިން 2015 އާ ހަމައަށް ކުޅުނު މިހާރު އުމުރުން 18 އަހަރުގެ ކޫބޯ އަންނަ ޖުލައި މަހު ރެއާލާ ގުޅެން މިހާރު ވަނީ ހުރިހާ ކަމެއް ނިމިފަ އެވެ. އަންނަ ސީޒަނުގައި ކޫބޯ ކުޅޭނީ ރެއާލުގެ ބީ ޓީމަށެވެ. ރިޕޯޓްތައް ބުނާގޮތުން ކޫބޯ ވަނީ ރެއާލާ އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފަ އެވެ. އެއީ މުސާރައިގެ ގޮތުގައި 2.25 މިލިއަން ޑޮލަރު ލިބޭގޮތަށެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅޭ ޖަޕާން ޓީމުގައި ހިމެނޭ ކޫބޯ ބުނީ ޖަޕާނުގެ މެސީގެ ނަމުން މަޝްހޫރުވުމަކީ އޭނާ އަށް ލިބޭ ފަހުރެއް ކަމަށެވެ.

"އަހަންނަކީ ޖަޕާނުގެ މެސީއޭ ބުނުމަކީ ލިބޭ ފަހުރެއް އަދި އުފަލެއް. އެކަމަކު ހަގީގަތަކީ އަހަރެންނަށް މެސީގެ ލެވެލަށް ނުދެވޭނެ. އަހަރެން ވިސްނަންވީ އަމިއްލަ ހުނަރަށް އަހަރެންގެ ކުރިއެރުމަށް،" ބްރެޒިލްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ކޫބޯ ބުންޏެވެ.

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ މެޗެއްގެ ތެރެއިން ކޫބޯ ބޯޅަ ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

މެސީ އެކޭ އެއްގޮތަށް ކޫބޯ ވެސް ބާސެލޯނާގެ ޔޫތު ޓީމާ ގުޅުނީ ޒުވާން ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ޔޫތު ޓީމުގެ ކޯޗުންނަށް ކޫބޯގެ ކުޅުން ފާހަގަވެ އެކި ލެވެލްތަކުން ޕްރޮމޯޓްވަމުން ދަނިކޮށް އޭނާ އެ ޓީމު ދޫކޮށްލަން ޖެހުނީ ދިމާވި ހާލަތެއްގެ ސަބަބުންނެވެ. އެއީ 18 އަހަރުން ދަށުގެ ކުޅުންތެރިން ގެނައުމުގައި ބާސެލޯނާ އިން ގަވާއިދާ ހިލާފުވެފައިވާތީ ފީފާއިން ދިން އަދަބުގެ ސަަބަބުންނެވެ. ފީފާއިން އަންގާފައިވަނީ އޭރު ގަވާއިދާ ހިލާފަށް ގެނައި ކުޅުންތެރިން ދޫކޮށްލުމަށެވެ. އެ ކަން ތަންފީޒުކުރުމުގެ ގޮތުން ބާސެލޯނާ އިން ކޫބޯ ރިލީސްކުރުމުން އޭނާ ބަދަލުވީ އެފްސީ ޓޯކިޔޯ ޖޫނިއާ ޓީމަށެވެ.

މިދިޔަ އަހަރު ޔޮކަހޯމާ މެރިނޯސް އަށް ކުޅުމަށް ފަހު މި ސީޒަނުގައި ކޫބޯ އަންނަނީ އެފްސީ ޓޯކިޔޯގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލުގެ ލޮލުގައި އަޅައިގަތީ މި ފަހަރުގެ ޖަޕާނުގެ ޓޮޕް ޑިވިޝަނުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ކޫބޯ އަކީ ޖަޕާނުގެ އެެއް ވަނަ ޑިވިޝަނުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާ ފުރަތަމަ ގޯލު ޖެހިއިރު އުމުރަކީ 15 އަހަރާއި 10 މަސް ދުވަހެވެ.

ޖަޕާން ގައުމީ ޓީމަށް ކޫބޯ ކުޅުނު ފުރަތަމަ މެޗަކީ މި މަހު ނުވަ ވަނަ ދުވަހު އެލް ސަލްވަޑޯ އަތުން 2-0 އިން މޮޅުވި މެޗުގަ އެވެ.

ކޮޕަ އެމެރިކާގައި ވާދަކުރާ ޖަޕާނު ޓީމުގެ އެވްރެޖް އުމުރަކީ 22 އަހަރެވެ. ކޫބޯ ބުނީ ޒުވާން ޓީމަކާ އެކު މި މުބާރާތަށް ނުކުންނަން ޖެހުނަސް ކުޅުންތެރިންގެ އަމާޒަކީ ޖަޕާންގެ ސަޕޯޓަރުން ފަހުރުވެރިކޮށްދިނުން ކަމަށެވެ. ކޮޕާ އެމެރިކާގައި ޖަޕާން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީއާ ދެކޮޅަށެވެ.