ކޮރަޕްޝަނުގެ ތުހުމަތުގައި ޕްލެޓިނީ ހައްޔަރުކޮށްފި

ޕެރިސް (ޖޫން 18) – ފީފާ ވޯލްޑް ކަޕް 2022 ވަނަ އަހަރު ގަތަރުގައި ބާއްވަން ފުރުސަތު ދިން މައްސަލައިގެ ތަހުގީގަކަށް ޔުއެފާގެ ކުރީގެ ރައީސް ފްރާންސްގެ މިޝޭލް ޕްލެޓިނީ، މިއަދު ފްރާންސުގައި ހައްޔަރުކޮށްފި އެވެ.


ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ހައްޔަރުކުރީ ގަތަރަށް ފުރުސަތު ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވޭ ތުހުމަތުގެ ތަހުގީގުކުރަމުން އަންނަ ފްރާންސްގެ އެންޓި-ކޮރަޕްޝަން ފުލުހުންނެވެ. ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ގަތަރަށް ދޭން 2010 ވަނަ އަހަރު ފީފާގެ އެގްޒެކެޓިވް ކޮމިޓީން ނިންމި އިރު ޕްލެޓިނީ އަކީ އެ ކޮމިޓީގެ މެމްބަރެކެވެ. އެ ވޯޓުގެ ކުރިން އެގްޒެކެޓިވް ކޮމިޓީގެ ދެ މެމްބަރަކު ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފަ އެވެ.

ފުޓްބޯޅައިގެ އާދައިގެ ގައުމެއްގެ ގޮތުގައި އޮތް ގަތަރަށް އެ ފުރުސަތު ދިނުމުން އެތައް ބަޔެއްގެ ފާޑުކިޔުން އަމާޒުވެ އަދި ކޮރަޕްޝަނުގެ ތުހުމަތުކުރެވުނެވެ. ގަތަރުގެ އިތުރުން ވޯލްޑް ކަޕް ބާއްވަން ބިޑްކުރީ އެމެރިކާ، ދެކުނު ކޮރެއާ، ޖަޕާން އަދި އޮސްޓްރޭލިއާ އެވެ.

އުމުރުން 63 އަހަރުގެ ޕްލެޓިނީ މިހާރު ވެސް ހުންނެވީ ފުޓްބޯޅައިން ސަސްޕެންޑްކުރެވިފަ އެވެ. އޭނާ އާއި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ސަސްޕެންޑްކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިއަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީ އެވެ. ޕްލެޓިނީ އަށް 2015 ވަނަ އަހަރު ފުރަތަމަ އައީ އަށް އަހަރުގެ ސަސްޕެންޝަނެކެވެ. އެހެން ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ވަނީ ހަތަރު އަހަރަށް ކުޑަކޮށްފަ އެވެ.

ފްރާންސާ އެކު 1984 ވަނަ އަހަރުގެ ޔޫރަޕިއަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރެއްވި ޕްލެޓިނީ އަކީ އެ ގައުމުގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އިޓަލީގެ ޔުވެންޓަސް އަށް ކުޅެ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު ހާސިލްކުރައްވައިފަ އެވެ.