ސިއްހީ ސަބަބަކާ ގުޅިގެން އެންރީކޭ ސްޕެއިނުން ވަކިވެއްޖެ

މެޑްރިޑް (ޖޫން 20) – ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން، ސްޕެއިންގެ ކޯޗުގެ މަގާމުން ލުއިސް އެންރީކޭ އަމިއްލަ އަށް ވަކިވެއްޖެ އެވެ.


ކުރިން ބާސެލޯނާ އާއި ރޯމާ އަށް ކޯޗުކޮށްދިން އެންރީކޭ ސްޕެއިންއާ އެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރު ޖުލައި މަހުގަ އެވެ. އެކަމަކު މިދިޔަ މާޗް މަހުން ފެށިގެން ކުއްލި ގޮތަކަށް އެންރީކޭ ސްޕެއިނުގެ ބެންޗުން ނުފެނެ އެވެ. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އާއިލީ ކަމެއްގައި އެންރީކޭ ގޭގައި މަޑުކުރަން ޖެހިފައިވާ ކަމަށެވެ.

އެންރީކޭގެ އާއިލީ މެމްބަރަކާ ހަވާލާދީ ސްޕެއިނުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންރީކޭ ސްޕެއިން ކޯޗުކަން ދޫކޮށްލަން ނިންމީ އޭނާގެ ބަލި ހާލަތުގެ ސަބަބުންނެވެ. މިދިޔަ އޭޕްރީލް މަހު އާންމުވި ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 49 އަހަރުގެ އެންރީކޭއާ ވަނީ ލޭގެ ކެންސަރު ޖެހިފަ އެވެ. އެކަމަކު އޭނާގެ ގާތް ފަރާތަކުން އެކަން ދޮގުކުރެ އެވެ. ބާސެލޯނާ ކޯޗަކަށް އެންރީކޭ ހުރިއިރު އޭނާ ވަނީ ހިތުގެ ބައްޔަކަށް ފަރުވާ ހޯދައިފަ އެވެ.

އެންރީކޭގެ ބަދަލުގައި ސްޕެއިނާ ހަވާލުވާނީ އޭނާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ރޮބާޓް މޮރޭނޯ އެވެ. އެންމެ ފަހުން ސްޕެއިން ކުޅުނު މެޗުތަކުގައި ބެންޗުން ޓީމަށް އިރުޝާދުދިނީ މޮރޭނޯ އެވެ.

ސްޕެއިނުގެ ފެޑެރޭޝަނުގެ ރައީސް ލުއިސް ރުބިއާލެސް ވިދާޅުވީ މިއީ އެންރީކޭގެ ނިންމުމެއް ކަމަށާއި އޭނާ ގައުމީ ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރުއަދާކުރާ ކަމަށެވެ.

"އެންރީކޭ ޓީމު ދޫކޮށްލީ ވަރަށް މުހިއްމު ސަބަބެއް އޮތުމުން. އަހަރެމެން އެކަން ގަބޫލުކުރަން މިއީ އެންރީކޭގެ ނިންމުމެއް. ޓީމުގެ ޒިންމާއާ ހަވާލުވާނީ ރޮބާޓް (މޮރޭނޯ). އޭނާ އަކީ އެންރީކޭ ފެށި މަސައްކަތް އެންމެ ރަނގަޅަށް ދަންނާނެ ކޯޗު،" ރުބިއާލެސް ވިދާޅުވި އެވެ.

މޮރޭނޯގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެ މެޗުތަކަށް ފަހު އޭނާ ވަނީ ގޭގައި ހުރެގެން ވެސް އެންރީކޭ ޓީމުގެ ކަންތައްތައް އޮޅުންފިލުވަމުން އައި ކަމަށް ބުނެފަ އެވެ. މޮރޭނޯ އަކީ މިދިޔަ އަހަރެއްހާ ދުވަސްތެރޭގައި ސްޕެއިނަށް ހަމަޖެއްސި ހަތަރު ވަނަ ކޯޗެވެ. ރަޝިއާގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުރިން ސްޕެއިން ކޯޗުކަމުން ހުލެން ލޮޕެޓެގީ ވަކިކުރިއިރު، އެ މުބާރާތުގައި ޓީމަށް އިރުޝާދުދިނީ ފެނާންޑޯ ހިއޭރޯ އެވެ.