ޓޮރޭޒް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

މެޑްރިޑް (ޖޫން 21) - ޖަޕާނުގެ ސަގަން ޓޮސޫ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ތަޖުރިބާކާރު ފޯވާޑް ފެނާންޑޯ ޓޮރޭޒް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.


އެތުލެޓިކޯ މެޑްރިޑާއި ލިވަޕޫލް އަދި ޗެލްސީގެ އިތުރުން އޭސީ މިލާނަށް ވެސް ކުޅުނު ޓޮރޭޒް، 35، ކުރި ޓްވީޓެއްގައި ބުނެފައިވަނީ 18 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި އެކަމާ ބެހޭގޮތުން މުހިއްމު ކަންތައްތަކެއް ހިއްސާކުރުމުގެ ގޮތުން އާދިއްތަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ޒުވާން އުމުރުގައި އެތުލެޓިކޯގެ ޔޫތު ޓީމުން ފާހަގަވި ޓޮރޭޒް އަކީ އެ ޓީމުގެ ތާރީހުގައި ކެޕްޓަންކަން ކުރި އެންމެ ޒުވާން ކެޕްޓަނެވެ. އުމުރުން 19 އަހަރުގައި ޓޮރޭޒް އެތުލެޓިކޯގެ ބޭންޑް އަޅައިގެން ކުޅުނުއިރު، އެތުލެޓިކޯގެ މިހާރުގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަކީ އެ ޓީމަށް ކުޅެމުން އައި ކުޅުންތެރިޔެކެވެ. ޓޮރޭޒް އެންމެ ބޮޑަށް ފާހަގަވާން ފެށީ 2007 ވަަނަ އަހަރު 20 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވި ހިސާބުންނެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނުމަށް ފަހު ސްޕެއިނުގެ ކޯޗު ރަފައެލް ބެނިޓޭޒްގެ އެދުމަށް ލިވަޕޫލަށް ބަދަލުވި ޓޮރޭޒް ވަނީ 2008 ވަނަ އަހަރު ބެލޮންޑިއޯގެ ތިން ވަނަ ހޯދައިފަ އެވެ. ލިވަޕޫލްގައި ގިނަ ރެކޯޑްތަކެއް މުގުރާލި ޓޮރޭޒަށް އެ ޓީމުގައި ތަށްޓެއް ނުލިބެ އެވެ.

ޓޮރޭޒްގެ ކްލަބް ކެރިއަރުގެ ގިނަ ކާމިޔާބީތައް ލިބުނީ ޗެލްސީގަ އެވެ. އެންމެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް 50 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވެ ޓޮރޭޒް ވަނީ އެ ޓީމާ އެކު ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕް ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކަޓުވާލި މަޝްހޫރު ގޯލު ޖެހި ޓޮރޭޒް ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ބެންފީކާ ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ.

ޗެލްސީ ދޫކޮށް 2015 ވަނަ އަހަރު އިޓަލީގެ ގަދަބާރު އޭސީ މިލާނަށް ކުޅުމަށް ފަހު އެނބުރި އެތުލެޓިކޯ އަށް ޓޮރޭޒް ބަދަލުވީ 2015 ގަ އެވެ. އަދި މިހާރުގެ ކްލަބް ސަގަން އަށް ސޮއިކުރީ މިިދިޔަ އަހަރު ޖުލައި މަހު އެވެ. އޭގެ ކުރިން އޭނާ ވަނީ އެތުލެޓިކޯއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

ސްޕެއިން ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެން ފެށި ޓޮރޭޒަކީ ސްޕެއިނުގެ ރަން ޖީލުގެ މުހިއްމު ކުޅުންތެރިއެކެވެ. ޓޮރޭޒް ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ތަށި ސްޕެއިނުން އުފުލާލިއިރު ފައިނަލުގައި ގޯލު ޖަހައިފަ އެވެ. އަދި 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމުގައި ވެސް ޓޮރޭޒް ހިމެނެ އެވެ. ޓޮރޭޒް ވަނީ ސްޕެއިން ގައުމީ ޓީމަށް 110 މެޗުން 38 އަށް ގޯލް ޖަހައިފަ އެވެ.