ޑި ލިޓް އެންމެ ފަހުން ޔުވެންޓަސް އަށް؟

އެމްސްޓެޑަމް (ޖޫން 23) – ޔޫރަޕުގެ ގިނަ ކްލަބްތަކުން ފާރަލަމުން އަންނަ އަޔަކްސްގެ އުއްމީދީ ޑިފެންޑަރު މެތިއަސް ޑި ލިޓް އެންމެ ފަހުން ޔުވެންޓަސް އަށް ސޮއިކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ނެދަލެންޑްސް ގައުމީ ޓީމަށް ވެސް ގަވައިދުން ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ޑި ލިޓް ވަނީ އިންގްލެންޑްގެ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް، ޖަރުމަނުގެ ބަޔާން މިއުނިކް އަދި ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ފްރާންސްގެ ޕީއެސްޖީއާ ވެސް މަޝްވަރާކޮށްފަ އެވެ. ޑި ލިޓް ހޯދުމުގެ ރޭހުގައި އަބަދުވެސް އެންމެ ކުރީގައި އޮތް އެއް ކްލަބަކީ ބާސެލޯނާ އެވެ. އެކަމަކު މިހާރު ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ވަނީ ޑި ލިޓްގެ ސޮއިހޯދުމާ ފިޔަަވަޅަކާ ގާތަށް ޖެހިލައިފަ އެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ނެދަލެންޑްސް އަތުން މޮޅުވި މެޗުގައި ޕޯޗުގަލްގެ ތަރި އަދި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާއާ އެއް ޓީމަށް ކުޅެން ޔުވެންޓަަސް އަށް އައުމަށް ޑި ލިޓަށް ދައުވަތުދީފަ އެވެ. ޑި ލީޓް ބުނީ ރޮނާލްޑޯ ފަދަ ކުޅުންތެރިއެއްގެ ފަރާތުން އޭނާ އަށް އެ ކަހަލަ ހުށަހެޅުމެއް އަންނާނެ ކަމަށް އެއްވެސް ވަރަކަށް އުއްމީދުނުކުރާ ކަމަށާއި އެހެންވެ އެ ވަގުތު ވަކި ޖަވާބެއް ނުދޭ ކަމަށެވެ.

ނޭޝަންސް ލީގުގެ ފައިނަލަށް ފަހު ރޮނާލްޑޯ (ކ) އާއު ޑި ލިޓް ވާހަކަދައްކަނީ

ޑި ލީޓްގެ އޭޖެންޓަކީ ޔުވެންޓަސް އިން އަލުން ހޯދަން މަސައްކަތްކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާގެ ވެސް އޭޖެންޓް މިނޯ ރައިއޯލާ އެވެ. ޑި ލީޓް ވިއްކާލަން ރައިއޯލާ ހުށަހަޅަނީ ބޮޑު އަގެކެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ޑި ލީޓް ގަންނަން އަޔަކްސްއާ އެކު އެއްބަސްވުމަކަށް އަންނަން ރައިއޯލާ ކިޔާފައިވާ އަގަކީ 70 މިލިއަން ޔޫރޯ އެވެ. އަދި އަހަރަކު މުސާރައިގެ ގޮތުގައި 15-20 މިލިއަން ޔޫރޯގެ މުސާރައެކެވެ. މިއީ ޒުވާން ކުޅުންތެރިއަކަށް ނިސްބަތުން ބޮޑު މުސާރަ އެކެވެ.

ބާސެލޯނާ އިން ވަނީ ޑި ލިޓްއާ އެކު އަޔަކްސްގައި މޮޅު ކުޅުމެއް ދެއްކި އުއްމީދީ މިޑްފީލްޑަރު ފްރޭންކީ ޑި ޔޮންގް ގެނެސްފަ އެވެ. ޑި ޔޮންގް ވަނީ ބާސެލޯނާ އަށް ޑި ލިޓް ގެންނަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ޑި ލިޓްގެ އޭޖެންޓް މިނޯ ރައިއޯލާއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެ ޑީލް ހުއްޓުނީ އެވެ.

ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވެ، މައުރީޒިއޯ ސާރީ ވަނީ އެ ޓީމު ވަރުގަދަކުރާނެ ކަމަށް ބުނެފަ އެވެ. ޔުވެންޓަސް އިން ޑި ލިޓް ބޭނުންވަނީ ޖިއޮޖިއޯ ކިއެލީނީގެ މަގާމު ދުރު މުސްތަގުބަލަކަށް ފުރައިދޭނެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސް ކެޓީ އަޔަކްސް އަތުން ކުއާޓާ ފައިނަލުގަ އެވެ. ޑި ލިޓް ވަނީ ޔުވެންޓަސް ކޮޅަށް ލަނޑު ވެސް ޖަހައިފަ އެވެ.