ތަފާތު ބޮޑުކޮށް މޮޅުވެ ބްރެޒިލް ކުއާޓާ އަށް

ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 23) - ކޮޕަ އެމެރިކާގައި ރޭ ކުޅުނު ގްރޫޕްގެ ފަހު މެޗުން ޕެރޫ އަތުން 5-0 ގެ ތަފާތު ބޮޑު ކާމިޔާބީއާ އެކު މުބާރާތުގެ ކުއާޓާ ފައިނަލުން ބްރެޒިލް ފުރުސަތު ހޯދައިފި އެވެ.


މުބާރާތް ކުރިއަށްދާ ބްރެޒިލް ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ޔަގީންކުރީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުން ދެ ވަނަ ޓީމުގެ ގޮތުގައި ކުއާޓާ އިން ފުރުސަތު ހޯދީ ރޭ ބޮލިވިއާ އަތުން 3-1 އިން މޮޅުވި ވެނެޒުއޭލާ އެވެ. ވެނެޒުއޭލާ އަށް ތިން މެޗުން ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް ތިން ވަނައިގައި އޮތް ޕެރޫ އަށް އަދި ކުއާޓާ ފައިނަލުގެ ދޮރު ބަންދެއްނުވެ އެވެ. އެ ޓީމަށް ދެން ކުއާޓާގެ ފުރުސަތު އޮތީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ރޭގެ މެޗުގެ ކުރިން، އެންމެ ފަހުން ބްރެޒިލް ކުޅުނު މެޗުގައި ވެނެޒުއޭލާއާ އެއްވަރުވިއިރު، އެ މެޗުގައި ބްރެޒިލުން ޖެހި ތިން ގޯލު ވެސް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ގޯލަށް ނުބަލަން ނިންމައިފަ އެވެ. ރޭގެ މެޗުގައި ބްރެޒިލުން ވަނީ ފުރަތަމަ 32 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިފަ އެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ބްރެޒިލަށް ލީޑު ނަގައިދިނީ ކަސެމީރޯ ބޮލުން ޖެހި ގޯލުންނެވެ. އޭގެ ހަތް މިނިޓް ފަހުން ޕެރޫގެ ގޯލްކީޕަރު ޕެޑްރޯ ގަލެއްސޭ ހެދި ގޯހެއްގެ ފައިދާ ނަގައި ރޮބާޓޯ ފިރްމީނޯ ވަނީ ބްރެޒިލްގެ ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ބްރެޒިލްގެ ތިން ވަނަ ގޯލު ޖެހީ މެންޗެސްޓާ ޔުނައިޓެޑުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ބްރެޒިލްގެ ގްރެމިއޯގެ އެވަޓަން އެވެ. އޭނާ އޭރިއާ ބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ 53 ވަނަ މިނިޓްގައި ބްރެޒިލްގެ ހަތަރު ވަނަ ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން ޑެނީ އަލްވޭސް އެވެ. އޭނާ މި ލަނޑު ޖެހީ ފިރްމީނޯ ދިން ބޯޅައަކުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި، މެޗު ނިމެން އެއް މިނިޓަށް ވެފައި ވަނިކޮށް ބްރެޒިލްގެ ފަސް ވަނަ ގޯލު ޖެހީ ވިލިއަން އެވެ. ނޭމާ އަށް އަނިޔާވުމުން މި ފަހަރުގެ މުބާރާތުން ފުރުސަތު ލިބުނު ވިލިއަން މި ގޯލު ޖެހީ އޭރިއާބޭރުންނެވެ. ހަ ވަނަ ލަނޑެއް ޖަހަން ބްރެޒިލްގެ ގަބްރިއެލް ޖީސޫސް ޖެހި ޕެނަލްޓީ ކާމިޔާބެއްނުވި އެވެ.

ބްރެޒިލުން 2007 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، އެ ޓީމުގެ ކޯޗު ޓީޓޭ ރޭގެ މެޗަށް ފަހު ބުނީ ގްރޫޕް ސްޓޭޖުގައި މެޗަކަށް ފަހު މެޗެއްގައި ކުޅުން ރަނގަޅުވަމުން އަންނާތީ ތަށި ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އިތުބާރު ބޮޑުވެފައިވާ ކަމަށެވެ.

ކުއާޓާ ފައިނަލުގައި ބްރެޒިލް ކުޅެން ޖެހޭނީ ގްރޫޕް ތަކުން ތިން ވަނަ އަށްދާ ޓީމުތަކުގެ ރޭންކިން އަށް ބެލުމަށް ފަހު ގްރޫޕް ބީ ނޫނީ ސީ އިން އަންނަ ޓީމަކާ އެވެ. އެ ގޮތަށް ބަލާއިރު އާޖެންޓީނާއާ ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ.