އާޖެންޓީނާ މެޗަށް ބްރެޒިލް ކޯޗު ކެތްމަދުވެފައި

ބެލޯ ހޮރިޒޯންޓޭ (ޖުލައި 2) - ކޮޕާ އެމެރިކާގެ ފުރަތަމަ ސެމީ ފައިނަލުގައި މިރާ އާޖެންޓީނާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ތައްޔާރުވަމުން އަންނަ އިރު އޭނާ އަށް ހަމަނިދި ނުލިބޭކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.


އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ކޮޕަ އެމެރިކާގައި ބްރެޒިލް ގްރޫޕް ސްޓޭޖުން ކެޓުމުން އޭރުހުރި ކޯޗު ޑުންގާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. ޓީޓޭގެ ކޯޗުކަމުގައި ބްރެޒިލުން ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ވަނީ ބެލްޖިއަމް އަތުން ކަޓައިފަ އެވެ.

ބްރެޒިލުން 2007 ވަނަ އަހަރު އާޖެންޓީނާ ބަލިކޮށް ކޮޕާ އެމެރިކާ ކާމިޔާބުކުރި ފަހުން އަދި ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ކާމިޔާބު ނުލިބެ އެވެ. އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން ބްރެޒިލް ކެޓީ މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން 7-1 އިން ބަލިވުމުންނެވެ. ބްރެޒިލްގެ ޒުވާން ޓީމު 2016 ގައި އޮލިމްޕިކްގެ ފުޓްބޯޅަ އިވެންޓް ކާމިޔާބުކުރިއިރު، ޓީޓޭގެ ނަޒަރުގައި ބްރެޒިލަށް އޮތް ހަމަޖެހުމަކީ މި މުބާރާތް ކާމިޔާބު ކުރުމެވެ.

"އަހަންނަށް ހަމަނިދި ނުލިބޭ. އަހަންނަކީ ސުޕަ މޭން އެއް ނޫން. ކުރިން ރެޔަކު އަހަންނަށް ދަންވަރު ހޭލެވުނީމަ ވެސް ވިސްނުނީ މި މެޗާ މެދު. މި މެޗުން މޮޅުވުން އެހާ މުހިއްމު. އަހަރެން މިހިރީ ބްރެޒިލް ސަޕޯޓަރުނަށް ބަދަލުދޭން ކެތްމަދުވެފައި،" މިރޭގެ މެޗުގެ ކުރިން ޓީޓޭ ބުންޏެވެ.

ބްރެޒިލާއި އާޖެންޓީނާ އަކީ ފުޓްބޯޅައިގައި އިންޑިޖުއަލް ހުނަރަށް ބަލާއިރު އެންމެ މޮޅެތި ކުޅުންތެރިން އުފައްދާ ދެ ގައުމެވެ. ޓީޓޭ ބުނީ ވަކި ވަކި ކުޅުންތެރިންނަށް ދޭ ސަމާލުކަން ކުޑަކޮށް އާޖެންޓީނާ ޓީމު ހުއްޓުވަން މަސައްކަތްކުރުން މާ މުހިއްމު ކަމަށެވެ. އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ފޯވާޑް ސާޖިއޯ އަގުއޭރޯ އަކީ ތަފާތު މޮޅު ކުޅުންތެރިން ކަމަށާއި އެ ދެ ކުޅުންތެރިން ހުއްޓުވަން ހާއްސަ ޕްލޭނެއް ނެތް ކަމަށެވެ.

އާޖެންޓީނާގެ ފަރިތަކުރުންތަކުގެ ތެރެއިން އަގުއޭރޯ (ކ) އާއި މެސީ. -- ފޮޓޯ: އޭއެފްޕީ

"ބޭނުމަކީ މެސީ ހުއްޓުވުމެއް ނޫން. ވަކި ކުޅުންތެރިއަކު ހުއްޓުވައިގެން ލިބޭނެ އުފަލެއް ނެތް. ބަލިކުރަން ޖެހޭނީ ކުޅުންތެރިޔާ އެއް ނޫން. ޓީމު ބަލިކުރަން ޖެހެނީ. ހުނަރަށް ބަލާއިރު ކުޓީނިއޯ، ފިރްމީނޯ ދެން ވިލިއަން އަކީ ވެސް މެޗު ބަދަލުކޮށްލަފާނެ ކުޅުންތެރިން،" ޓީޓޭ ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ބުނީ މެސީ އަކީ ކޮންމެ ވަގުތެއްގައި ވެސް މެޗެއް ބަދަލުކޮށްލެވޭނެ ފަދަ ކުޅުންތެރިޔެއް ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގައި މިދިޔަ ދެ އަހަރު އެލިސަން ކުޅުނު ދެ ކްލަބުން ރޯމާ އާއި ލިވަޕޫލުން މެސީގެ ބާސެލޯނާ ކަޓުވާލި ނަމަވެސް މި މެޗަށް އޭގެއިން ކުރާނެ އަސަރެއް ނެތް ކަމަށެވެ.

"ކޮންމެ މެޗަކީ ވެސް ވާހަކައެއް. ރޯމާ މެޗު ތަފާތު ލިވަޕޫލް މެޗާއި. އެކަމަކު އެ ދެ މެޗުގެ ވާހަކަ ވެސް ގުޅެނީ އެންމެ ސަބަބަކާ އެއީ ކާމިޔާބުވީ އަހަރެން. އެކަމަކު މި މެޗުގައި އެކަން ބަދަލުވުމުގެ ފުރުސަތު އެބައޮތްކަން ހަނދާން ކުރަންޖެހޭ،" ލިވަޕޫލްގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެލިސަން ބުންޏެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ މިރޭގެ މެޗަށް އެ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށާއި މި މެޗަށް އަގުއޭރޯ ނޫން އެއްވެސް ކުޅުންތެރިއަކަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ޔަގީންނުވާނެ ކަމަށެވެ.

"އަގުއޭރޯ ނުކުޅޭނެކަމަށް ބުނެފައިވާތީ. އަހަރެން ޔަގީންކަންދެން އޭނާ ކުޅޭނެކަމަށް. ދެން އެހެން އެއްވެސް ކުޅުންތެރިޔަކަށް ފުރަތަމަ އެގާރަ ޔަގީންވާނެއޭ އަހަރެން ނުބުނާނަން. މެސީ އަށް ވެސް ޔަގީންނުވާނެ،" ސްކަލޯނީ ބުންޏެވެ.

މިިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އާޖެންޓީނާގެ ކޯޗަކަށް އޭރު ހުރި ޖޯޖް ސަމްޕައޮލީ ވަކިކޮށް ކޯޗަކަށް ގެނައި ސްކަލޯނީގެ ނަޒަރުގައި އެ ޓީމުގެ ކޯޗުކަމުގައި ދެމިހުރުމަށް މި މެޗުން ބްރެޒިލް ބަލިކުރުން މުހިއްމު ކަމަށެވެ.

ކުއާޓާ ފައިނަލުގައި ވެނެޒުއޭލާ އަތުން މޮޅުވި މެޗަށް ފަހު މެސީ ވަނީ ސެމީގައި ބްރެޒިލް ބަލިކުރެވޭނެ ކަމަށް ބުނެފަ އެވެ. ބްރެޒިލާއި އާޖެންޓީނާ ކުޅޭ މެޗު ފަށާނީ މިރޭ ފަތިހު 5:30 ގަ އެވެ.