ގައުމީ ޓީމުން ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް: މެސީ

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (ޖުލައި 3) - ބްރެޒިލް އަތުން ރޭގެ ސެމީ ފައިނަލުގައި 2-0 އިން ބަލިވެ، މި ފަހަރުގެ ކޮޕަ އެމެރިކާ މުބާރާތުގައި ނާކާމިޔާބީއާ ކުރިމަތި ވިޔަސް ގައުމީ ޓީމުން ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.


މީގެ ކުރިން މެސީ ވަނީ އެއް ފަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެއީ 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ބަލިވި މެޗަށް ފަހު އެވެ. އެކަމަކު ފަހުން ނިންމުން ބަދަލުކޮށް އުމުރުން 32 އަހަރުގެ މެސީ އަލުން ޓީމަށް އެނބުރި އައީ އާޖެންޓީނާ މި ދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ބިރު ހީވެފައި އޮއްވަ އެވެ. މެސީ ވަނީ ކޮލިފައިން ފަހު މެޗުގައި އެކުއެޑޯ ކޮޅަށް ރަށުންބޭރުގައި ހެޓްރިކެއް ހަދައިފަ އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ފްރާންސް އަތުން ބަލިވެ، މުބާރާތުން ކެޓުމުން މެސީ ގައުމީ ޓީމުން ބްރޭކެއް ނެގި އެވެ. އޭނާ ދެ ވަނަ ފަހަރަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް މެސީ ވަނީ މި ފަހަރުގެ ކޮޕަ އެމެރިކާގެ ކުރިން އަލުން ގައުމީ ޓީމަށް އެނބުރި އައިސްފަ އެވެ.

ރޭގެ މެޗަށް ފަހު މެސީ ބުނީ މިހާރު އޮތް އާޖެންޓީނާގެ ޒުވާން ސްކޮޑަށް އޭނާގެ އެހީތެރިކަން ފުރިހަމަ އަށް ލިބޭނެކަމަށާއި އެހެންވެ ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަހަންނަށް އަދިވެސް މި ޓީމަށް އެހީތެރިވެދެވޭނެ. މިހާރު އާޖެންޓީނާގައި މި އޮތް ޒުވާން ގްރޫޕާ މެދު އުއްމީދު ބޮޑު. މިހާރު އޮތީ ވަރަށް ރަނގަޅު ޖީލެއް. މި ޓީމަށް ކާމިޔާބު ހޯދޭނެ. ގައުމީ ޓީމަށް ކުޅުމަށް ހުރި ޝައުގުވެރިކަން މި ކުޅުންތެރިންގެ މޫނުމަތިން ފެނޭ،" ރޭގެ މެޗަށް ފަހު މެސީ ބުންޏެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާގެ މެޗުތައް ކުޅުނު ބްރެޒިލްގެ ދަނޑުތަކުގެ ފެންވަރު ދަށް ކަމަށް ބުނެ މެސީ ވަނީ މީގެ ކުރިން ފާޑުކިޔައިފަ އެވެ. ރޭގެ މެޗުގައި ރެފްރީގެ ފަރާތުން ގިނަ މައްސަލަތަކެއް ފެނުނު ކަމަށް މެސީ ބުންޏެވެ.

"އަހަރެމެން ވަރަށް ބޮޑަށް މަސައްކަތްކޮށް ރަނގަޅަށް ކުޅުނިން. އަހަރެމެންނަށް ޕެނަލްޓީއެއް ލިބޭނެ ވަގުތެއް ވެސް ދިޔަ. މި މެޗުގައި ރެފްރީ ވަރަށް ގިނަ ގޯސް ފައުލުތަކެއް ދިން. ހައިރާންވާންޖެހޭ ސަބަބަކީ މި މެޗުގައި ވީއޭއާރްގެ އެހީވެސްނުހޯދާ." ހިތްހަމަނުޖެހިފައިހުރެ މެސީ ބުންޏެވެ.

އާޖެންޓީނާ އިން 1993 ވަނަ އަހަރު ކޮޕަ އެމެރިކާ ކާމިޔާބު ކުރި ފަހުން އެ ޓީމަށް ބޮޑު މުބާރާތެއްގައި ކާމިޔާބު ލިބިފައިނުވެ އެވެ. ގައުމީ ޓީމުގައި މެސީ އަށް ކާމިޔާބެއް ނުހޯދޭތީ އަމާޒުވާ ފާޑުކިޔުންތައް އިތުރުވަމުން އަންނައިރު، އަންނަ އަހަރު ކޮލަމްބިއާ އާއި އާޖެންޓީނާގައި ބާއްވާ ކޮޕަ އެމެރިކާގައި ކާމިޔާބު ހޯދުމަކީ މެސީގެ އަމާޒެކެވެ.