ރޮބެން ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އަމްސްޓަޑަމް، ނެދަލެންޑްސް (ޖުލައި 5) - ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ މޮޅު އެއް ވިންގް ނެދަލެންޑްސްގެ އާރްޔެން ރޮބެން 19 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.


ރޮބެން، ފުޓްބޯޅަ ކެރިއަރު ފެށީ 2000 ވަނަ އަހަރު ނެދަލެންޑްސްގެ ގްރޮނިންގެން އިންނެވެ. ނެދަލެންޑްސްގެ ހުރިހާ އުމުރުފުރައެއްގެ ގައުމީ ޓީމަށް ކުޅެ ސީނިއާ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ރޮބެން އުމުރުން 35 އަހަރުގައި ރިޓަޔާކުރަން ނިންމީ މިދިޔަ ސީޒަނަށް ފަހު، އޭނާގެ އެންމެ ފަހުގެ ކްލަބް ބަޔާން މިއުނިކާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.

ވާތުފައިން ކުޅޭ ރޮބެން ހޯދުމަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިންޓަ މިލާނާއި ލެސްޓާ ސިޓީން ވެސް މަސައްކަތްކުރި އެވެ. އެކަަމަކު ފާއިތުވި އަހަރުތަކުގައި އޭނާގެ އަނިޔާގެ މައްސަލަތައް ގިނަވެފައިވާތީ ރޮބެން ނިންމީ ކުޅުން ހުއްޓާލުމަށެވެ.

"މިއީ ޝައްކެއް ވެސް ނެތި އަހަރެންގެ ހަޔާތުގައި ނިންމާނެ އެންމެ އުނދަގޫ ނިންމުން. އަހަރެންގެ ހިތް ބުނަނީ އަދިވެސް ކުޅެން. އެކަމަކު ހަށިގަނޑު ބުނަނީ ހުއްޓާލަން." ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ރޮބެން ބުންޏެވެ.

ގްރޮނިންގެން އިން ކެރިއަރު ފަށައި އޭގެ ފަހުން ޕީއެސްވީ އެއިންދޯވަން އަށް ވެސް ކުޅުނު ރޮބެން އަށް އެންމެންގެ ލޯ އަމާޒުވާން ފެށުމާ އެކު ހޯސޭ މޮރީނިއޯ ވަނީ 2004 ވަަނަ އަހަރު ޗެލްސީ އަށް އޭނާ ގެނެސްފަ އެވެ. ތިން ސީޒަން ޗެލްސީގައި ހޭދަކުރުމަށް ފަހު ރޮބެން ދެން ގުޅުނީ ސްޕެއިނުގެ ރެއާލް މެޑްރިޑާ އެވެ. އެ ޓީމުން އެންމެ އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީ 2009 ވަނަ އަހަރު ބަޔާނަށް ބަދަލުވި އެވެ.

ރޮބެން ވަނީ އޭނާގެ ކްލަބް ކެރިއަރުގައި 28 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ނެދަލެންޑްސްގެ ލީގާއި އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ އިތުރުން ޖަރުމަނު ލީގު ހިމެނެ އެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ސީޒަނަކީ 2013 ވަނަ އަހަރު ބަޔާނުން ސީޒަނުގެ ތިން ތަށި ކާމިޔާބުކުރި ފަހަރެވެ. އެ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޑޯޓްމަންޑް އަތުން ބަޔާން މޮޅުވި ގޯލު ޖެހީ ރޮބެން އެވެ.

ރޮބެން އަކީ ނެދަލެންޑްސް ގައުމީ ޓީމުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނުއިރު އެ ޓީމުގެ މުހިއްމު ތަރިއެކެވެ. ނެދަލެންޑްސް ގައުމީ ޓީމަށް 2003 އިން 2017 އަށް ކުޅެދިން ރޮބެން ވަނީ އެ ޓީމަށް 96 މެޗުން 37 ގޯލު ޖަހައިފަ އެވެ.