ޗައިނާ އިން ހުށަހެޅި ރެކޯޑް މުސާރައަކަށް މޮރީނިއޯ ނޫނެކޭ ބުނެފި

ލަންޑަން (ޖުލައި 7) - ޗައިނާގެ ސުޕަ ލީގުގެ ކްލަބެއް ކަމަށްވާ ގުއަންޒޫ އެވަގްރާންޑޭ އިން، ފުޓްބޯޅަ ކޯޗަކަށް މިހާތަނަށް ދޭ ރެކޯޑް މުސާރައާ އެކު ލިބުނު ހުށަހެޅުމަށް، މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ނޫނެކޭ ބުނެފި އެވެ.


ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ އަށް ގުއަންޒޫ އިން ހުށަހެޅި ދެ އަހަރު ދުވަހު ކޮންޓްރެކްޓްގެ އަގު މުސާރަ އާއި ބޯނަހުގެ ގޮތުގައި 100 މިލިއަން ޔޫރޯ (112 މިލިއަން ޑޮލަރު) އަށް އަރަ އެވެ. އެއީ މުސާރަ އަށް އަހަރަކު 47 މިލިއަން ޑޮލަރެވެ. އަދި ބޯނަހުގެ ގޮތުގައި ދެ އަހަރަށް 18 މިލިއަން ޑޮލަރެވެ.

ގުއަންޒޫ އިން މޮރީނިއޯއާ މަޝްވަރާކުރިއިރު، އޭނާ އަށް އިހުތިޔާރެއްގެ ގޮތުގައި ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު އޮންނަ ގޮތަށް އެއްބަސްވުމުގައި ހިމަނަން ވެސް ހުށަހެޅި އެވެ. އެކަމަކު މޮރީނިއޯ ގުއަންޒޫ އަށް ނޫނެކޭ ބުނަން ނިންމީ އެ ލީގަކީ އަދި އޭނާ އަށް ފުޓްބޯޅައިގައި މަސައްކަތްކުރަން އެންމެ ކަމުދާ ލީގަކަށް ނުވާތީ އެވެ.

ގުއަންޒޫ ޓީމު ހިންގާ އެވަގްރަންޑޭ ގްރޫޕުގެ ޗެއާމަން މަޝްހޫރު މަހުޖަނު ޒޫ ޖިއަޔިންއާ އެކު މޮރީނިއޯ ވަނީ މިދިޔަ ހަފުތާގައި ވެސް ބައްދަލުކޮށްފަ އެވެ. އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ އޭޕްރީލް މަހު ލަންޑަނުގަ އެވެ.

މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން މޮރީނިއޯ މަސައްކަތްކުރަމުން އަންނަނީ ބީން ސްޕޯޓްސް އާއި ރަޝިއާ ޓުޑޭ (އާރްޓީ)ގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ. އެ މުއްދަތުގެ ތެރޭގައި މޮރީނިއޯ އަށް އެކި ޓީމުތަކުން ހުށަހެޅުން ލިބުނެވެ. އޭގެ ތެރޭގައި ރޯމާ، ބެންފީކާ އަދި ލިޔޯން ހިމެނެ އެވެ. އަދި މޮރީނިއޯއާ މަޝްވަރާކުރި ޓީމުތަކަކީ ރެއާލް މެޑްރިޑާއި ޗެލްސީގެ އިތުރުން ނިއުކާސަލް ޔުނައިޓެޑް އެވެ.

މިދިޔަ މަހޔު ޕޯޗުގަލްގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ވަނީ ގައުމީ ޓީމަކާ ހަވާލުވުމުގެ ވިސްނުން ވެސް އެބަހުރި ކަމަށް ބުނެފަ އެވެ. އެކަމަކު ދާދި ފަހުން މިހާރު ކުރިއަށްދާ ވިމްބްލެޑަން ޓެނިސް މުބާރާތުގެ މެޗެއް ބަލަން ގޮސް، ސްޕެއިނުގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލްއާ ބައްދަލުކުރުމަށް ފަހު މީޑިއާގައި ވާހަކަ ދެއްކިއިރު، މޮރީނިއޯ ވަނީ އަލުން އިޓާލިއަން ލީގަށް ދިއުމުގެ ވިސްނުމެއް އެބަހުރި ކަމަށް ބުނެފަ އެވެ.

ބާސެލޯނާގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މޮރީނިއޯ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ފެށީ 2000 ވަނަ އަހަރު ބެންފީކާ އިންނެވެ. އެކަމަކު ގިނަ ބަޔަކަށް މޮރީނިއޯ ފާހަގަވާން ފެށީ ޕޯޓޯއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 2004 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ހިސާބުންނެވެ. އޭގެ ފަހުން އޭނާ ވަނީ އިންޓަ މިލާނާއި ރެއާލް މެޑްރިޑާ އެކު ވެސް ކާމިޔާބީތަކެއް ހޯދައިފަ އެވެ. ދެ ވަނަ ފަހަރަށް ޗެލްސީ އަށް ކޯޗުކޮށްދިނުމަށް ފަހު އެންމެ ފަހުން މޮރީނިއޯ ފެނުނީ ޔުނައިޓެޑްގެ ބެންޗުންނެވެ.

ސްޕެއިނުގެ މަޝްހޫރު ކޯޗު ރަފައެލް ބެނިޓޭޒް ދާދި ފަހުން ވަނީ ނިއުކާސަލް ޔުނައިޓެޑާ އެކު އޭނާ ހަދާފައި އޮތް އެއްބަސްވުން ހަމަވުމުން ޗައިނީސް ލީގުގެ ޑާލިއަން ޔަފިއަންއާ ހަވާލުވެފަ އެވެ. ބެނިޓޭޒް ބުނީ ޑާލިއަން އަށް ބަދަލުވީ ބޮޑު މުސާރަ އަށް ނޫން ކަމަށާއި ޗައިނީސް ސުޕަ ލީގު ކަހަލަ ކުރިއަރަމުން އަންނަ މުބާރާތެއްގައި މަސައްކަތްކުރުމަށް ކަމަށެވެ.