ކޮންމެބޯލް އިން މެސީ އަށް ބޮޑު އަދަބެއް ދެނީ

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖުލައި 8) - ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާ އިން މި ފަހަރުގެ ކޮޕަ އެމެރިކާ ބާއްވާ ބްރެޒިލަށް އެ މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ބޭނުންވާ ކަމަށް ބުނެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އަށް ބޮޑު ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.


މުބާރާތުގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުން ބަލިވި މެޗަށް ފަހު އެ މެޗުގެ ރެފްރީ ޒަމްބޮރާނޯ އަށް އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ފާޑުކީއިރު، އޭނާގެ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ފަހުން ހޮނިހިރު ދުވަހުގެރޭ ޗިލީ އަތުން 2-1 އިން މޮޅުވެ، އާޖެންޓީނާ އިން މުބާރާތުގެ ތިން ވަނަ ހޯދި މެޗުގައި މެސީ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މިއީ އާޖެންޓީނާ އަށް ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑު ދެއްކި ފަހުން މިދިޔަ 14 އަހަރު ތެރޭ މެސީ އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

މުބާރާތުގެ ކަންތައްތަކާ މެދު ހިތްހަމަނުޖެހިފައި ހުރުމުން މެސީ ވަނީ ލޯ މެޑަލް އަޅަން ދާން އިންކާރުކޮށްފަ އެވެ. މެސީ ބުނީ އޭނާ ކޮރަޕްޝަނުގެ އަމަލެއްގައި ބައިވެރިވާން ބޭނުންނުވާ ކަމަށާއި ކޮޕަ އެމެރިކާގައި އޮތީ ކޮރަޕްޝަން ކަމަށެވެ. މި މުބާރާތުގައި ބްރެޒިލަށް ފައިދާ ހުރި ގޮތަށް ގިނަ ކަންތައްތަކެއް ނިންމާފައިވާކަމަށާއި އޭނާ އަށް ރަތް ކާޑު ދެއްކީ މި މުބާރާތުގެ ރެފްރީންނަށް ފާޑުކިޔާފައިވާތީކަމަށް މެސީ ބުންޏެވެ.

މެސީގެ މި ވާހަކަތަކާ ގުޅިގެން ކޮންމެބޯލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗުތަކުން ބަލިވުމާއި ރަތް ކާޑު ދެއްކުން ފަދަ ފުޓްބޯޅައިގައި އާންމުކޮށް ހިނގާ ކަމެއްގެ ސަބަބުން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާގެ އަގުވެއްޓޭ ގޮތަށް މެސީ ފަދަ ކުޅުންތެރިއަކު ވާހަކަ ދެއްކުމުން ކަންބޮޑުވާ ކަމަށެވެ. އަދި މެސީގެ ފަރާތުން ފެނުނީ ކޮޕަ އެމެރިކާ ފަދަ، މީހުންގެ މެދުގައި ގަދަރު އުފުލިފައިވާ މުބާރާތެއްގެ އަގުވައްޓާލުމުގެ އަމަލެއް ކަަމަށާއި މިއީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

މެސީ އަށް، ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ އެކު އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެ އެވެ. އެެއީ ކުރިއަށް އޮތް ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުގައި ކޮންމެބޯލާ ބެހޭގޮތުން މެސީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ ޑިސިޕްލިނަރީ މައްސަލައެއް ވަނީ ބަލަންފަށައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކޮންމެބޯލްގެ ޑިސިޕްލިނަރީ ގަވައިދުގައިވާ ގޮތުން އެ އިދާރާގެ އަގު ވެއްޓޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް މީޑިއާގައި ދައްކައިފި ނަމަ ދެ އަހަރު ދުވަހަށް ގައުމީ ޓީމުގެ މެޗުތަކުން ސަސްޕެންޑް ކުރެވޭ ގޮތަށް އޮވެ އެވެ. އުމުރުން 32 އަހަރުގެ މެސީ އަށް ދެ އަހަރުގެ ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ އޭނާ އަށް ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކުގެ އިތުރުން އަންނަ އަހަރު ކޮލަމްބިއާ އާއި އާޖެންޓީނާގައި ބާއްވާ ކޮޕަ އެމެރިކާ ނުކުޅެވޭނެ އެވެ.

ރޭ ޕެރޫ އަތުން 3-1 އިން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ބްރެޒިލުން ހޯދި މެޗަށް ފަހު އެ ޓީމުގެ ކޯޗު ޓީޓޭ ވަނީ ބޭނުންވާ ގޮތަށް ކަންތައްތައް ނުވި ނަމަވެސް ފުޓްބޯޅައިގައި އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރަންޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި މެސީގެ ފަރާތުން ފެނިގެންދިޔައީ އޭނާ ފަދަ ގަދަރުލިބިފައިވާ ކުޅުންތެރިއެއްގެ ފަރާތުން ފެންނަންޖެހޭނެ ފަދަ އަމަލެއް ނޫން ކަމަށް ޓީޓޭ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ އަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ ބާސެލޯނާގައި ހޯދާ ފަދަ ކާމިޔާބެއް އާޖެންޓީނާ އެކު ހާސިލްނުކުރެވޭތީ އެވެ. ޖެހިޖެހިގެން ދެ ކޮޕަ އެމެރިކާ ފައިނަލުން މީގެ ކުރިން އާޖެންޓީނާ ބަލިވިއިރު، މެސީ ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި މެސީ ވަނީ އަލުން ގައުމީ ޓީމާ ގުޅިފަ އެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން އާޖެންޓީނާ ކެޓުމުން މެސީ ވަނީ ގައުމީ ޓީމުން ބްރޭކެއް ނަގައިފަ އެވެ. އަލުން ގައުމީ ޓީމާ ގުޅުނީ މި ފަހަރުގެ ކޮޕަ އެމެރިކާ ފެށެން ގާތްވެފައިވަނިކޮށެވެ.