ރަނގަޅު އަގެއް ހުށަހަޅައިފި ނަމަ ނޭމާ ވިއްކާނަން: ޕީއެސްޖީ

ޕެރިސް (ޖުލައި 9) - ބްރެޒިލްގެ ތަރި ނޭމާ ޕީއެސްޖީގެ ޕްރީ ސީޒަން ޕްރެކްޓިހުގައި ބައިވެރިނުވާތީ، ރަނގަޅު އަގެއް ކްލަބަކުން ހުށަހަޅައިފި ނަމަ އޭނާ ވިއްކާލަން ނިންމާފައިވާ އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.


ނޭމާ އެނބުރި ބާސެލޯނާ އަށް އަންނަން ބޭނުންވާ ކަމަށް އެ ކްލަބުން މީގެ ކުރިން ބުނެފައިވާއިރު، ދާދި ފަހުން ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވީ ނޭމާ އަންނަން ބޭނުންވި ކަމުގައި ވިޔަސް ޕީއެސްޖީން އޮތީ އޭނާ ދޫކޮށްލާ ގޮތަށް ނޫން ކަމަށެވެ. އަދި އެ ޑީލް ކުރިއަށް ދިއުމާ މެދު ވަކި ގޮތެއް ނިންމަން އުނދަގޫވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޕީއެސްޖީން ނެރުނު ބަޔާނުގައި ބުނީ އިއްޔެ އަކީ ނޭމާ އެ ކްލަަބްގެ ޕްރީ ސީޒަން ޕްރެކްޓިހަށް ރިޕޯޓްކުރަންޖެހޭ ދުވަސް ކަމަށާއި އެގޮތަށް އޭނާ އަމަލުކޮށްފައިނުވާތީ ހިތާމަކުރާ ކަމަށެވެ. އަދި އުމުރުން 27 އަހަރުގެ ނޭމާ ޕްރީ ސީޒަނުގައި ބައިވެރިނުވާ ސަބަބު އޮޅުން ފިލުވުމަށް ފަހު ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ނޭމާއާ ގުޅިގެން މީޑިއާގައި ދެކެވޭ ވާހަކަތަކާއި އޭނާ ކްލަބް ދޫކޮށްލަން ބޭނުންވާތީ ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަނީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ނޭމާ ވިއްކާލާނެ ކަމަށް ބުނެފަ އެވެ.

ނޭމާ އޭނާގެ ދަރިފުޅު ލޫކާއާ އެކު ކޮޕަ އެމެރިކާގެ ފައިނަލް މެޗު ބަލަނީ.-- ފޮޓޯ: އޭއެފްޕީ

މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ (246 މިލިއަން ޑޮލަރު) އަށް ޕީއެސްޖީން ނޭމާގެ ސޮއި ހޯދިއިރު، އެ ޓީމުން ބޭނުންވި ވަރުގެ ކުޅުމެއް މިހާތަނަށް އޭނާގެ ފަރާތަކުން ނުފެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ނޭމާގެ ބަދަލުގައި ޕީއެސްޖީން ބޭނުންވަނީ ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ އެވެ.

މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި ނޭމާގެ ފަރާތުން ވަނީ އަހުލާގީ މައްސަލަތަކެއް ފެނިފަ އެވެ. އަދި އެކަމާ ގުޅިގެން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނާއި ޔުއެފާ އިން ވަނީ، އަންނަ ސީޒަނުގެ ފުރަތަމަ މެޗުތަކަށް ނޭމާ ސަސްޕެންޑްކޮށްފަ އެވެ.

ދާދި ފަހުން ޕީއެސްޖީގެ ރައީސް ނާސިރު ހެއްލާފީ ވަނީ އަހުލާގު ދަށް އަމަލުތަކެއް ފެންނަ ކުޅުންތެރިންނަށް ޕީއެސްޖީގައި ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ނޭމާ އަށް ނުސީދާ އިންޒާރެއް ދެއްވައިފަ އެވެ. އަދި ޕެރިހަށް ބްރެޒިލްގެ އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ފުލުހުން ނޭމާގެ މައްސަލައެއް ބަލަމުން އަންނައިރު، ބްރެޒިލްގެ ކެޕްޓަންކަން ވެސް ވަނީ ނޭމާ އަތުން ނެގި އެވެ. އަނިޔާގެ ސަބަބުން ކޮޕާ އެމެރިކާގައި ނޭމާ ނުވެސް ކުޅެ އެވެ. ނަމަވެސް އޭނާއާ ނުލައި އެ ޓީމުން ވަނީ 12 އަހަރަށް ފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ އެންޑަ ހެރޭރާ އާއި ސެވިއްޔާގެ ޕަބްލޯ ސަރަބިއާ ގެންގޮސްފަ އެވެ. ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. އަދި ޕީއެސްޖީގެ ޒުވާން މިޑްފީލްޑަރު އޭޑްރިއަން ރަބިއޯ ވެސް ޔުވެންޓަސް އަށް ބަދަލުވެފައިވާއިރު، ޑެނީ އަލްވޭސް ވެސް ވަނީ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.