ޓިއުނީޝިއާ އިން 54 އަހަރަށް ފަހު ގާނާ ބަލިކޮށްފި

އިސްމާއީލިއާ (ޖުލައި 9) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު މެޗުގައި މި މުބާރާތުގައި 54 އަހަރަށް ފަހު ޓިއުނީޝިއާ އިން ގާނާ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.


ޓިއުނީޝިއާ އެންމެ ފަހުން ގާނާ އަތުން މޮޅުވީ 1965 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު ހަ މެޗުން ވެސް ގާނާ ވަނީ ޓިއުނީޝިއާ ބަލިކޮށްފަ އެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތްއިރު، ނަތީޖާ ނެރެން ޕެނަލްޓީ ޖެހުމުން ޓިިއުނީޝިއާ ކުރި ހޯދީ 5-4 އިންނެވެ.

ރޭގެ މެޗުގެ 73 ވަނަ މިނިޓްގައި ތޯހާ ޔާސީން ޓިއުނީޝިއާ އަށް ލީޑުނަގައިދީފައި ވަނިކޮށް މެޗުގެ އިތުރު ވަގުތުގައި ގާނާ އިން އެއްވަރުކުރި ގޯލަކީ ޓިއުނީޝިއާގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި ލަނޑު ވަނީ ގާނާގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޓިއުނީޝިއާގެ ޑިފެންޑަރު ރަމީ ބެދުއީ އަތުންނެވެ.

އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް ދެ ޓީމަށް ލަނޑެއް ޖެހިފައި ނުވާއިރު، ނަތީޖާ ނެރެން ޕެނަލްޓީ ޖެހުމުން ޓިއުނީޝިއާ އިން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ޕެނަލްޓީތައް ފޮނުވާލީ ނައީމް ސްލިތީ، ވަހުބީ ކާޒީ، ޑެނިއަލް މަހުމޫދު އަދި ފެޖާނީ ސާސީ އެވެ. ގާނާގެ ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އަންސާ އެކުބަން ޖެހި ޕެނަލްޓީ އެވެ. އެ ޓީމުގެ މުބާރަކް ވަކަސޯ، ޖޯޑަން އަޔޫ އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ތޯމަސް ޕާޓޭ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

ޓިއުނީޝިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ މެޗެއްގެ 90 މިނިޓް ތެރޭގައި މޮޅު ނުވެވި އެވެ. ގްރޫޕް ސްޓޭޖުގައި ޓިއުނީޝިއާ ކުޅުނު ތިން މެޗުން ވެސް އެއްވަރުވިއިރު، އެ ޓީމަށް ދެ ވަނަ ބުރުން ފުރުސަތު ލިބުނީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

ދެ ވަނަ ބުރުގައި ރޭ އައިވަރީ ކޯސްޓް ކުޅުނު މެޗުން މާލީ އަތުން މޮޅުވީ 1-0 އިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ ކްރިސްޓަލް ޕެލަސްގެ ވިންގް ވިލްފްރެޑް ޒަހާ އެވެ.

އެންމެ ފަހުން މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ޓީމު ކަމަށްވާ ޗެމްޕިއަން ކެމަރޫން އާއި މި ފަހަރު މުބާރާތް ބާއްވާ ގައުމު މިސްރު ވަނީ ދެ ވަނަ ބުރުން ކަޓައިފަ އެވެ. ނެދަލެންޑްސްގެ ލެޖެންޑް ކްލަރެންސް ސީޑޯފްގެ ކޯޗުކަމުގައި ކުޅޭ ކެމަރޫން ކެޓީ ނައިޖީރިއާ އަތުންނެވެ. އަދި ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު ކުޅޭ މިސްރު ބަލިވީ ދެކުނު އެފްރިކާ އަތުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މާދަމާ ފަށާއިރު ކުއާޓާގެ ފުރަތަމަ މެޗުގައި ސެނެގޯލް ބައްދަލުކުރާނީ ބެނިންއާ އެވެ. ދެ ވަނަ މެޗުގައި ނައިޖީރިއާ އާއި ދެކުނު އެފްރިކާ ކުޅޭއިރު، ތިން ވަނަ ކުއާޓާގައި އައިވޮރީ ކޯސްޓް ކުޅޭނީ އަލްޖީރިއާއާ އެވެ. ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ މަޑަގަސްކާ އާއި ޓިއުނީޝިއާ އެވެ. މަޑަގަސްކާ އަކީ މުޅިން އަލަށް މި ފަހަރުގެ މުބާރާތުގައި ވާދަކޮށް ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެކެވެ.