ރޮނާލްޑޯ ކޮޕީއެއް ނުކުރާނަން: ޔާއޯ ފެލިކްސް

މެޑްރިޑް (ޖުލައި 9) - ދާދި ފަހުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ބަދަލުވި، އުމުރުން 19 އަހަރުގެ ޔާއޯ ފެލިކްސް ފުޓްބޯޅަ ކެރިއަރުގައި ކުރިއަށްދާއިރު ބޭނުންވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ކޮޕީ ކުރަން ނޫން ކަމަށާއި ފުޓްބޯޅައިގައި އަމިއްލަ ނަމެއް ހޯދަން ކަމަށް ބުނެފި އެވެ.


ޔާއޯ ފެލިކްސް އަކީ މުސްތަގުބަލުގައި ރޮނާލްޑޯ ނެތްތަން ޕޯޗުގަލް ޓީމުގައި ފޫބައްދާނެ ކުޅުންތެރިޔާ ކަމަށް ޕޯޗުގަލްގެ ގިނަ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ. އެތުލެޓިކޯގެ ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މީޑިއާ އަށް ތައާރަފްކުރިއިރު، ޔާއޯ ފެލިކްސް ބުނީ ރޮނާލްޑޯ ފަދަ ކުޅުންތެރިއެއް ކޮޕީކުރުމަކީ ކުރެވޭނެ ކަމެއްގެ ގޮތުގައި ގަބޫލުނުކުރާކަމަށާއި ކޮންމެ ކުޅުންތެރިއެއް ވެސް މަސައްކަތްކުރަންޖެހޭނީ އަމިއްލަ ސްޓައިލުގައި ކުރިއަށް ދާން ކަމަށެވެ.

"އަހަރެން ބޭނުންވަނީ ޔާއޯ ފެލިކްސްގެ ގޮތުގައި ނަމެއް ހޯދަން. ދެ ވަނަ ރޮނާލްޑޯއޭ ކިޔުމަކީ އިންސާފުވެރި ގޮތެއް ނޫން. ރޮނާލްޑޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އެ ފަދަ ކުޅުންތެރިއެއްގެ ފަރާތުން ކަންތައްތަކެއް ދަސްކުރެވޭނެ. އަހަރެން ވެސް ލަފާ ހޯދާނަން،" ޔާއޯ ފެލިކްސް ބުންޏެވެ.

ޔާއޯ ފެލިކްސް އެތުލެޓިކޯގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

"ސްޕެނިޝް ލީގަށް އައުމުގެ ކުރިން ވެސް އަހަރެން ރޮނާލްޑޯ ގާތުން ލަފާ ހޯދިން. ގިނަ ހުށަހެޅުންތަކެއް އޮއްވައި އަހަރެން މި ލީގަށް އައުމުގައި ރޮނާލްޑޯގެ ދައުރު ބޮޑު."

އެޓޭކިން މިޑްފީލްޑަރަކަށާއި ދެ ފަޅިން ވެސް ކުޅޭ ޔާއޯ ފެލިކްސް އެތުލެޓިކޯގައި ކުޅޭނީ ހަތް ނަމްބަރު ޖޯޒީގަ އެވެ. މިއީ ކުރިން އެތުލެޓިކޯގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ބޭނުންކުރަމުން އަންނަ ނަމްބަރެވެ. ޔާއޯ ފެލިކްސް ބުނީ ގްރީޒްމަންގެ ނަމްބަރުގައި ކުޅުމާއި އޭނާ ހޯދަން އެތުލެޓިކޯ އިން ދެއްކި އަގުގެ ޕްރެޝަރު އޭނާ އަށް ނޯންނާނެ ކަމަށެވެ.

"އަހަންނަށް އެތުލެޓިކޯ އިން ދެއްކީ ބެންފީކާއިން ބޭނުންވާ އަގު. އެއީ އަހަރެން ބޭނުންވި އަގެއް ނޫން. އެހެންވީމަ އެ ޕްރެޝަރެއް ނެތް. އަނެއްކޮޅުން ގްރީޒްމަންގެ ނަމްބަރު އެތުލެޓިކޯ އިން އަހަންނަށް ދިނީ އިތުބާރުކޮށްފައި އަހަރެން ބޭނުމީ އެ އިތުބާރު. ޕްރެޝަރެއް ނޫން،" ޔާއޯ ފެލިކްސް ބުންޏެވެ.

އެތުލެޓިކޯގެ ޕްރީ ސީޒަން ޓްރެއިނިންތައް ފަށާފައިވާއިރު ގްރީޒްމަން އަންނަނީ ތަމްރީނުތަކުގައި ބައިވެރިވާން ދެކޮޅު ހަދަމުންނެވެ. އަދި ބާސެލޯނާ އަށް ބަދަލުވުމުގެ ކަންތައްތައް އަވަސްކުރަން ގްރީޒްމަން ވަނީ އޭނާގެ ވަކީލުންނަށް އަންގައިފަ އެވެ.