އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުން ޓްރަމްޕަށް ނޫނެކޭ ބުނެފި

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - ފްރާންސްގައި ދާދި ފަހުން ނިމުނު ފީފާ އަންހެން ވޯލްޑް ކަޕް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދި އަންހެން ޓީމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ބައްދަލުނުކުރާނެ ކަމަށް އެ ޓީމުގެ ކެޕްޓަން މޭގަން ރެޕީނޯ ބުނެފި އެވެ.


އެމެރިކާ އިން ހަތަރު ވަނަ ފަަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލުގައި ނެދަލެންޑްސް އަތުން 2-0 އިން މޮޅުވެގެންނެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކުރީ އުމުރުން 34 އަހަރުގެ ރެޕީނޯ އެވެ.

ސީއެންއެންގެ މަޝްހޫރު ޝޯ "އެންޑަސަން ކޫޕާ 360 ޑިގްރީ" ގައި ވާހަކަ ދައްކަމުން ރެޕީނޯ ބުނީ އޭނާ ވާހަކަ ދެއްކި ޓީމުގެ އެއްވެސް ކުޅުންތެރިއަކު އެމެރިކާ ރައީސް ޓްރަމްޕްގެ ފަރާތުން އަންނަ ދައުވަތު ގަބޫލުނުކުރާނެ ކަމަށެވެ.

"މޭކް އެމެރިކާ ގްރޭޓް އެގެއިން. މިއީ ޓްރަމްޕްގެ ސްލޯގަން. އެކަމަކު މިއީ އަމިއްލަ މަންފާ އަށް އޮތް ސްލޯގަން އެއް. އެމެރިކާގެ އަންހެން ޓީމުން އަމިއްލަ ހަޔާތުގެ މުހިއްމު ވަގުތު ހުސްކޮށްފައި ގޮސް ގައުމަށް ކާމިޔާބު ހޯދަން މަސައްކަތްކުރާއިރު އަހަރެމެންގެ ހައްގު އޮންނަނީ ވަރަށް ބޮޑަށް ބަނދެލެވިފައި،" ރެޕީނޯ ބުންޏެވެ.

ރެޕީނޯގެ މި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ޓްރަމްޕް ކުރެއްވި ޓްވީޓްގައިވަނީ އެމެރިކާ އަށް އިހުތިރާމް ކުޑަކޮށް ވާހަކަ ދެއްކުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށާއި މޭގަން ވެސް އެ ގޮތަށް ކަންތައް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި އަންހެން ޓީމަށާއި ރެޕީނޯ އަށް އެމެރިކާ އިން ގިނަ ކަންތައްތަކެއް ކޮށްދީފައިވާއިރު އެމެރިކާގެ ދިދައަށާއި ވައިޓް ހަައުސް އަށް ފުރިހަމަ އަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނެކޭ އެއްވަރަށް މުސާރަ އާއި ބޯނަސް ހޯދަން އެ ގައުމުގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ. މިދިޔަ މާޗް މަހު ހުށަހެޅި މި މައްސަލައިގައި އެ ފަހަރު ސަރުކާރުގެ އެކަށީގެންވާ ޖަވާބެއް ނުލިބުނު ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބީއާ ގުޅިގެން އަންހެން ފުޓްބޯޅަ ޓީމުގެ މުސާރަ އާއި ބޯނަސް ބޮޑުކުރަން އެމެރިކާ ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފަހަކަށް އައިސް ގިނަ ޓީމުތަކުން ވަނީ ޓްރަމްޕްގެ ފަރާތުން ލިބުނު ގިނަ ދައުވަތުތަކަށް ނޫނެކޭ ބުނެފަ އެވެ. އޭގެ ތެރޭގައި ބާސްކެޓްބޯޅަ ކްލަބް ގޯލްޑަން ސްޓޭޓް ވޯރިއާސް އާއި އެމެރިކަން ފުޓްބޯޅަ ލީގުގެ ފިލަޑެލްފިއާ އީގަލްސް އެވެ. އެކަމަކު ދާދި ފަހުން މަޝްހޫރު ގޯލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް ވަނީ ޓްރަމްޕްގެ ދައުވަތަކަށް ވައިޓް ހައުސްގައި އޮތް ހަފްލާއެއްގައި ބައިވެރިވެފަ އެވެ.