ބަޔާނުން ސާނޭ އާއި ޑެމްބެލޭ ހޯދަން މަސައްކަތް ކުރަނީ

މިއުނިކް (ޖުލައި 10) - ބަޔާން މިއުނިކުގެ ދެ ލެޖެންޑުން ކަމަށްވާ އާރްޔެން ރޮބެން އާއި ފްރޭންކް ރިބެރީ ނެތްތަނަށް ފޫބެއްދުމަށް ބާސެލޯނާގެ އޮސްމާން ޑެމްބެލޭ އާއި މެންޗެސްޓާ ސިޓީގެ ލެރޯއި ސާނޭ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު ނިކޯ ކޮވަޗް ބުނެފި އެވެ.


މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުމާ އެކު ބަޔާނުން ވަނީ ސާނޭ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ސިޓީ އަށް 2016 ވަނަ އަހަރު 55 މިލިއަން ޑޮލަރުގެ ފީ އަކަށް ބަދަލުވުމުގެ ކުރިން ސާނޭ ވަނީ ބަޔާންއާ ވާހަކަ ދައްކައިފަ އެވެ. އޭރު ސާނޭގެ ވިސްނުން ހުރީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތްކުރުމަށެވެ. އެކަމަކު ފަހަކަށް އައިސް ސިޓީގައި ސާނޭ އަށް ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު މަދުން ލިބޭތީ އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ބަޔާނުގެ ކޯޗު ކޮވަޗް ބުނީ ރިބެރީ އާއި ރޮބެން އަކީ ގިނަ އަހަރުތަކެއް ވަންދެން ބަޔާނުގައި މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިން ކަމަށާއި ބަޔާނުން އެ ދެ މަގާމު ފޫބައްދާއިރު ބަލަންޖެހޭނީ ސާނޭ އާއި ޑެމްބެލޭ ފަދަ މުސްތަގުބަލު އޮތް ދެ ކުޅުންތެރިންނަށް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިހާތަނަށް ސާނޭ ހޯދަން ބަޔާނުންކުރި ދެ ބިޑަށް ވެސް ސިޓީން ވަނީ ނޫނެކޭ ބުނެފަ އެވެ. ސާނޭ ވިއްކާލަން ސިޓީން ކިޔާ އަގަކީ 123 މިލިއަން ޑޮލަރެވެ. އެކަމަކު ބަޔާނުން އެ ވަރުގެ ޓްރާންސްފާ ފީއެއް ދައްކަން ބޭނުމެއް ނުވި އެވެ.

"ސާނޭގެ އެބަހުރި ބަޔާން އަނެއް ލެވެލަށްދާން ކުރާ މަސައްކަތުގައި އެހީވެދެވޭނެ ފަދަ ކޮލިޓީ. އެއީ ސިޓީ އާއި ޖަރުމަނު ގައުމީ ޓީމުގައި އޭނާ އެ ފެންވަރު ސާބިތުކޮށްދީފި. ބަޔާނުން އަދި ވެސް މި އަންނަނީ ސާނޭ ހޯދަން މަސައްކަތްކުރަމުން،" ކޮވަޗް ބުންޏެވެ.

ބަޔާނުން ބޭނުންވަނީ ލޯން އެއްބަސްވުމެއް ދަށުން ޑެމްބެލޭ ހޯދާށެވެ. އަދި ލޯން ފީއެއްގެ ގޮތުގައި ބަޔާނުން އޮތީ 54 މިލިއަން ޑޮލަރު ދައްކަން ތައްޔާރަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ކޮވަޗްގެ ނަޒަރުގައި ޑެމްބެލޭ ހޯދަން އެންމެ ފަސޭހަ ވާނީ ބާސެލޯނާ އިން އެންޓޮއިން ގްރީޒްމަން އާއި ނޭމާ ގެންގޮސްފި ނަމަ އެވެ.

"ނޭމާ އާއި ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވެއްޖެ ނަމަ އަހަރެމެންނަށް ޑެމްބެލޭ ލިބުމުގެ ފުރުސަތު ބޮޑުވާނެ. އެއީ އޭނާ ބޭނުންވާ ވަރަށް ކުޅުމުގެ ފުރުސަތު ޔަގީންކޮށްދެވޭނީ އަހަރެމެންނަށް،" ކޮވަޗް ބުންޏެވެ.

ބަޔާނަށް މިދިޔަ ސީޒަނުގައި ކުޅުނު ހަމޭސް ރޮޑްރިގޭޒްގެ ލޯން ހަމަވުމުން އޭނާގެ އެއްބަސްވުން ދާއިމީނުކުރަން ބަޔާނުން ނިންމިއިރު، އެ ޓީމުން ވަނީ ތަޖުރިބާކާރު ޑިފެންޑަރު މެޓް ހަމެލްސް ޑޯޓްމަންްޑަށް ވިއްކާލައިފަ އެވެ. ބަޔާނުން ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ ދެ ފުލްބެކުން ކަމަށްވާ ލޫކަސް ހެނާންޑޭޒް އާއި ބެންޖަމިން ޕަވާޑް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެންގޮސްފަ އެވެ.