ވީއޭއާރަށް އެފްރިކާ ތައްޔާރު: ކާފް

ގާހިރާ، މިސްރު (ޖުލައި 10) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލު މެޗުތައް މިރޭ ފަށާއިރު ވީޑިއޯ އެސިސްޓެންޓް ޓެކްނޮލޮޖީ (ވީއޭއާރް)ގެ ބޭނުން ހިފަން ހުރިހާ ތައްޔާރީތަކެއް ހަމަޖެހިފައިވާ ކަމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ބުނެފި އެވެ.


މިދިޔަ މެއި މަހު ކުޅުނު އެފްރިކާގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޓިއުނީޝިއާގެ އެސްޕެރެންސް ތޫނިސް އާއި މޮރޮކޯގެ ވައިދާދް ކަސަބްލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން ވީއޭއާރްގެ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. އެ ގޮތުން ދެ ވަނަ ލެގުގެ މެޗު ފެށުމުގެ ކުރިން ވީއޭއާރް ބޭނުންކުރާ ސިސްޓަމްގައި ޓެކްނިކަލް މައްސަލައެއް ދިމާވުމުން އެ ބޭނުމެއް ނުކުރެވުނެވެ. އެ މެޗު ހުއްޓާލަން ޖެހުނުއިރު، އަދިވެސް އެ މެޗާ ގުޅިގެން އެ ދެ ކްލަބުން ހުށަހަޅާފައިވާ މައްސަަލަ އަށް ހައްލެއް ނުލިބެ އެވެ.

ކާފްގެ ޖެނެރަލް ސެކްރެޓަރީ މުއާޒް ހާޒީ ވިދާޅުވީ އެއްވެސް މައްސަލައެއް ނުޖެހި މި ފަހަރު ވީއޭއާރްގެ ބޭނުންހިފޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ވީއޭއާރަށް ހަމައެކަނި ބޭނުންވަނީ ރަނގަޅު މެޝިންތަކެކެއް ނޫން. އެކަން ކުރަން ރަނގަޅު ރެފްރީން ވެސް އެބަބޭނުންވޭ. މި ވަގުތަށް ބަލާއިރު އެފްރިކަން ކަޕްގައި ވީއޭއާރް ބޭނުންކުރަން ހުރިހާ ކަމެއް އޮތީ ތައްޔާރަށް،" ހާޖީ ވިދާޅުވި އެވެ.

އެފްރިކާގެ މުބާރާތްތަކުގައި ވީއޭއާރް ބޭނުންކުރުމުގައި ރެފްރީން ކަންތައްތައް ކުރަނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށް ބުނެ ގިނަ ޓީމުތަކުން ވަނީ ކާފް އަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި މި ފަހަރުގެ އެފްރިކަން ކަޕްގެ ކުއާޓާ ފައިނަލާ ހަމައިން ވީއޭއާރް ބޭނުންކުރަން ނިންމާފައިވާތީ އެކަމަށް ވެސް ގިނަ ގައުމުތަކުން ވަނީ ފާޑުކިޔައިފަ އެވެ. ގިނަ ގައުމުތަކުން އެދުނީ ފުރަތަމަ މެޗުން ފެށިގެން ވީއޭއާރްގެ ބޭނުން ހިފުމަށެވެ.

ޓިއުނީޝިއާ އަތުން ބަލިވެ މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ޕެނަލްޓީ ޖަހައިގެން ކެޓި ގާނާގެ ކޯޗު ކްވޭސީ އަޕިއާ ބުނީ ވީއޭއާރުން ބެލޭގޮތަށް ހަމަޖެހިފައި އޮތް މެޗެއް ނަމަ އެ މެޗުގައި ގާނާ އިން ޖެހި ގޯލު ރަނގަޅުކަމަށް ނިންމާނެ ކަމަށާއި ކުއާޓާގައި އެ ޓީމުގެ ނަން އޮންނާނެ ކަމަށެވެ.

މުބާރާތުގެ ކުއާޓާގެ ފުރަތަމަ މެޗުގައި މިރޭ ބެނިން ނުކުންނާނީ ސެނެގޯލާ ދެކޮޅަށެވެ.