އިންޑިއާ ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

މެންޗެސްޓާ، އިންގްލެންޑް (ޖުލައި 10) - މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތް އިންޑިއާގެ މައްޗަށް 18 ލަނޑުން ކުރި ހޯދައި ނިއު ޒީލެންޑުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.


އެންމެ ފަހުން 2015 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލުގައި ނިއު ޒީލެންޑް ބަލިވީ އޮސްޓްރޭލިއާ އަތުންނެވެ. މި ފަހަރުގެ ފައިނަލުގައި ނިއު ޒީލެންޑް ކުޅެން ޖެހޭ ޓީމެއް އެނގޭނީ މާދަމާ އޮސްޓްރޭލިއާ އާއި އިންގްލެންޑް ބައްދަލުކުރާ ސެމީ ފައިނަލްގެ ދެ ވަނަ މެޗުންނެވެ.

އަންގާރަ ދުވަހު ފެށި ފުރަތަމަ ސެމީގައި ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ކުޅެން އަރާށެވެ. އެ ދުވަހު މޫސުން ގޯސްވުމުގެ ސަބަބުން ކުޅުން މެދުކަނޑާލިއިރު ނިއު ޒީލެންޑުން އޮތީ 46 އޯވަރު ކުޅެފަ އެވެ. އޭރު ނިއު ޒީލެންޑުން ވަނީ ފަސް ކުޅުންތެރިން ނުބައިވެގެން 211 ލަނޑު ހަދައިފަ އެވެ. އަލުން މިއަދު ކުޅުން ފަށައިގެން 50 އޯވަރުގެ ހަމަކޮށް އަށް ކުޅުންތެރިން ނުބައިވެގެން ނިއު ޒީލެންޑުން ވަނީ 239 ލަނޑު ހަދައިފަ އެވެ. ނިއު ޒީލެންޑުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 74 ލަނޑު ހެދި ރޮސް ޓޭލާ އާއި ޓީމުގެ ކެޕްޓަން ކޭން ވިލިއަމްސަން އެވެ. ވިލިއަމްސަން ވަނީ 67 ލަނޑު ހަމަކޮށްފަ އެވެ.

އިންޑިއާގެ ކެޕްޓަން ކޯލީ (ވ) އާއި ނިއު ޒީލެންޑުގެ ކެޕްޓަން ވިލިއަމްސަން.-- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް ތަށި ދެ ފަހަރު އުފުލާލާފައިވާ އިންޑިއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ލީގު ބުރުގައި ވެސް އެންމެ ބޮޑު ތަފާތެއް ދެއްކީ ކުޅެން އަރަ އެވެ. އެކަމަކު މިއަދުގެ މެޗުގައި އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުމެއް ނުދެއްކުނެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އިދިކޮޅުގައި އޮތް ނިއު ޒީލެންޑުގެ އުކުންތައް ފުރިހަމަވުމެވެ. އިންޑިއާ އިން ޖަވާބުގައި ކުޅެން އަރައި 49.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 221 ލަނޑެވެ.

އިންޑިއާ އަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންނަށް ކުޅެން އަރައި ރަނގަޅަށް ހަމަޖެހިލުމުގެ ފުރުސަތެއް ވެސް ނުލިބުމެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ރޯހިތު ޝަރްމާ އާއި ދެން އެންމެ މޮޅު ކުޅުމެއް ދެއްކި ރާހުލް އަދި ކެޕްޓަން ވިރާތު ކޯލީ ވަނީ ފަސޭހަކަމާ އެކު ނުބައިވެފަ އެވެ. އޭގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް ހެދުނީ އެންމެ ލަނޑެކެވެ. ނިއު ޒީލެންޑުން ތަފާތު ދެއްކީ ފީލްޑްގައި މޮޅު ކުޅުމެއް ދެއްކި ޓްރެންޓް ބޯލްޓް އާއި މެޓް ހެންރީ އެވެ. ނިއު ޒީލެންޑުން މި މެޗު ކާމިޔާބުކުރުމުގައި އެ ދެ ކުޅުންތެރިންނަށް ބޮޑު ކްރެޑިޓެއް ހައްގުވެ އެވެ.

މެޗުގައި ކުރިއަށްދާން އިންޑިއާ އަށް ކުޑަ އުއްމީދެއް ލިބެންފެށީ ރަވިންދުރަ ޖަދޭޖާ އާއި މަހިންދުރަ ސިންގް ދޯނީގެ ޕާޓްނާޝިޕުންނެވެ. އެ ދެ ކުޅުންތެރިން ވެގެން 116 ލަނޑު ހަމަކުރިއިރު، ފަހު 18 ބޯޅައިން އިންޑިއާ މޮޅުވާން 37 ލަނޑު ބޭނުންވެފައި ވަނިކޮށް ޖަދޭޖާ ނުބައިކޮށްލީ ވިލިއަމްސަން އެވެ. ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ޖަދޭޖާ 77 ލަނޑު ހެދުމަށް ފަހު ނުބައިވުމުން ދެން ހުރިހާ ސަމާލުކަމެއް ހުއްޓުނީ ކުރީގެ ކެޕްޓަން ދޯނީ އަށެވެ. ދޯނީ ވަނީ 48 ވަނަ އޯވަރުގެ ފުރަތަމަ ބޯޅަ ހަޔަކަށް ޖަހައި އުއްމީދެއް ދީފަ އެވެ. އެކަމަކު ޖެހިގެން އައި ބޯޅައިގައި މާޓިން ގުުޕްޓިލްގެ ހިތްވަރުން ދޯނީ ނުބައިކޮށްލުމާ އެކު އިންޑިއާ އަށް އޮތް ހަނި ފުރުސަތަށް ވެސް ގާތްގަނޑަކަށް ނިމުން އައީ އެވެ. އޭގެ ފަހުން ނިއު ޒީލެންޑުން ހަމަޖެހިލާފައި ބޯޅަ އުކައިގެން އިންޑިއާގެ ހުރިހާ ކުޅުންތެރިން ނުބައިކޮށްލީ އެވެ.

މެޗަށް ފަހު އިންޑިއާ ސަޕޯޓަރަކު ދަނޑުގައި މާޔޫސްވެފައި.-- ފޮޓޯ: އޭއެފްޕީ

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހެންރީ ބުނީ އިންޑިއާގައި މޮޅެތި ބެޓްސްމަނުން ތިބިކަން އެނގޭ ކަމަށާއި މެޗުން މޮޅުވެވޭނެ ހަމައެކަނި ގޮތަކީ ރަނގަޅަށް އުކައިގެން ކަން މެޗުގެ ކުރިން އެނގޭ ކަމަށެވެ. އެހެންވުމުން ހާއްސަކޮށް އެ ކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށް ބުންޏެވެ.

އިންޑިއާގެ ކެޕްޓަން ވިރާތު ބުނީ އޭނާގެ ޓީމުން މި މުބާރާތުގައި ގޯސްކޮށްދިޔައީ ހަމައެކަނި 45 މިނިޓް ކަމަށާއި އެ ވަރުގެ ވަގުތުކޮޅެއްގައި ހެދުނު ގޯސްތަކެއްގެ ސަަބަބުން މުބާރާތުން މި ގޮތަށް ކަޓައިގެންދާން ޖެހުމުން ލިބުނީ ބޮޑު ޝޮކެއް ކަމަށެވެ. އަދި ނިއު ޒީލެންޑުން މޮޅުވީ މުހިއްމު ވަގުތުތަކުގައި ހޯދި ތަފާތުން ކަމަށެވެ.