އާސެނަލަށް ކުޅެން ބޭނުންވި: ޑި ޔޮން

އަމްސްޓެޑަމް، ނެދަލެންޑްސް (ޖުލައި 11) - ފުޓްބޯޅަ ކެރިއަރު ފަށައިގެން އެންމެ ފުރަތަމަ ބޭނުންވީ އަޔަކްސް އަށް ފަހު އާސެނަލަށް ކުޅުމަށް ކަމަށް ބާސެލޯނާ އަށް ދާދި ފަހުން ބަދަލުވި ނެދަލެންޑްސްގެ އުއްމީދީ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ބުނެފި އެވެ.


ގިނަ ކްލަބްތަކަކުން އުމުރުން 22 އަހަރުގެ ޑި ޔޮން ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް ބާސެލޯނާ އިން އޭނާ ގަތީ 84 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އެވެ. ޑި ޔޮން ހޯދަން ދެން މަސައްކަތްކުރީ ޕީއެސްޖީގެ އިތުރުން ޔުވެންޓަސް އެވެ.

ނެދަލެންޑްސްގެ ކްލަބް ވިލެމް އިން 2004 ވަނަ އަހަރު ޔޫތު ކެރިއަރު ފެށި ޑި ޔޮންގެ ވިދުން ޒުވާން އުމުރުގައި ވެސް ގަދަވުމުން 2016 ވަނަ އަހަރު އަޔަކްސް އިން އޭނާގެ ސޮއި ހޯދި އެވެ. ޑި ޔޮން އަކީ ކުރިން އަޔަކްސް އެކެޑަމީގައި ކުޅުނު ކުޅުންތެރިޔެކެވެ. އަޔަކްސްގެ އިތުރުން ޑި ޔޮން އަންނަނީ ނެދަލެންޑްސް ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ނެދަލެންޑްސްގެ ފުޓްބޯޅަ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ޑި ޔޮން ބުނީ ކުރިން އޭނާ ބޭނުންވީ މާކް އޯވަމާސްގެ ކެރިއަރުގައި ދިޔަ މަގުން ކުރިއަށް ދިއުމަށް ކަމަށެވެ. އެ ގޮތުން އަޔަކްސް ދޫކޮށްލުމަށް ފަހު އެންމެ ފުރަތަމަ ކުޅެން ބޭނުންވީ އާސެނަލަށް ކަމަށް ޑި ޔޮން ބުންޏެވެ.

"އަހަރެންގެ ސިކުނޑީގައި އޮތް ފުޓްބޯޅައިގެ ލިސްޓަކީ ފުރަތަމަ އަޔަކްސް، ދެން އާސެނަލް. އެ އަށް ފަހު ބާސެލޯނާ. އަހަރެން އެންމެ ބޮޑަށް ސަޕޯޓްކުރި އޯވަމާސް ވެސް ދިޔައީ އެ މަގުން،" ޑި ޔޮން ބުންޏެވެ.

ޑި ޔޮން ބުނީ ވިސްނުން އެ ގޮތަށް ހުރި ނަމަވެސް ފުރަތަމަ ބާސެލޯނާ އަށް ބަދަލުވުމަކީ ހުރިހާ ކަމެއް ހާސިލްވުން ކަމަށެވެ.

"ބާސެލޯނާ އަށް ކުޅުމަކީ ހުވަފެން. އެއީ ޔޯހަން (ކްރައިފް)ގެ ސްޓައިލްގައި ކުރިއަށްދާން ބޭނުންވާ ކޮންމެ ކުޅުންތެރިއެއްގެ ހުވަފެނަށް ވާނީ ބާސެލޯނާ އަށް ކުޅެލުން. އަހަރެންގެ ކެރިއަރުގައި ވަރަށް އަވަހަށް އެ ނަސީބު ލިބިއްޖެ،" ޑި ޔޮން ބުންޏެވެ.

ޑި ޔޮންގެ އިތުރުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ އަށް ދިޔަ އަޔަކްސް ޓީމުގެ ކެޕްޓަންކަން ކުރި ޒުވާން ޑިފެންޑަރު މެތިއަސް ޑި ލިޓް ހޯދަން ވެސް ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އެކަމަކު ޑި ލިޓް ވަނީ ބާސެލޯނާގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ޔުވެންޓަސްއާ ގުޅެން އެއްބަސްވުމަކަށް އައިސްފަ އެވެ.