މިލާނާއި އިންޓަ އާ ސްޓޭޑިއަމަކާ ދިމާލަށް ދަތުރު ފަށައިފި

މިލާން (ޖުލައި 11) – އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާނުން މިހާރު ބޭނުންކުރަމުން އަންނަ ސެން ސީރޯ ސްޓޭޑިއަމް ތަޅާލައި އެ ސަރަހައްދުގައި އާ ސްޓޭޑިއަމެއް އަޅަން ދެ ކްލަބް ގުޅިގެން ކުރާ މަސައްކަތް ރަސްމީކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.


މިލާނުން 1926 އިން ފެށިގެން އަދި އިންޓަ އިން 1947 އިން ބޭނުންކުރަމުން އަންނަ 80،000 މީހުންގެ ޖާގައިގެ ސެން ސީރޯ ސްޓޭޑިއަމަކީ މިލާނުގެ މުނިސިޕަލްޓީގެ މިލްކެކެވެ. މީގެ 92 އަހަރު ކުރިން ބިނާކުރި ސެންސީރޯ އަކީ ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމެވެ. އެ ސްޓޭޑިއަމުގައި 1934 އަދި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ކުޅެފައިވާއިރު ޗެމްޕިއަންސް ލީގުގެ ފައިނަލް ހަތަރު ފަހަރު ވަނީ ބާއްވައިފަ އެވެ. އެއީ ޔޫރަޕުގައި ހުރި އެންމެ ރީތި އެއް ސްޓޭޑިއަމަށްވީ ނަމަވެސް 80 ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމުގައި ޒަމާނީ ވަސީލަތްތަކެއް ނެތެވެ. ސްޓޭޑިއަމް ބާވުމުގެ ސަބަބުން، ވަންނަ ސަޕޯޓަރުންނަށް ވެސް އެންމެ ހިތްހަމަޖެހޭ މާހައުލެއް ނޯވެ އެވެ.

ދެ ކްލަބް ގުޅިގެން އިއްޔެ ނެރުނު ބަޔާނުގައި ބުނީ 60،000 މީހުންގެ އާ ސްޓޭޑިއަމަކާއި ހާއްސަ ސަރަހައްދެއް ބިނާކުރުމަށް ޓެކްނިކަލް އެންޑް އިކޮނޮމިކް ފީޒިބިލިޓީ ސްޓަޑީސް މުނިސިޕަލްޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

ސެން ސީރޯއާ ޖެހިގެން އާ ސްޓޭޑިއަމް އަޅަން ނިންމާފައިވާއިރު ސެން ސީރޯ ތަޅާލުމަށް ފަހު އެތަނުގައި ހަދާނީ ކުޅިވަރާއި ވިޔަފާރި އާއި މުނިފޫހިފިލުވުމަށް ހާއްސަ ސަރަހައްދެކެވެ. މި ޕްރޮޖެކްޓުގެ އަގު 1.34 ބިލިއަން ޑޮލަރަށް އަރަ އެވެ. އެކަމަކު ދުނިޔޭގެ ފެންވަރުގެ ސްޓޭޑިއަމާއި ހާއްސަ ސަރަހައްދާ އެކު 3500 މީހުންގެ ވަޒީފާގެ ފުރުސަތު ލިބި މިލާނާއި އިންޓަ އަށް ވެސް މާލީ ގޮތުން ބޮޑު ފައިދާއެއް ލިބޭނެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އައިކޮނިކް ސްޓޭޑިއަމެއް ކަމަށްވާ ސެން ސީރޯ ތަޅާޅާތީ ދެ ކްލަބުގެ ސަޕޯޓަރުންގެ އިތުރުން ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އެކަމަކު ސެން ސީރޯ ހުރީ މަރާމާތުކުރެވޭ ވަރަށް ވުރެ ވެސް ދެރަ ހާލަތެއްގައި ކަމަށްވުމާއި އަދި ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ހުރި އާ ސްޓޭޑިއަމެއް ނެތި މާލީ ފައިދާ ލިބެން ނެތުމުން އާ ސްޓޭޑިއަމެއް އަޅަން ނިންމީ އެވެ. އަނެއްކޮޅުން އަނެއްކާ ވެސް ދެ ކްލަބް ގުޅިގެން ސްޓޭޑިއަމެއް ބިނާކުރާތީ ބައެއް ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ. އެކަމަކު ބޮޑު ފައިދާއެއް ހޯދެން އޮތީ ގުޅިގެން ކުރެވޭ އިންވެސްޓަކުން ކަމަށްވާތީ އެގޮތަށް ނިންމީ އެވެ.

އިޓަލީގެ ސްޓޭޑިއަމްތައް ބާވުމާއި އަދި މުނިސިޕަލް ކައުންސިލުގެ ދަށުގައި އޮތުމުން މާލީ ގޮތުން މައްސަލަތައް ދިމާވެ އެވެ. އެކަމަކު އެ ސަގާފަތް އަންނަނީ ބަދަލުވަމުންނެވެ. އެގޮތުން ޔުވެންޓަސް އިން 2011 ވަނަ އަހަރު ހުޅުވި އާ ސްޓޭޑިއަމަކީ އެ ކްލަބް އަލުން ޔޫރަޕުގެ ބާރަކަށް ވުމުގެ އެއް ސަބަބެވެ.

ޔޫރަޕުގެ އެންމެ ގަދަ ޓީމުތަކުގެ ތެރޭ ހިމެނުނު އޭސީ މިލާނާއި އިންޓަ މިލާން އަޑިގުޑަން ދުވަސްތަކަށް ފަހު އާ މެނޭޖްމަންޓްތަކާ އެކު އަންނަނީ އަލުން ކުރީގެ މަގާމަށް އައުމަށް މަސައްކަތްކުރަމުންނެވެ. ސްޓޭޑިއަމް ޕްރޮޖެކްޓަކީ އޭގެ އެންމެ މުހިއްމު އެއް ބަޔެވެ.