ޗެލްސީގެ ކޯޗުކަމަކީ އުނދަގޫ ވަޒީފާއެއް: ލަމްޕާޑް

ލަންޑަން (ޖުލައި 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި އެހެން ޓީމުތަކާ އަޅާކިޔާއިރު އެންމެ އުނދަގޫވާނީ ޗެލްސީ ކޯޗެއްގެ ގޮތުގައި ދެމިހުރުން ކަމަށް ދާދި ފަހުން އެ ކްލަބުގެ ކޯޗުކަމާ ހަވާލުވި އެ ޓީމުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ބުނެފި އެވެ.


ޗެލްސީގެ ކޯޗަކަށް މިދިޔަ ސީޒަނުގައި ހުރި އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ އެނބުރި ގައުމަށް ގޮސް ޔުވެންޓަސްއާ ހަވާލުވުމުން ޗެލްސީން އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ އަހަރު ޑާބީ ކައުންޓީ އަށް ކޯޗުކޮށްދިން ލަމްޕާޑް އެވެ. ޗެލްސީއާ އެކު ލަމްޕާޑް ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ އެ ކްލަބްގެ ބޯޑާ އެކު ގިނަ ކަންތައްތަކަށް އެއްބަސްވުމަށް ފަހު އެވެ.

އުމުރުން 40 އަހަރުގެ ލަމްޕާޑަކީ 2003 ވަނަ އަހަރު ޗެލްސީއާ އަބްރަމޮވިޗް ހިންގަން ހަވާލުވި ފަހުން އެ ޓީމަށް ގެނައި 10 ވަނަ ފުލްޓައިމް ކޯޗެވެ. ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ލަމްޕާޑް ބުނީ ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި މަޝްހޫރު ގިނަ ކޯޗުންނަށް ދެމިނުތިބެވުނަސް އޭނާ އަށް އޮތް އިތުބާރަކީ ކްލަބުގެ ސަޕޯޓަރުން ކަމަށެވެ.

"ޕްރޮފެޝަނަލް ކޯޗިން ކެރިއަރު ފެށިތާ އެއް އަހަރު ތެރޭ ޗެލްސީގެ ކޯޗަކަށް ވުމަކީ އާދައިގެ ކަމެއް ނޫން. އަދި މިކަން އަހަންނަށް ކުރެވިދާނެ ކަމަށް ގިނަ ސަޕޯޓަރުން ގަބޫލުކުރުމަކީ އަހަންނަށް ލިބޭނެ ހިތްވަރު. ޗެލްސީގައި މިދިޔަ އަހަރުތަކުގައި ގިނަ ކޯޗުތަކުން މަސައްކަތް ހުއްޓާލާފައި ގޮސްފި. އެއީ އެކަމަކު އަހަންނަށް މުހިއްމު ކަމެއް ނޫން،" ލަމްޕާޑް ބުންޏެވެ.

"އަހަރެން މި ވަޒީފާއާ ހަވާލުވީ އެހެން ހުރިހާ ޓީމެއްގެ ކޯޗަކަށް ހުރުމަށް ވުރެ އުނދަގޫވާނެކަން އެނގިހުރެ. އަހަންނަށް ބޭނުމީ ސަޕޯޓަރުންގެ އެހީ."

ކުރިއަށް އޮތް ސީޒަނުގައި ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރެވިދާނެތޯ ސުވާލުކުރުމުން ލަމްޕާޑް ބުނީ މަސައްކަތްކުރާނީ ޗެލްސީގެ ލެވެލަކުން ކާމިޔާބު ހޯދުމަށް ކަމަށެވެ. އަދި މިދިޔަ އަހަރުތަކަށް ބެލިޔަސް ޗެލްސީން ހުސްއަތާ ސީޒަނެއް ނިންމާލަން ޖެހުނީ މަދު ފަހަރެއްގައިކަން ލަމްޕާޑް ފާހަގަކުރި އެވެ.

"ލިވަޕޫލާއި މެންޗެސްޓާ ސިޓީ މިދިޔަ އަހަރު އޮތީ ވަރަށް ކުރީގައި. އެ ހިސާބަށްދާން އަހަރެމެންނަށް އޮތް ޗެލެންޖަކީ ފީފާ އިން ދީފައި އޮތް އަދަބެއްގެ ސަބަބުން ކުޅުންތެރިން ނުގަނެވުން. އެކަމަކު ހަގީގަތަކީ ޗެލްސީގައި ތިބި ކުޅުންތެރިންގެ މަސައްކަތްކޮށްފިނަމަ މި ކްލަބް އަބަދުވެސް އޮންނާނީ ކޮންމެ ޗެލެންޖަކަށް ވެސް ތައްޔާރުގައިކަން،" ލަމްޕާޑް ބުންޏެވެ.

ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ސެސާ އަޒްޕިލިކުއޭޓާ ބުނީ ލަމްޕާޑްގެ ވިސްނުންހުރީ ލޯން އެއްބަސްވުމުގެ ދަށުން އެކި ޓީމުތަކުގައި ތިބި ޗެލްސީގެ ކުޅުންތެރިން ގެނެސް ވަރުގަދަ ޓީމެއް އެކުލަވާލުން ކަމަށެވެ.

ޗެލްސީގެ ޕްރީ ސީޒަން ފުރަތަމަ މެޗުގައި އަޔަލެންޑްގެ ބޮހޭމިއަން އެފްސީއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ލަމްޕާޑް ވަނީ މި މެޗުގައި ޗެލްސީގެ ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.