ބާސެލޯނާ ދޫކޮށްލާނަމަ ކުޓީނިއޯ ބޭނުމީ ލިވަޕޫލަށް ދާން

ބާސެލޯނާ (ޖުލައި 12) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން އޭނާ ވިއްކާލާނަމަ ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ ބޭނުންވަނީ އެނބުރި ލިވަޕޫލަށް ބަދަލުވާން ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ކުޓީނިއޯ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނުވިއްކާނެ ކަމަށް އޭނާގެ އޭޖެންޓް ކިއާ ޖޫރަބްޗިއަން ދާދި ފަހުން ބުނީ ބާސެލޯނާގެ އިސް ބައެއް ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެވެ. އެކަމަކު ބާސެލޯނާ އިން އެތުލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމަން އާއި ޕީއެސްޖީގެ ނޭމާ ގެންނަން ކުރާ މަސައްކަތަށް ފަންޑް ހޯދުމުގެ ގޮތުން ބައެއް ކުޅުންތެރިން ދޫކޮށްލާނެ އެވެ. އޭގެ ތެރޭގައި ކުޓީނިއޯ އާއި އޮސްމާން ޑެމްބެލޭ ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާ އިން ކުޓީނިއޯ ވިއްކާލާނަމަ އޭނާ ހުރީ ކުރީގެ ކްލަބް ލިވަޕޫލަށް ބަދަލުވުމުގެ އުއްމީދުގަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލް ދޫކޮށް ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވީ 142 މިިލިއަން ޔޫރޯ (160 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ތިން ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ހޯދަން ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީން ވެސް މަސައްކަތްކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯ ލިވަޕޫލަށް ބަދަލުވާން ބޭނުންވަނީ ކުރިން އޭނާ ދެއްކި މޮޅު ކުޅުން އެ ކްލަބްގައި އަލުން ތަކުރާރުކުރެވޭނެ ކަމުގެ އުއްމީދު އޮތުމުންނެވެ.

ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮޑު އަގުގައި ކުޅުންތެރިއަކު ގަންނާނީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ރުހޭނަމަ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯ ހޯދުމުގެ ރޭހަށް ލިވަޕޫލުން އަލުން ވަންނާނީ އޭނާގެ އަގު 100 މިލިއަން ޔޫރޯ (112 މިލިއަން ޑޮލަރު) ގައި އުޅޭނަމަ އެވެ. އެ އަށް ވުރެ އަގުބޮޑުކޮށް ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެއްވެސް ކުޅުންތެރިއަކަށް ބިޑް ނުކުރާނެ އެވެ.

އިންޓަ މިލާނަށް 9.7 މިލިއަން ޔޫރޯ (10.6 މިލިއަން ޑޮލަރު)ގެ ފީ އެއް ދެއްކުމަށްފަހު ލިވަޕޫލުން 2013 ވަނަ އަހަރު ކުޓީނިއޯ ގަތް ފަހުން އޭނާ ވަނީ އެ ޓީމުގައި ބޮޑު ކުރިއެރުމެއް ހޯދައި ބްރެޒިލް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދައިފަ އެވެ. ކުޓީނިއޯ އަކީ މި ފަހަރުގެ ކޮޕަ އެމެރިކާ ތަށި ބްރެޒިލަށް ހޯދައިދޭން މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ.

ސްޕެއިނާއި ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ވަނީ ގްރީޒްމަން ހޯދަން އެތުލެޓިކޯ އަސް ދޭން ޖެހޭ 120 މިލިއަން ޔޫރޯ (135 މިލިއަން ޑޮލަރު) ދައްކަން އެއްބަސްވެފަ އެވެ. އެހެންކަމުން ވަރަށް އަަވަހަށް ގްރީޒްމަން އެ ޓީމަށް ބަދަލުވުމުގެ ކަންތައްތައް ނިމިގެންދާނެ ކަމަށް ބެލެވެ އެވެ. އެ ޑީލް ނިމުމާ އެކު ބާސެލޯނާ އިން ދެން މަސައްކަތްކުރާނީ ނޭމާ ހޯދުމުގެ މަސައްކަތް ނިންމާލުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.