އިންޑިއާ ސަޕޯޓަރުން ޖަޒުބާތުގައި ނުޖެހެން އެދެން: ވިރާތު

ބާމިންހަމް، އިންގްލެންޑް (ޖުލައި 12) - މި ފަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި މުބާރާތަށް ނުކުމެ ހައިރާންކުރަނިވި ގޮތަކަށް ސެމީ ފައިނަލުގައި ނިއު ޒީލެންޑް އަތުން ބަލިވި ނަމަވެސް އިންޑިއާގެ ސަޕޯޓަރުން ޖަޒުބާތުގައި ޖެހި ޓީމަށް ފާޑުނުކިޔުމަށް އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ އެދިއްޖެ އެވެ.


ނިއު ޒީލެންޑުން އިންޑިއާ ބަލިކުރީ 18 ލަނޑުންނެވެ. މި މެޗުގައި އިންޑިއާ އަށް މޮޅުނުވެވުނު އެންމެ ބޮޑު ސަބަބަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންނަށް ކުޅެން އަރައި ތަފާތު ނުދެއްކުމެވެ. އެ ގޮތުން މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ރޯހިތު ޝަރްމާ އާއި ދެން އެންމެ މޮޅު ކުޅުމެއް ދެއްކި ރާހުލް އަދި ކެޕްޓަން ވިރާތު ކޯލީ ފެނުނީ އާދައިގެ ގޮތަކަށެވެ. އޭގެއިން ކޮންމެ ކުޅުންތެރިއަކަށް ހެދުނީ އެންމެ ލަނޑެކެވެ. އަދި އެ ކުޅުންތެރިންނަށް ފަހު ތަޖުރިބާކާރު ކުޅުންތެރިޔާ މަހިންދުރަ ސިންގް ދޯނީ އަށް ވެސް ތަފާތެއް ނުދެއްކުނެވެ.

ވިރާތު ބުނީ ގޯސްކޮށް ދިޔައީ 45 މިނިޓް ކަމަށާއި އެ ވަގުތުގެ ތެރޭގައި މުބާރާތުގެ 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި ޓީމެއް ކަޓައިގެން ދިއުމަކީ ލިބިގެންދިޔަ ޝޮކެއް ކަމަށެވެ. އޭނާ އެދެނީ ޓީމަށް ފާޑުކިޔާއިރު ވަކި މިންގަނޑެއް ގެންގުޅުމަށް ކަމަށް ބުންޏެވެ.

"ފާޑުކިޔުންތަކަށް އަބަދުވެސް މަރުހަބާ ކިޔާނަން. އެންމެ ގިނައިން ފާޑުކިޔުން އަމާޒުވާނެ އެކަކަކީ އަހަރެން. ތެދެއް. ހަގީގަތުގައި މި ކަހަލަ ބައްޔެއް ވުމުން މާޔޫސްވާނެ. އެކަމަކު އޭގެ މާނަ އަކީ ސަޕޯޓަރުން ޖަޒުބާތުގައި ޖެހިގެން ކުޅުންތެރިންނަށް ފާޑުކިޔުމެއް ނޫން. މި ޓީމުގައި ތިބި ކުރިއަރަން ތިބި ޒުވާން ކުޅުންތެރިންނަށް އޭގެ ގޯސް އަސަރުކޮށްފާނެ،" ވިރާތު ބުންޏެވެ.

އޭނާ ބުނީ ބޭރުގައި ތިބެގެން އެންމެނަށް ވެސް އެންމެ ފަސޭހަކަމަކީ ފާޑުކިޔުން ކަމަށާއި އެކަމަކު މި ކަހަލަ މުޅި ގައުމުގެ މަސްލަހަތާއި ގުޅުން ހުރި ކަމެއްގައި ހައްލު ހޯދަން ޖެހޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

"ގޯސްކޮށް ދިޔަ ކަމެއް ހޯދައިގެން ރަނގަޅު ކުރުން ހައްލަކީ. ހަގީގަތަކީ މި ޓީމަކީ ޗެމްޕިއަންކަން ހޯދޭނެ ޓީމެއްކަން. އެކަން ކުރަން އެބަޖެހޭ ހަމަ ވިސްނުމުގައި ތިބެ ގޯސްކޮށްދިޔަ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކަން. އެކަމަކު އެކަން ކުރެވޭނީ މާޔޫސްކަމުން އަރައިގަނެގެން އެންމެން އެކަމަށް ތައްޔާރުވެގެން،" ވިރާތު ބުންޏެވެ.

އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ލީގު ބުރުގެ ހަތަރު ވަނަ ދިޔަ ނިއު ޒީލެންޑާއި ތިން ވަނަ އަށް ދިޔަ އިންގްލެންޑް އެވެ. އިންގްލެންޑުން 27 އަހަރަށް ފަހު ވޯލްޑް ކަޕް ފައިނަލުން ފުރުސަތު ހޯދީ އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ އަތުން ދެ ވަނަ ސެމީގައި އަށް ވިކެޓުން މޮޅުވެގެންނެވެ.