ބަޔާނަށް ސާނޭ ހޯދައިދޭން އެޑިޑާސް އިން އެހީވަނީ

މިއުނިކް (ޖުލައި 15) - ބަޔާން މިއުނިކުން މެންޗެސްޓާ ސިޓީ އަށް ކުޅޭ ޖަރުމަނުގެ ވިންގް ލެރޯއި ސާނޭ ހޯދަން ކުރާ މަސައްކަތުގައި މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ޖަރުމަނުގެ ކުންފުނި އެޑިޑާސް އިން ބައިވެރިވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުމާ އެކު ބަޔާނުން ވަނީ ސާނޭ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ސިޓީ އަށް 2016 ވަނަ އަހަރު 55 މިލިއަން ޑޮލަރުގެ ފީ އަކަށް ބަދަލުވުމުގެ ކުރިން ސާނޭ ވަނީ ބަޔާންއާ ވާހަކަ ދައްކައިފަ އެވެ. އޭރު ސާނޭގެ ވިސްނުން ހުރީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތްކުރުމަށެވެ. އެކަމަކު ފަހަކަށް އައިސް ސިޓީގައި ސާނޭ އަށް ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު މަދުން ލިބޭތީ އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އުމުރުން 23 އަހަރުގެ ސާނޭ އަކީ މި ވަގުތު މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ނައިކީގެ އެމްބަސަޑަރެކެވެ. ސާނޭއާ އެކު ނައިކީން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް ހަމަވާއިރު، އެ ކޮންޓްރެކްޓްގައިވާ ގޮތުން ސާނޭ އަށް ލިބެނީ އަހަރަކު ދެ މިލިއަން ޑޮލަރެވެ. ނައިކީން ސާނޭއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކުރަން މަސައްކަތްކުރަމުން އަންނައިރު ކޮންޓްރެކްޓްގެ އަގު އުފުލޭނީ އަހަރަކު 3.5 މިލިއަން ޑޮލަރަށެވެ.

ސިޓީން ސާނޭ ވިއްކާލަން ކިޔާ އަގުބޮޑުވުމުން މި ވަގުތު ބަޔާނުން ރަސްމީ ބިޑެއް ނުކޮށްތިބީ އަލުން ވަރުގަދަ އަށް މަސައްކަތް ފެށުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބަޔާނުން އަލުން ސާނޭ އަށް ކުރާ ބިޑްގެ އަގު 108 މިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި އެ ޑީލް ވަރުގަދަ ކުރުމުގެ ގޮތުން ބަޔާނާ އެޑިޑާސް އިން ބައިވެރިވާނެ އެވެ. އެ ގޮތުން އެޑިޑާސްގެ ވިސްނުން ހުރީ ބަޔާނާ ސާނޭ ގުޅިއްޖެނަމަ އެ ކުންފުނިން ޖަރުމަނުގެ ގައުމީ ޓީމަށް ނަގާ އެމްބަސަޑަރަކަށް ސާނޭ ހަދާށެވެ. އެ ގޮތުން އެޑިޑާސް އިން ސާނޭ އަށް ހުށަހަޅާ ފަސް އަހަރުގެ ކޮންޓްރެކްޓްގައިވާ ގޮތުން އޭނާ އަށް އަހަރަކު 10 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނައިކީ އިން ހުށަހަޅާފައިވާ ކޮންޓްރެކްޓްގެ އަގު ދަށް ކަމަށް ބުނެ، ސިޓީން ވެސް އަންނަނީ ސާނޭ އެހެން ކުންފުންޏަކުން އަގުބޮޑު ސްޕޮންސަޝިޕް އެއްބަސްވުމެއް ހޯދައިދޭން މަސައްކަތްކުރަމުންނެވެ. އެގޮތުން ސިޓީން މަސައްކަތްކުރަނީ އެ ޓީމުގެ ކިޓް ސްޕޮންސަރު ޕޫމާ އިންނެވެ. ސިޓީން އަންނަނީ ސާނޭ އަށް ދެމުން އަންނަ މުސާރަ ބޮޑުކޮށް ކޮންޓްރެކްޓް އާ ކުރަން ވެސް މަސައްކަތް ކުރަމުންނެވެ.

ސާނޭ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް ސިޓީން ވަނީ އިނގިރޭސި މީޑިއާގައި ބުނެފަ އެވެ. އެކަމަކު ޖަރުމަނު މީޑިއާގައި ސާނޭގެ ގާތް ފަރާތަކުން ބުނީ މީގެ ގޮތެއް ނިންމަންޖެހޭނީ ސާނޭ ކަމަށާއި އެ ގޮތުން ހާލަތު މެދުވެރިވެއްޖެނަމަ ރަސްމީކޮށް ކްލަބް ބަދަލުކުރަން ބޭނުންވާކަން ސިޓީ އަށް ސާނޭ އަންގާނެ ކަމަށެވެ.

ބަޔާނުން ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ ދެ ފުލްބެކުން ކަމަށްވާ ލޫކަސް ހެނާންޑޭޒް އާއި ބެންޖަމިން ޕަވާޑް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެންގޮސްފަ އެވެ.