ޑިމާންޑް ބޮޑުވި ޑި ލިޓް، ޔުވެންޓަސް އަށް ބަދަލުވެއްޖެ

ޓިއުރިން، އިޓަލީ (ޖުލައި 17) - މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕްގެ ނަން މަޝްހޫރު ގާތްގަނޑަކަށް ހުރިހާ ކްލަބަކުން ހޯދަން މަސައްކަތްކުރި ނެދަލެންޑްސްގެ މަތައިސް ޑި ލިޓް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.


އުމުރުން 19 އަހަރުގެ ޑިފެންޑަރު، ޑި ލިޓް މިއަދު ޔުވެންޓަސްއާ އެކު މެޑިކަލް ހަދައި އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާއިރު، އޭނާ ހޯދަން ޔުވެންޓަސް އިން ވަނީ އަޔަކްސް އަށް 85 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކައިފަ އެވެ.

މިދިޔަ ސީޒަނުގައި ޑި ލިޓްގެ ކެޕްޓަންކަމުގައި އަޔަކްސް އިން ވަނީ ރެއާލް މެޑްރިޑާއި ޔުވެންޓަަސް ކަޓުވާލުމަށް ފަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީގައި ހިތްދަތި ގޮތަކަށް ފަހު ވަގުތު ޓޮޓެންހަމް އަތުން އަޔަކްސް ކެޓި ނަމަވެސް އެ މުބާރާތުގައި އެ ޓީމުން ދެއްކި މޮޅު ކުޅުމުގެ ފަހަތުގައި ލީޑަރެއްގެ ގޮތުގައި ހުރެ ޑި ލިޓް ދެއްކި ތަފާތުން ގިނަ ބަޔަކަށް ފާހަގަކުރެވުނެވެ.

އަޔަކްސްގެ އިތުރުން ނެދަލެންޑްސްގެ ޑިފެންސްގައި ވެސް ގަވާއިދުން ކުޅެމުން އަންނަ ޑި ލިޓް ހޯދަން މަސައްކަތްކުރި ކްލަބްތަކުގެ ތެރޭގައި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް، ބަޔާން މިއުނިކް، ބާސެލޯނާ އަދި ރެއާލް މެޑްރިޑް ހިމެނެ އެވެ.

މި ކްލަބްތަކުގެ ތެރެއިން ޑި ލިޓް ގުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ބާސެލޯނާއާ އެވެ. އެކަމަކު އެ ޑީލް ކުރިއަށް ނުދިޔައީ ޑި ލިޓް ބޭނުންވި މުސާރަ ދޭން ބާސެލޯނާ އިން ދެކޮޅު ހެދުމުން ކަމަށް ޑި ލިޓްގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ބުނެފަ އެވެ.

ޑި ލިޓް ހޯދަން ކުރި މަސައްކަތުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ބައިވެރިވި އެވެ. މިދިޔަ މަހު އޮތް ނޭޝަންސް ލީގުގެ ފައިނަލު މެޗަށް ފަހު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާ ގުޅެން ޑި ލިޓަށް ދައުވަތު ދީފަ އެވެ.

ޗެމްޕިއަންސް ލީގު ހޯދަން މަސައްކަތްކުރަމުން އަންނަ ޔުވެންޓަސް އަށް މި ސީޒަނުގައި ކޯޗުކޮށްދޭނީ ޗެލްސީއާ އެކު މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބުކުރި އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ އެވެ.