ކަނަވާރޯ ފަދަ ޑިފެންޑަރަކަށްވާން ބޭނުން: ޑި ލިޓް

ޓިއުރިން (ޖުލައި 20) - އޭނާ އަކީ އެންމެ ކުރިން ވެސް ޔުވެންޓަސް ސަޕޯޓަރެއް ކަމަށާއި ބޭނުންވަނީ ފަބިއޯ ކަނަވާރޯ ފަދަ މޮޅު ޑިފެންޑަރަކަށް ވާން ކަމަށް ދާދި ފަހުން ޔުވެންޓަސް އަށް ސޮއިކުރި ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު މަތައިސް ޑި ލިޓް ބުނެފި އެވެ.


އުމުރުން 19 އަހަރުގެ ޑި ލިޓް ޔުވެންޓަސް އަށް ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު އެ ކްލަބުން ވަނީ އޭނާ ހޯދަން 85 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދައްކައިފަ އެވެެ. އަޔަކްސްގެ ކުރީގެ ކެޕްޓަން ޑި ލިޓް ހޯދަން ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން މަސައްކަތްކުރި ނަމަވެސް އޭނާ ޔުވެންޓަސް އަށް ބަދަލުވީ އެ ކްލަބަށް އޮންނަ ހާއްސަ ލޯތްބެއްގެ ސަބަބުންނެވެ. ދާދި ފަހުން ވަނީ ޑި ލިޓް ކުޑައިރު ޔުވެންޓަސްގެ ޖޯޒީއެއް ލައިގެން ހުރި ފޮޓޯއެއް އާންމުވެފަ އެވެ.

"އަހަންނަކީ އަބަދުވެސް ޔުވެންޓަސްގެ ސަޕޯޓަރެއް. ޑިފެންޑަރެއް ވިއްޔާ އެނގޭނެ އަހަރެންގެ ފޭވަރިޓަކީ ކާކުކަން. އެއީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕާއި އެ އަހަރުގެ ބެލޮންޑިއޯ ހޯދި ކަނަވާރޯ. އޭނާ ފަދަ ޑިފެންޑަރަކަށް ވާން ބޭނުން،" ޔުވެންޓަސް ކުޅުންތެރިޔެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑި ލިޓް ބުންޏެވެ.

ޑި ލިޓް ވަނީ އަޔަކްސް ދޫކޮށްލައި ބޮޑު ޓީމަކަށް ބަދަލުވާންޖެހޭކަން އޭނާ އަށް އިހުސާސްކުރެވުނީ ވެސް ޔުވެންޓަސް ދަނޑުގައި ކުރެވުނު ތަޖުރިބާ އަކުން ކަމަށް ބުނެފަ އެވެ.

"ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަހަރެމެން ޔުވެންޓަސް ދަނޑުގައި 2-1 އިން މޮޅުވަމުންދިޔައިރު ވެސް ޔުވެންޓަސް ސަޕޯޓަރުންގެ އަޑު އޮތީ މުޅި ދަނޑުގައި. އެ ފަދަ މާހައުލެއްގައި ކުޅެލަން އަހަރެން ވެސް ބޭނުންވި. އެއީ އަޔަކްސް ދޫކޮށްލަން ނިންމި ހިސާބު. ޔުވެންޓަސްއާ މެދު ބޮޑަށް ވިސްނަން ފެށުނު ވެސް ހިސާބު،" އޭނާ ބުންޏެވެ.

ޑި ލިޓް ހޯދަން ކުރި މަސައްކަތުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ބައިވެރިވި އެވެ. މިދިޔަ މަހު އޮތް ނޭޝަންސް ލީގުގެ ފައިނަލު މެޗަށް ފަހު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާ ގުޅެން ޑި ލިޓަށް ދައުވަތު ދީފަ އެވެ. ޑި ލިޓް ބުނީ ރޮނާލްޑޯ ފަދަ ކުޅުންތެރިއެއްގެ ހުށަހެޅުމެއް ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.

ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީއާ އެކު މަސައްކަތްކުރުމަކީ ވެސް މި ޓީމަށް ބަދަލުވުމުގެ ފަހަތުގައި އޮތް ސަބަބެއް ކަމަށާއި ސާރީގެ ފަރާތުން އިވުނީ އުއްމީދީ ވާހަކަތަކެއް ކަމަށް ޑި ލިޓް ބުންޏެވެ.