މާރޭޒަށް މިސްރުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަނީ

ގާހިރާ، މިސްރު (ޖުލައި 23) - ދާދި ފަހުން ނިމުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދި އަލްޖީރިއާގެ ކެޕްޓަން ރިޔާދު މާރޭޒަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން މިސްރުގެ ވަކީލަކު އެ ގައުމުގެ ސަރުކާރަށް ހުށަހަޅައިފި އެވެ.


ފައިނަލުގައި ސެނެގޯލް ބަލިކޮށް އަލްޖީރިއާ އިން 1990 ވަނަ އަހަރަށް ފަހު އެފްރިކާގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު އޮތް ނިންމުމުގެ ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އިތުރުން އެހެން އޮފިޝަލަކާ ސަލާމްކުރި ނަމަވެސް މިސްރުގެ ބޮޑުވަޒީރު ޑރ. މުސްތަފާ ކަމާލް މަދްބޫލީ އާއި ސްޕޯޓްސް މިނިސްޓަރު އަޝްރަފް ސޯބީއާ މާރޭޒް ސަލާމެއް ނުކުރެ އެވެ. ސޯޝަލް މީޑިއާގައި އެއްބަޔަކު ބުނިގޮތުގައި މިއީ މާރޭޒް ގަސްދުގައި ކުރި ކަމެއް ނޫނެވެ.

އެކަމަކު މިސްރުގެ މީޑިއާތަކުން ތުހުމަތުކުރީ މާރޭޒް ގަސްދުގައި ބޮޑުވަޒީރު މަދްލޫބީ އާއި ސްޕޯޓްސް މިނިސްޓަރު އަޝްރަފްއާ ސަލާމްނުކުރީ ކަމަށާއި އެއީ އޮތް ސިޔާސީ ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން ކުރި ކަމެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ވެގެންވާނެ ކަމެއް ނޫން ކަމަށް މިސްރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެފްރިކަން ކަޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ވީޑިއޯ.

މި މައްސަލަ އިތުރަށް ހޫނުވެ، މިސްރުގެ ވަކީލެއް ކަމަށްވާ ސާމީ ސޮބްރީ ވަނީ މާރޭޒަށް ދަތިކުރުމުގެ ފިޔަވަޅު މިސްރު ސަރުކާރުން އެޅުމަށް ގޮވާލައިފަ އެވެ. އަދި މިސްރުގެ އެޓާނީ ޖެނެރަލް ނަބީލް އަހުމަދު ސޯދިގަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ސާމީ އެދިފައިވަނީ މިސްރު ސަރުކާރުން ބްލެކްލިސްޓު ކޮށްފައިވާ ފަރާތްތަކުގެ ގޮތުގައި މާރޭޒް އާއި އޭނާގެ އާއިލާ ހިމެނުމަށް އެދިފަ އެވެ.

އެފްރިކަން ކަޕް ފައިނަލް މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި އަލްޖީރިއާގެ ކޯޗު ޖަމީލް ބެލްމާދީ ވަނީ މިސްރު ސަޕޯޓަރުންނާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން މިސްރުގެ ސަޕޯޓަރުން އަލްޖީރިއާ އަށް ސަޕޯޓްކުރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ބެލްމާދީ ދިން ޖަވާބަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

"އަހަރެން އެބަޖެހޭ ފްރާންސްގައި ހުރި ލޮލުގެ ޑޮކްޓަރަކަށް ދައްކަން. އެއީ ތިބުނި މަންޒަރުތައް އަހަރެންނަށް ނުފެނުނީމާ،" ބެލްމާދީ ބުންޏެވެ.

ސިޔާސީ ގޮތުންނާއި ފުޓްބޯޅަ އިން ވެސް ބޮޑުވާދަވެރިކަމެއް އޮންނަ މިސްރާއި އަލްޖީރިއާ މީގެ ކުރިން ކުޅުނު މެޗުތަކުގައި ވެސް ވަނީ އެކި ކަހަލަ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ.