ރޮނާލްޑޯ ނުކުޅުމުން ކޮރެއާ ސަޕޯޓަރުން ހިތްހަމަނުޖެހިއްޖެ

ސޯލް، ދެކުނު ކޮރެއާ (ޖުލައި 27) - ދެކުނު ކޮރެއާ އިން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ޔުވެންޓަސް އިއްޔެ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭތީ މެޗު ބަލަން ދިޔަ ދެކުނު ކޮރެއާގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށް މެޗުގެ ޓިކެޓްގެ ރިފަންޑަށް އެދެން ފަށައިފި އެވެ.


ސޯލް ވޯލްޑް ކަޕް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗު އެއްކޮށް ރޮނާލްޑޯ އިނީ ބެންޗުގަ އެވެ. ދަނޑަށް ވަދެ ތިބި 60،000 ސަޕޯޓަރުން ރޮނާލްޑޯ ކުޅެން އަރުވަން އަޑުއުފުލި ނަމަވެސް ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ އެ ފުރުސަތު ނުދެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ރޮނާލްޑޯ ލައްވައި ނުކުޅުވީ އިއްޔެ އެ ޓީމަށް ކޮރެއާ އަށް ދެވުނު ގަޑި ލަސްވުމުންނެވެ. ޗައިނާގެ ނަންޒިން އިން ކޮރެއާ އަށް ދާން ހަމަޖެހިފައި އޮތް ފްލައިޓް ލަސްވިއިރު، ކޮރެއާ އަށް ދެވުނުއިރު، މެޗު ފަށަން އޮތީ ފަސް ގަޑިއިރަށްވެފަ އެވެ. މެޗު ފެށީ ވެސް ހަމަޖެހިފައި އޮތް ވަގުތަށް ވުރެ އެއް ގަޑިއިރު ފަހުންނެވެ.

ކޮރެއާގެ ސަޕޯޓަރަކު ރޮނާލްޑޯގެ މާސްކެއް އަޅައިގެން. -- ފޮޓޯ: އޭއެފްޕީ

މެޗު ބަލަން ވަން ގިނަ ސަޕޯޓަރުން މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހި ޝުއޫރު ފާޅުކުރަމުންނެވެ. އެ ގޮތުން ގިނަ ސަޕޯޓަރުން ބުނީ ކޮރެއާ އިން މި މެޗު ޕްރޮމޯޓްކުރީ ރޮނާލްޑޯ ކުޅޭނެ ކަމަށް ބުނެފައި ކަމަށާއި އެހެން ކަމުން އެ ފުރުސަތު ނުލިބުމުން އޭގެ ބަދަލުދޭންޖެހޭނެ ކަމަށެވެ. އަދި ރޮނާލްޑޯ ނުކުޅުނީ ކޮން ބައެއްގެ އިހުމާލުން ކަން ބަލަން ބޭނުމެއްނުވާ ކަމަށާއި އިންތިޒާމުތައް ފުރިހަމަނުވުމަކީ ސަޕޯޓަރުންނަށް އޭގެ ދެރަ ލިބެންޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ބުނެފައިވެ އެވެ.

"އަހަރެމެން ބޭނުންވަނީ ރިފަންޑް. ޓިކެޓް ގަތީ ރޮނާލްޑޯ ކުޅޭތަން ބަލަން. އެކަމެއް ނުވި. އެހެންވީމަ ބަދަލުލިބެންޖެހޭ،" މެޗު ބަލަން ވަން ސަޕޯޓަރަކު މީޑިއާ އަށް ބުނެފައިވެ އެވެ.

އިއްޔެގެ މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ކޮރެއާގެ އޯލްސްޓާ ޓީމަށް ލީޑުނަގައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު އޮސްމާ ބާބާ އެވެ. އޭގެ ދެ މިނިޓް ފަހުން ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ ސިމޯން މުރަޓޯރޭ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ބްރެޒިލްގެ ފޯވާޑް ސެސީނިއާ ޖެހި ގޯލާއި ދެ ވަނަ ހާފުގެ ކުރީކޮޅުގައި އޮސްޓްރޭލިއާގެ މިޑްފީލްޑަރު އެޑަމް ޓަގާޓްގެ ގޯލުތަކުން ކޮރެއާ އޯލްސްޓާ އިން ދެ ގޯލުގެ ލީޑެއްނެގި އެވެ. އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން އެއްވަރުކުރީ ބްލައިސް މަޓުއިޑީ އާއި މެތިއޫސް ޕެރޭރާ ޖެހި ގޯލުތަކުންނެވެ.