ފަހު މެޗުގައި ވެސް ލަންކާގެ މަލިންގާ ތަފާތު ދައްކައިފި

ކޮލަމްބޯ، ސްރީލަންކާ (ޖުލައި 27) - ވަން ޑޭ އިންޓަނޭޝަނަލް ކްރިކެޓް (އޯޑީއައި) ގައި ސްރީ ލަންކާގެ ކުޅަދާނަ އުކުންތެރިޔާ ލަސިތު މަލިންގާ ކުޅުނު ފަހު މެޗުގައި ވެސް ޓީމު މޮޅުކޮށްދޭން މުހިއްމު ދައުރެއް އަދާކޮށްފި އެވެ.


ބަންގްލަދޭޝާ ދެކޮޅަށް ލަންކާ ތިން މެޗު ހަމަޖައްސާފައިވާއިރު، ފުރަތަމަ މެޗު ހާއްސަވެފައި އޮތީ އުމުރުން 35 އަހަރުގެ މަލިންގާގެ ރިޓަޔާމަންޓަށެވެ. އިއްޔެގެ މެޗުގައި ލަންކާ މޮޅުވީ 91 ލަނޑުންނެވެ. މެޗުގެ ފަހު ވިކެޓް ނެގީ ވެސް މަލިންގާ އެވެ.

ލަންކާ ގައުމީ ޓީމަށް 2004 ވަނަ އަހަރު ކުޅެން ފެށި މަލިންގާ ވަނީ އިއްޔެގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކުޅުނު ފަހު މެޗުގައި އިއްޔެ އޭނާ ވަނީ ޖުމްލަ ތިން ވިކެޓް ނަގައިފަ އެވެ. އޯޑީއައި އިން ރިޓަޔާކުރި ނަމަވެސް މަލިންގާ ހުރީ އަދި އެއްކޮށް ކުޅުން ހުއްޓާލާ ގޮތަކަަށެއް ނޫނެވެ.

"މިއީ އަހަރެން އޯޑީއައި އިން ރިޓަޔާކުރަން އެންމެ ރަނގަޅު ވަގުތު. އަހަރެން މި އަންނަނީ ފާއިތުވި 15 އަހަރު ސްރީލަންކާ އަށް ކުޅެދެމުން. މިއީ އަނެއް ފިޔަވަޅު ނަގަންޖެހޭ ވަގުތުކަމުގައި ދެކެން،" މަލިންގާ ބުންޏެވެ.

މަލިންގާ އަށް ގާޑް އޮފް އޮނާ އެއް ދެނީ. -- ފޮޓޯ: އޭއެފްޕީ

އޭނާ ބުނީ ލަންކާ އަކީ ކާމިޔާބު ހޯދޭނެ ފެންވަރު ހުރި ޓީމެއްކަން 1996 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2014 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕުން ފެނިގެންދިޔަ ކަމަށާއި މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންވީ ވަގުތު ކަމުގައި ދެކޭ ކަމަށެވެ.

މަލިންގާ ދެން ފެންނާނީ ޓީ20 ކްރިކެޓުންނެވެ. އޭނާ ވަނީ ދާދި ފަހުން ނިމިދިޔަ ވޯލްޑް ކަޕަށް ފަހު އޯޑީއައި އިން ރިޓަޔާކޮށް ޓީ20 އަށް ހާއްސަވާނެ ކަމަށް ބުނެފަ އެވެ.

ކްރިކެޓް ތާރީހުގައި ވެސް ފާހަގަކޮށްލެވޭ މަލިންގާ އަތުގައި އޯޑީއައި ރަނގަޅު ރެކޯޑްތަކެއް އެބައޮތެވެ. އެ ގޮތުން އޭނާ އަކީ އޯޑީއައިގައި ތިން ވިކެޓް ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިޔާ އެވެ. އަދި ހަތަރު ބޯޅައިން ހަތަރު ވިކެޓް ނެގި ހަމައެކަނި ކުޅުންތެރިޔާ ވެސް މެ އެވެ.

އިއްޔެގެ މެޗުގެ ކުރިން މަލިންގާގެ ޝަރަފްގައި ގާޑް އޮފް އޮނާއެއް އެރުވިއިރު، އޭނާ އަކީ އެ ގައުމުގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިޔާ އެވެ. އޭނާ އަށް ވުރެ ގިނައިން ވިކެޓް ނެގީ މުތިއާ މުރާލިތަރަން އާއި ޗަމިންދަ ވާސް އެވެ.