ލުކާކޫ ހޯދަމުގެ ރޭހުގައި ޔުވެންޓަސް ކުރިއަށްޖެހިލައިފި

މިލާން (ޖުލައި 31) - އިންޓަ މިލާނުން ފާރަލަމުން އައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދުމުގެ ރޭހުގައި މި ވަގުތު ލީޑުކުރަމުން އަންނަނީ ޔުވެންޓަސް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.


މީގެ ކުރިން ޗެލްސީގައި ހުރިއިރު ވެސް ކޮންޓޭ ވަނީ ލުކާކޫ ހޯދަން މަސައްކަތްކޮށްފަ އެވެ. މީގެ ދެ އަހަރު ކުރިން ލުކާކޫ، ޔުނައިޓެޑަށް ބަދަލުވީ 93 މިލިއަން ޑޮލަރަށެވެ. އެ ފަހަރު ލުކާކޫ ޔުނައިޓެޑާ ގުޅުނީ އޭރު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ އެދުމަށެވެ.

އިންޓަ ކޯޗުކަމާ ހަވާލުވެ ކޮންޓޭގެ އެންމެ ބޮޑު ޓާގެޓަކީ ލުކާކޫ އެ ޓީމަށް ގެނައުމެވެ. ޓްރާންސްފާ މާކެޓް ފެށުނު އިރުއްސުރެ އިންޓަ އިން އަންނަނީ ލުކާކޫ ހޯދަން އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އިންޓަ އިން ވަނީ ލުކާކޫ ހޯދަން ޔުނައިޓެޑާ އެކު މަޝްވަރާކޮށްފަ އެވެ. އެ ފަހަރު އިންޓަ އިން ހުށަހެޅި 67 މިލިއަން ޑޮލަރުގެ ބިޑަށް ޔުނައިޓެޑުން ނޫނެކޭ ބުނި ނަމަވެސް ފަހުން ކޮންޓޭ ބުނީ އަދި މި ހިސާބުން މަސައްކަތް ނުނިމޭ ކަމަށެވެ.

އެއްވެސް ކުޅުންތެރިއަކު ވިއްކާލަން ޔުނައިޓެޑަށް ނުފޫޒެއް ނޯންނާނެ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ބުނެފަ އެވެ. އޭގެ ފަހުން ލުކާކޫ ވަނީ އޭނާ ދޫކޮށްލަދޭން އޭޖެންޓް ފެޑެރީކޯ ޕަސްޓޮލޭރޯ މެދުވެރިކޮށް ޔުނައިޓެޑްގައި އެދިފަ އެވެ. އެކަމަކު ޔުނައިޓެޑުގެ އެއްބާރުލުމެއް އެކަމަށް ނުލިބި އޮއްވާ މިހާރު ޔުވެންޓަސް އިން ވެސް ވަނީ ލުކާކޫ ގެންނަން މަސައްކަތް ފަށައިފަ އެވެ.

ރިިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްގެ ވިސްނުން ހުރީ ލުކާކޫ ހޯދަން 15 މިލިއަން ޑޮލަރުގެ އިތުރުން ޕައޮލޯ ޑިބާލާ އާއި މާރިއޯ މަންޑްޒުކިޗް ހުށަހަޅާށެވެ. ރިޕޯޓްތައް ބުނާގޮތުން މި ޑީލަށް ޔުނައިޓެޑްގެ ރުހުން ލިބުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މައްސަލަ އަކަށް ދިމާވާނެ ކަމަށް ކުރިން ބެލެވިފައި އޮތީ ޑިބާލާ ޔުނައިޓެޑަށް ބަދަލުވާން ބޭނުންނުވުމެވެ. އެއީ ދާދި ފަހުން ޓޮޓެންހަމުން ވެސް ޑިބާލާ ހޯދަން މަސައްކަތްކުރިއިރު، އޭނާ އޭރު ބުނީ ކްލަބް ބަދަލުކުރަން އަދި ބޭނުންނުވާ ކަމަށާއި ވިސްނުން ހުރީ ޔުވެންޓަސްގައި މަޑުކޮށް ޖާގަ އަކަށް ވާދަކުރުމަށް ކަމަށް ބުނެފަ އެވެ.

އެކަމަކު ޔުނައިޓެޑަށް ބަދަލުވެވޭނެ ފުރުސަތު އޮތުމުން ޑިބާލާ އަންނަނީ އޭނާގެ އޭޖެންޓް މެދުވެރިކޮށް އެ ޑީލާ މެދު ގޮތެއް ނިންމަން މަޝްވަރާކުރަމުންނެވެ.

ބަދަލުގައި ކުޅުންތެރިއަކު ނުލިބޭގޮތަށް އުމުރުން 26 އަހަރުގެ ލުކާކޫ ވިއްކާލަން ޔުނައިޓެޑުން ބޭނުންވަނީ އޭނާ ގަތް އަގު ކަމަށްވާ 93 މިލިއަން ޑޮލަރަށެވެ. ނޫނީ އެ ޑީލާ ގާތްކުރާ ވަރުގެ ކުޅުންތެރިން ބަދަލުގައި ލިބޭ ގޮތަކަށެވެ. މި ފަހަރުގެ ޕްރީ ސީޒަންގައި ޔުނައިޓެޑްގެ އޭޝިއާ ޓުއާގައި ކުޅުނު ހަތަރު މެޗުގައި ވެސް ލުކާކޫ ނުކުޅެ އެވެ. އަދި ރޭ ނޯވޭގެ ކްރިސްޓިއަންސުންޑް އަތުން 1-0 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ވެސް ނުކުޅެ އެވެ.

ޔުނައިޓެޑްގެ ޓްރާންސްފާ އެހެން ހަބަރުތަކަށް ބަލާއިރު ލެސްޓާ ސިޓީގެ ހެރީ މެގުއާ އާއި ސްޕޯޓިން ލިޒްބަންގެ ބްރޫނޯ ފެނާންޑޭޒް އަދި ލާޒިއޯގެ މިލިންކޮވިޗް ސަވިޗާ އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު ޔުނައިޓެޑުން އެ ކުޅުންތެރިންގެ ޓްރާންސްފާ ފީ ދެއްކުމުގައި ވަކި ގޮތަކަށް އެއްބަސްނުވެވޭތީ ޑީލް އޮތީ މަޑުޖެހިފަ އެވެ.