ޔުރޮޕާ ލީގަކީ މޮރީނިއޯ އަށް ބޮލުގެ ރިހުމެއް

ރޮޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 15) - ޔުރޮޕާ ލީގަކީ މެންޗެސްޓާ ޔުނައިޓެޑުން ވާދަކުރަން ބޭނުންވާ މުބާރާތެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ޔުރޮޕާ ލީގުގައި 2003 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މޮރީނިއޯ ކޯޗުކޮށްދޭ މެޗުގައި މިރޭ ނުކުންނާނީ ނެދަލެންޑްސްގެ ފެޔަނޫޑާ ދެކޮޅަށެވެ.

މޮރީނިއޯ ބުނީ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހުމުގެ ސަބަބުން ޕްރިމިއާ ލީގުގައި ކުޅޭއިރު ޔުނައިޓެޑަށް އަސަރުކުރާނެ ކަމަށެވެ.

"ބުރާސްފަތި ދުވަހުގައި މެޗު ކުޅެފައި އަނެއްކާ އާދިއްތަ ދުވަހު މެޗެއް ކުޅުމަކީ ފަސޭހަކަމެއް ނޫން. ހޯމަ ދުވަހު މެޗު އޮތް ނަމަވެސް ރަނގަޅު އެއީ އަރާމްކުރަން އިތުރު އެއް ދުވަސް ލިބޭނެތީ. އެކަމަކު އެ ގޮތަކަށް ނޫން އޮތީ،" މޮރީނިއޯ ބުންޏެވެ.

އެހެން ނަމަވެސް އޭނާ ބުނީ މުބާރާތް ފަސޭހަކޮށް ނުނަގާނެ ކަމަށެވެ.

"މިއީ އަހަރެން ވެސް އަދި ޔުނައިޓެޑުން ވެސް ވާދަކުރަން ބޭނުންވާތީ ކުޅޭ މުބާރާތެއް ނޫން. ހަގީގަތަކީ އަހަރެމެން މި މުބާރާތް ވާދަކުރަން ޖެހިފައި އޮތުން. އެހެންވެ އަހަރެން ބޭނުމެއް ނޫން ފަސޭހައިން ދޫކޮށްލަން. މި މުބާރާތަކީ ވެސް ޔޫރަޕްގެ ބޮޑު މުބާރާތެއް ކަމަށް ވުމުން އަހަރެމެން ބޭނުން މި މުބާރާތް ކާމިޔާބު ކުރަން،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑްގެ އެއްވެސް ކުޅުންތެރިއެއްގެ ހުވަފެނަކީ ޔޫރޮޕާ ލީގުގައި ކުޅުން ނޫން ކަމަށާއި އެކަމަކު ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅު ކުރަން ޔޫރޮޕާ ލީގުގައި ނަތީޖާ ނެރެން ޖެހޭ ކަމަށް މޮރީނިއޯ ބުންޏެވެ.

"މިދިޔަ ސީޒަނުގައި މިޓަޔައެލަން އަތުން ބަލިވި މެޗުގެ ނަތީޖާ އަކީ ޔުނައިޓެޑްގެ ކުޅުންތެރިން އަދި ސަޕޯޓަރުންނަށް ވެސް އުނދަގޫވާނެ ނަތީޖާއެއް. އެހެންވުމުން އަހަރެމެން އެބަޖެހޭ ޔޫރޮޕާ ލީގުގައި ވެސް ނަތީޖާ ނެރެން،" މޮރީނިއޯ ބުންޏެވެ.

ޔޫރޮޕާ ލީގުގެ ފުރަތަަމަ މެޗަށް ޔުނައިޓެޑުން ނެގި ސްކޮޑުން ކެޕްޓަން ވޭން ރޫނީ އާއި އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން ވަނީ ބާކީކޮށްފަ އެވެ.

ފެޔަނޫޑް ދަނޑުގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 10 ޖަހާއިރު އެވެ.